ވާހަކަ: މަންޒިލް ތިޔޭ – ސާދަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އާރަވްގެ އެއްވެސް ޝައުޤެއް ނެތްކަން އެނގި ދުއާ ދެރަވިއެވެ. ހިތަށް ކުރި ފުންއަސަރު ލޮލުން ފެންނަން އުޅުމުން ދުއާ އަވަސް އަވަހަށް އެތަނުން ނިކުތެވެ. ދުއާ ނިކުތުމާއެކު މަސައްކަތް ...

26 Jun 2022 | 16:36

ކުރީގެ އަދަދާއި ގުޅޭ...

އާރަވްގެ އެއްވެސް ޝައުޤެއް ނެތްކަން އެނގި ދުއާ ދެރަވިއެވެ. ހިތަށް ކުރި ފުންއަސަރު ލޮލުން ފެންނަން އުޅުމުން ދުއާ އަވަސް އަވަހަށް އެތަނުން ނިކުތެވެ. ދުއާ ނިކުތުމާއެކު މަސައްކަތް ހުއްޓާލުމަށްފަހު އާރަވް ގޮނޑީގައި ލެގިލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. ކަމަކާ ވިސްނާފަދަ ގޮތަކަށް އެތައް އިރެއް ވަންދެން އެގޮތުގައި އޭނާ އިނެވެ.

***************

ޑިއުޓީ ނިންމާފައި ގެއަށް އައިސް އެންމެ ފުރަތަމަވެސް ރާނީ ގުޅީ އަމާންއަށެވެ. ވެގެން އުޅޭ ގޮތް އަމާންއަށް ކިޔައިދިނުމަށް ރާނީ ފަހެއް ނުޖެހުނެވެ. ކޮންމެ ކަމެއްގައިވެސް އަމާންގެ އެއްބާރުލުން އޭނާއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ. ރާނީ ދެއްކި ވާހަކައަށް ފަހު އިރުކޮޅަކު ހިމޭންވެފައި އަމާންއަށް ހުރެވުނެވެ. ބަހެއް ބުނެވޭ ވަރުވީ ރާނީ ތިން ހަތަރު ފަހަރު ގޮވައިލި ފަހުންނެވެ. ރާނީގެ ދެއްކި ވާހަކައަށް ވަކި ޖަވާބެއް ނުދީ އަމާން ބުނެލީ ވީ އެންމެ އަވަހަކަށް އޭނާ ރާއްޖެ ދާނެ ވާހަކައެވެ. އިތުރު ވާހަކައެއް ދައްކާކަށް ރާނީއަށް ފުރުސަތެއް ނުލިބުނެވެ. އަމާން ފޯނު ކަނޑައިލީއެވެ. އަމާން ހިތްހަމަނުޖެހުނީ ކަމަށް ހީކޮށް ރާނީ ކަންބޮޑުވިއެވެ. އަމާން އަންނަން އުޅެނީ އޭނާ ބަލައި ކަމުގައި ހީކުރެވުނެވެ. ލިބުނު ހާސްކަމުގައި ރާނީގެ މޫޑު އިތުރަށް ގޯސްވިއެވެ. އެއްވެސް ކަމެއް ކުރާހިތްނުވެ އެނދުގައި އޮށޯވެ އޮއްވައި ރާނީއަށް ނިދުނީއެވެ.

*******

ކްލިނިކްގައި އުޅުމަށްފަހު އަމާން ގެއަށް އައި އިރު އިރުއޮއްސިއްޖެއެވެ. ރާނީ ދެއްކި ވާހަކަތަކަށް ފަހު އަމާން އަށް ހަމަޖެހުމެއް ނުލިބެއެވެ. މިވީހާ ދުވަހު ފޮރުވައިގެން އުޅުނު ސިއްރު ރާނީގެ ކުރިމަތީގައި ނިއުޅެމުން އެދަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ރާނީއަށް ހުރިހާ ހަޤީޤަތެއް އެނގޭ ދުވަހު ދެން ކަންތައްވެދާނެ ގޮތަކާމެދު އޭނާ ޖެހިލުންވެއެވެ. ރާނީ ދެއްކި އެއްވެސް ވާހަކައެއް ހާޖަރާ ހިއްސާކޮށްފިނަމަ އޭނާ ކަންބޮޑުވާނެ ވަރު އަމާންއަށް އިހުސާސް ކުރެވެއެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ހާޖަރު ކައިރީގައި ދޮގެއް ބުނަން އަމާންއަށް މަޖުބޫރުވެއްޖެއެވެ.

އަތުގައި އޮތް ކާރުގެ ތަޅުދަނޑު ޓީވީ ރެކް މަތީގައި ބާއްވައިލަމުން އޭނާ ގެއަށް އައިކަން ހާޖަރަށް އަންގާލުމުގެ ގޮތުން ހާޖަރަށް ގޮވައިލިއެވެ. ދެފަހަރު ގޮވައިލުމުންވެސް ހާޖަރުގެ ހަބަރެއް ނުވުމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އޭނާއަށް ވުރެ ކުރިން އަބަދުވެސް ހާޖަރު ގެއަށް އަންނާނެއެވެ. މުހިންމުކަމެއް ވެގެން ނާދެވޭނަމަ އޭނާއަށް ގުޅާފައި ބުނާނެއެވެ. ކޮޓަރީގައިވެސް ހާޖަރު ނެތުމުން ބަދިގެ ވެސް ބެލިއެވެ. ހާޖަރުގެ ފޯނަށް ގުޅި ހިނދު ސޯފާމަތީގައި އޮތް ހާޖަރުގެ ފޯނު ރިންގުވިއެވެ. އެހެންކަމުން ހާޖަރު ގޭގައި އުޅޭކަން އަމާންއަށް ޔަގީންވިއެވެ. ދެން އަމާން ގޮސް މިސްރާބުޖެހީ ހާޖަރުގެ އެކި ކަހަލަ ފެހުމުގެ މަސައްކަތަށް ހާއްސަ ކުރެވިފައި ހުންނަ ކޮޓަރިއާ ދިމާއަށެވެ. އެކޮޓަރީގެ ދޮރުހުޅުވައިލުމާއެކު އެންމެ ފުރަތަމަ ވެސް އަމާންގެ ކަންފަތުގައި އައިސް ޖެހުނީ ހާޖަރުގެ ގިސްލުމުގެ އަޑެވެ. އަލަމާރި ކައިރީގައި ތިރީ އިށީންދެ އިން ހާޖަރު އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން އަމާންއަށް ބަލައިލިއެވެ. ހާޖަރުގެ އުނގާއި އަތުތެރޭގައިވާ ފޮޓޯތައް ފެނުމުން ވެގެން އުޅޭގޮތް އަމާންއަށް އެނގުނެވެ. ދޭތެރެއަކުން އެކޮޓަރިއަށް އައިސް އެގޮތަށް ރޯން އިނުމަކީ ހާޖަރުގެ އާދައެކެވެ. ހާއްސަކޮށް ރާނީ ދިޔަފަހުން އެކަން އިތުރުވެއްޖެއެވެ. އަމާން މަޑުމަޑުން އައިސް އަލާމަރި ކައިރީގައި ހުރި މޭޒުކައިރީގައިވާ ގޮނޑި ދަމާލާފައި އިށީނެވެ. އެހިނދު އަނެއްކާވެސް ހާޖަރު އަތުގައިވާ ފޮޓޯތަކަށް ނަޒަރު ހުއްޓައިލިއެވެ.

" ހިތަށް އަރާ އަހަރެންގެ ދަރިފުޅު ކޮބައިބާވައޭ.. ދުނިޔޭގައި އެބަހުރި ބާއޭ.. " ހާޖަރު އެދައްކަނީ ރާނީގެ ވާހަކައެއް ނޫންކަން އަމާންއަށް އެނގި އިސް ޖަހައިލިއެވެ.

" އެދަރިފުޅަށް އަހަރެން މީ ކާކުކަން އެނގޭނެތަ؟ އޭނަ ދުވަހަކުވެސް އަހަރެންނަށް މާފުކޮށްފާނެތަ..؟ " ހާޖަރު އަހައިލިއެވެ.

" ތިގޮތަށް އަބަދު ހާޖަރު ރޯތަން ދެކެން އަހަރެންނަކަށް ކެތެއް ނުވާނެ.. އަހަރެން ކުރިން ބުނިން ހާޖަރުގެ މާޒީ އެނގޭކަށް ބޭނުމެއް ނެތޭ.. އެކަމަކު.. މިހާރު އެމީހުންގެ މައުލޫމާތު އަހަރެން އެނގެން ބޭނުން.. ތިދަރިފުޅުގެ ނަން އަހަރެން ކައިރީގައި ބުނެފިއްޔާ އެމަންޖެ ހޯދަން އަހަރެންނަށް މަސައްކަތް ކޮށްދެވިދާނެ.. " އަމާން ބުންޏެވެ. ހާޖަރު އޭނާގެ ހަޔާތުގައި ހިނގައިދިޔަ ހިތްދަތި ކަންތައްތައް އަމާންއަށް ކިޔައިދީފައިވީ ނަމަވެސް އެއީ ކޮންބައެއް ކަން ނުބުނެއެވެ. އޭރު އެއީ ކޮންބައެއްތޯ ބަލަން ބޭނުން ނުވެސްވީއެވެ. ނަމަވެސް މިހާރު އެކަން އެނގުން މުހިންމު ވެއްޖެއެވެ.

" މިހާރު ތިކަމަށް މާލަސްވެއްޖެ އަމާން.. އެމަންޖެއަށްވެސް ދެން ރަނގަޅުވާނީ އަހަރެންގެ ގޮތް ނޭނގުނިއްޔާ.. ހަމަގައިމުންވެސް އެމަންޖެ ބައްޕައާއެކު އުޅެންޏާ އުޅޭނީ ވަރަށް ތަނަވަސް ދިރިއުޅުމެއްކަން ޔަގީން.. އެހެންނޫނަސް އަހަރެންގެ ދެން ހުރި ކުއްޖާ މިދުނިޔެއާ ވަކިވެ ދިޔައީވެސް އަހަރެންގެ ފަރުވާ ކުޑަކަމާ ހުރެ.. ކިހިނެއް އެނގެނީ އެމަންޖެ އަހަރެން ކައިރީގައި ހުރިނަމަ އޭނާއަށް ވެސް.......... " ހާޖަރަށް އިތުރަށް ކުރިއަށް ނުގެންދެވި ރޮވުނެވެ.

" ތިކަހަލަ ވާހަކަ ނުދައްކާ.. ވާނެ ގޮތެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެ.. ހަމަ ރާނީ އާއި ރަޔަންވެސް ނުލާހިކު ރަނގަޅަށް ބޮޑުކުރެވިއްޖެއްނު.. މިހާރު އެތައް ފަހަރަކު ބުނެފިން އުފާގެ މަރުގަ ހާޖަރުގެ އިހުމާލެއް ނެތޭ.. ޙުދު ހާޖަރެއް ނޫންތަ އަހަރެން ކައިރީގައި ބުނީ ބަޔަކު މީހަކުން ރާވައިގެން ކުރި ކަމަކާ މެދު ޝައްކޭ.. އަހަރެން އެމީހުންގެ މައުލޫމާތު އެނގެން ބޭނުން.. "

" އެއީ ކޮންބައެއް ކަން އެނގުނަސް މިހާރު ވާނެ ފައިދާއެއް ނެތް.. މާޒީގެ ހިޔަނި އެއްވެސް ހާލެއްގައި މިއަދަށް އެޅޭކަށް އަހަރެން ބޭނުމެއްނޫން.. "

" އެކަމަކު ހާޖަރު ވިސްނާލިންތަ ހަޤީޤަތް އެނގުމަކީ އެމީހުންނަށް ލިބިގެންވާ ހައްޤެއްކަން.. ރާނީ އެހުރީ މާލޭގައި.. އޭނާގެ އާއިލާގެ މީހުން އެތާ އެބަތިބި... މާދަން އެއިން މީހަކާ ދިމާވެ ހަޤީޤަތް އެނގުމުން ވާ ދެރަ ބޮޑުވާނެ.. ރަޔަންއަށް ވުރެވެސް ބޮޑަށް ރާނީއަށް އެނގެންޖެހޭ ހަޤީޤަތް.. " ހާޖަރަށް ވިސްނައިދޭން މަސައްކަތް ކުރަމުން އަމާން ބުންޏެވެ.

" ރާނީއަށް ހަޤީޤަތް އެނގިއްޖެނަމަ އަމާންއާ ދުރުވެދާނެތީ ޖެހިލުމެއް ނުވޭތަ؟ " އަމާންގެ މޫނަށް ވަރަށް ފުން ނަޒަރެއް ދެމުން ހާޖަރު އެހިއެވެ. އެހިނދު އަމާންގެ މޫނުމަތިން ފެނުނު މާޔޫސްކަން ހާޖަރަށް ސިއްރެއް ނުވިއެވެ.

" ހަޤީޤަތް އެނގުނަސް އަހަރެންގެ ހިތެއް ނުބުނޭ ރާނީ އަހަރެންނާ ދުރުވާނޭ... ކޮންމެވެސް ދުވަހަކުން ރާނީގެ އުފަން ބައްޕައަކީ ކޮބައިކަން ރާނީއަށް ބުނެދޭން ޖެހޭނެ.. " އިސްޖަހާލައިގެން އިނދެ އަމާން ބުންޏެވެ. އެއަޑުގައިވާ މޮޅިވެރިކަން ހާޖަރަށްވެސް އިހުސާސްވިއެވެ. އެކަމާ ބެހޭގޮތުން އޭނާ އިތުރަށް ވާހަކައެއް ނުދެއްކިއެވެ.

**************

އެނދުގެ ފައިލާ ކޮޅުގައި އިން އާރަވްގެ އަތުގައި އޮތް ޓެނިސް ބޯޅަ ފާރާ ދިމާލަށް އެއްލައެވެ. އެއާއެކު ފާރުގައި ޖެހިފައި އަންނަ ބޯޅައިގައި އޭނާ ހިފައެވެ. އެގޮތުގައި އެތައް ފަހަރަކު ތަކުރާރު ކުރަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ ދުއާ ދެއްކި ވާހަކަތަކެވެ. އެހެނަސް އެވާހަކަތައް އޭނާއަށް ޤަބޫލުކުރަން ދައްޗެވެ. އެރޭ އޭނާއާއި ދުއާ އާ ދެމެދު ހިނގައިދިޔަ ކަންތަކަކީ ދުއާ ހަމަހޭގައި ނެތި ހިނގައިދިޔަ ކަމެއްކަމުގައި ޤަބޫލުކުރަން ދައްޗެވެ. ދުއާގެ ދެލޮލުން އޭނާއަށް ފެނުނު އަސަރުތަކަކީ އެފަދަ ހާލެއްގައި ހުރި މީހެއްގެ ލޮލުން ފެންނާނެ އަސަރެއް ނޫނެވެ. ޤަބޫލުކުރަން ދަތިވަނީ އެހެންވެއެވެ. މާޒީގެ ފުންކަނޑަށް އާރަވް ޣަރަޤުވެގެން ދިޔައީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ.

*******************

ދެއަހަރު ކުރިން

ޕާޓީ ތެރެއިން ދުއާ ވީތަނެއް ނޭނގި އާރަވް ހޯދަމުން ދިޔައީ ރިޒާ ދުއާ ހޯދާ ވާހަކަ ބުނުމަށެވެ. އެތެރެއިން ނުފެނުމުން ނިކުތީ ބޭރަށެވެ. ގޯތި ތެރޭގައިވާ ޕާކުގެ ފެންއަރުވާ ވަޑާން ކައިރީގައި ހުރި ހިލަ ގޮނޑިމަތީގައި ދުއާ އިންތަން ފެނި އާރަވް އެދިމާލަށް ދިޔައެވެ. ދުއާ އާ ކައިރިވަމުން ދިޔަ ވަރަކަށް އާރަވް އަށް ދުއާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ޒިލާލްގެ ބުނި އެއްޗަކުން ދުއާ ދެރަވެގެން ރޮނީކަމަށް ހީކޮށް އާރަވް އައިސް ދުއާ ކައިރީގައި އިށީނެވެ. ރޮއެ ރޮއެ ވަރުބަލިވެފައިވާ ދެލޮލުން ދުއާ އާރަވްއަށް ބަލައިލިއެވެ. ތުންފިއްތައިލުމަށްފަހު ކުރިއަށްބުރެ ބޮޑަށް ދުއާ ރޯންފެށިއެވެ. އެމަންޒަރު ބަލާކަށް އާރަވްއަށް ކެތެއް ނުކުރެވެއެވެ. ވަރަށް ލޯބިން ދުއާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލުމަށްފަހު ދެކޯތާފަތް ފޮހެލައި ދިނެވެ. އެހެނީ ދުއާ އަކީ އޭނާއަށް އެންމެންނަށް ވުރެ ހާއްސަ މީހެކެވެ. ސުކޫލް ދައުރުއްސުރެން އޭނާގެ ހިތުގައި ދުއާއަށް ދެވިފައިވަނީ ތަފާތު ހާއްސަ މަގާމެކެވެ.

" އަހަރެން ގެއަށް ގެންގޮސްދީފާނަންތަ؟ " ދުއާ އެދުނެވެ. އިތުރު ސުވާލެއް ނުކޮށް ބޯޖަހައިލަމުން ދުއާގެ އަތުގައި ހިފައިގެން އާރަވް ތެދުވިއެވެ. އެހިނދު އާރަވް ގައިގާ ދުޢާ ލައްވެލިއެވެ. އެކަމުން އާރަވްއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.  ދުއާ ދުރުކޮށްލާކަށް އާރަވް ނޫޅުނެވެ. ދުއާގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ.

ދުއާގެ ގެ ކައިރިއަށް އާރަވްގެ ކާރު މަޑުކޮށްލިއެވެ. ނަމަވެސް މުޅި ދަތުރުގައި ހިމޭންވެ އިން ދުއާ ހަރަކާތެއްވެސް ކޮށްނުލާ ކުރިއަށް ބަލަހައްޓައިގެން އިނެވެ. ދެފަހަރަކު ދުއާއަށް އާރަވް ގޮވައިލުމުންވެސް ބަލައެއް ނުލިއެވެ. އާރަވް ދުއާގެ ކޮނޑުގައި އަތް ޖަހައިލި ހިނދު ސިހިފައި ދުއާ ބަލައިލިއެވެ.

" ގެއަށް އާދެވިއްޖެ.. ދޮރާ ހަމައަށް ދާންވީތަ ؟ " އާރަވް އެހިއެވެ. ދުއާ ހިނިތުންވެލިއެވެ. އެއީ އެހިނިތުންވުމަކަށްޓަކައި އާރަވް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މޫރިތި ހިނިތުންވުމެވެ.

" ރެވް ކީއްވެ އަހަރެންނަށް ތިހާ ވަރަށް ކެއާ ކުރަނީ.. " ދުއާ އަހައިލިއެވެ. އާރަވް އަށް ދޭނެ ޖަވާބެއް ނޭނގިފައި އިނދެވުނެވެ. ކުއްލިއަކަށް ދުއާ ނެގި އަތުން އާރަވްގެ މޫނުގައި ފިރުމާލައިފިއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އާރަވްއަށް އިނދެވުނީއެވެ.

" އެނގޭތަ؟ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ ކެއާރ ކުރާ މީހަކީ ތީ.. އެހެންވެ.. އެހެންވެ... އަހަރެން.. " އާރަވްގެ ލޮލަށް ބަލަހައްޓައިގެން އިނދެ ދުއާ ބުންޏެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އާރަވްގެ ލޮލުން ނެއްޓި ދުއާގެ ނަޒަރު އާރަވްގެ ތުންފަތަށް ދަތުރުކޮށްލީ އާރަވް ބަލަން އިންދައެވެ. މަޑުމަޑުން ކައިރިވަމުން އައި ދުއާ ހުއްޓުވާކަށް އާރަވް ބޭނުމެއްނުވިއެވެ. ކުރެވެމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ އިހުސާސެކެވެ. ހިތުގެ ތެޅުން އަވަސްވެފައިވީ ހިނދު ދުއާގެ ވެސް ނޭވާ އަވަސް ވަމުން ދިޔަކަން އާރަވްއަށް ފާހަގަ ކުރެވުނެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެވަގުތުކޮޅަށް ފަހު ދުއާ އާރަވްއާ ދުރުވެލިއެވެ. ވެގެން ދިޔަ ކަންތައް ޤަބޫލުކުރަން ދަތިވެފައި އިން ހާލު އާރަވް ދުއާއަށް ގޮވައިލިއެވެ. އެހިނދު އަނެއްކާވެސް ދުއާ އާރަވްގެ މޫނުގައި ފިރުމައިލިއެވެ.

" އެނގެއެއްނު.. ދޯ.. އެނގެއެއްނު އަހަރެން ވަރަށް ލޯބިވާކަން... ދުވަހަކުވެސް އަހަރެންނާ ދުރުނުވައްޗެ.. އޭރުން އަހަރެން ވަރަށް ދެރަވާނެ..  " މިހެން ބުނުމަށްފަހު ދުއާ އާރަވްގެ ކޮނޑުގައި ބޯއަޅައިލިއެވެ. ވީ އުފަލުން އުދުހިގަންނަން އާރަވް ބޭނުންވިއެވެ. އޭނާގެ ހިތުގެ އެދުން ފުރިހަމަމިވީ ހީވެސް ނުކުރާ ގޮތަކަށެވެ.

" އަހަރެންވެސް ދުއާ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ދުވަހަކުވެސް އަހަރެން ދުއާ ދޫކޮށްލާފައި ނުދާނަން.. ދުއާވެސް ވަޢުދުވޭ އަހަރެން ދެކެ އަބަދުވެސް ތިގޮތުގައި ލޯބިވާނަން ކަމާއި ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދާނަން ކަމަށް. " ދުއާ އާ ދިމާލަށް އަތް ދިއްކޮށްލަމުން އާރަވް ބުނެލިއެވެ.

" ޕްރޮމިސް ހެހެހެ ...  " އާރަވްގެ އަތް މަތީގައި އަތް ބާއްވައިލަމުން ހެމުން ދުއާ ބުންޏެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ 28 ޖޫން ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް