ޝެއިހަކާ ގުޅިގެން ރާއްޖެއިން ހައްޖަށް ދިޔަ ހަތަރު މީހަކު ހާލުގައި ޖެހިގެން ސައުދީ އަރަބިއްޔާގައި އުޅެނިކޮށް ސަރުކާރުން އެމީހުންނާއި ހަވާލުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަތަރު މީހުން ހައްޖަށް ދިޔައީ ރާއްޖޭގެ މަޝްހޫރު ޝެއިހަކު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށް ހައްޖު ވިސާ ޖަހައިދިނުމުންނެވެ. އަދި އެމީހުންނާއި އެކު އެ ޝައިހު ރާއްޖެއިން ޝްރީލަންކާއަށް ދިއުމަށް ފަހު އެމީހުން އެކަނި ފޮނުވާލީ ކަމަށްވެ އެވެ.
އެމީހުން ހާލުގައި ޖެހުނީ ޖިއްދާ އެއާޕޯޓުން އެމީހުން ހިފެހެއްޓުމުންނެވެ. އެމީހުން ސައުދީއަށް ދިޔައީ އެކޮޅުން ބަޔަކު ހަވާލުވާނެ ކަމަށް ބުނެ ނަމްބަރެއް ދިނުމުންނެވެ. އެކަމަކު އެއްވެސް ބަޔަކު ޖިއްދާ އިން އެމީހުންނާއި ހަވާލުވެފައެއް ނުވެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމިން ރަޝީދު މިއަދު ވިދާޅުވީ އެ ހަތަރު މީހުންނާއި އެ ކޯޕަރޭޝަންގެ ފަރާތުން މިހާރު ހަވާލުވެފައިވާ ކަމަށެވެ. އަދި އެމީހުން ހައްޖުގެ އަޅުކަން އަދާކޮށް މައްކާގައި ތިބުމުގެ ހުރިހާ އިންތިޒާމަކާއި ހައްޖު ކޯޕަރޭޝަނުން ހަވާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމީހުންގެ ހުރިހާ ކަމަކާއި ހަވާލުވާން ނިންމީ އެ ހަތަރު މީހުންގެ އަތުގައި ހައްޖުވުމަށް ސައުދީ ސަރުކާރުން ހޯދަން ޖެހޭ ހުރިހާ ހުއްދައަކާއި ވިސާ އޮތުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ވަނީ ހައްޖަށް ދިއުމަށް ކޮންމެ މީހަކު 70،000 ށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފަ އެވެ.
ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެމަފިރިއަކާއި މުސްކުޅި ދެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް