ވާހަކަ: މަންޒިލް ތިޔޭ – ތޭރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ރާނީ.. އަހަރެން... " ލޫކަން ބުނަން އުޅުނެވެ. ނަމަވެސް އެތަނުގައި ހުންނާކަށް ރާނީ ބޭނުމެއްނުވިއެވެ. އަވަހަށް އެތަނުން ދާން އުޅުނު ވަގުތު ލޫކަން ރާނީގެ އަތުގެ މުލައްދަނޑީގައި ހިފ...

21 Jun 2022 | 17:50

ކުރީގެ އަދަދާއި ގުޅޭ...

ރާނީ.. އަހަރެން... " ލޫކަން ބުނަން އުޅުނެވެ. ނަމަވެސް އެތަނުގައި ހުންނާކަށް ރާނީ ބޭނުމެއްނުވިއެވެ. އަވަހަށް އެތަނުން ދާން އުޅުނު ވަގުތު ލޫކަން ރާނީގެ އަތުގެ މުލައްދަނޑީގައި ހިފައި މަޑުކުރުވިއެވެ. ރާނީއަށް ދެލޯ މަރައިލެވުނެވެ. އެތައް ދުވަހަކަށް ފަހު ލޫކަންގެ އަތުގެ ބީހުން އިހުސާސްވުމުންވެސް އެހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބަދަލުގައި ލިބުނީ އިތުރު ވޭނާ ތުރާލެކެވެ. މިހާރު އެއީ އެހެން މީހެއްގެ ހައްޤެއްކަން އެނގޭތީއެވެ.

" ބައްދަލުކޮށްލަން ބޭނުން.. ގަޑިއެއްހާއިރު ފަހުން.. ރޫފް ޓޮޕް ގަ.. " މިހެން ބުނަމުން ރާނީގެ އަތުން ދޫކޮށްލުމަށްފަހު ލޫކަން ހިނގައިގަތެވެ. ހަމަޖެހެން މަސައްކަތް ކުރަމުން ރާނީ ފުންނޭވައެއް ދޫކޮށްލިއެވެ. ލޫކަން އޭނާގެ އަތުގައި ހިފެހެއްޓި ހިސާބުގައި ފިރުމައިލެވުނެވެ. ލޫކަންގެ އެދަޢުވަތު ޤަބޫލުކުރުމާ މެދު ވިސްނައިލިއެވެ. ޙުދު އޭނާވެސް އެހުންނަނީ ލޫކަންއާ ބައްދަލުކޮށްލަން ބޭނުންވެފައެވެ. ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެއް ހުރީމައެވެ.

*********

މޭޒު ކައިރީގައި ހުރި އެނބުރޭ ފުރޮޅުލީ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ޔާނިޝް އިނީ އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ރާނީގެ ރީތި ސޫރަ އޭނާގެ ހިތުން ފިލައިގެން ނުދެއެވެ. އެލުއިލުއި ފަތެއް ކަހަލަ އަންހެންކުއްޖާ އަތް މައްޗަށް އުފުލާލި ވަގުތު އެކުރެވުނު އިހުސާސް އަދިވެސް ހަނދާނެއް ނުނެތެއެވެ. އޭނާގެ ދެލޯ ބޭނުންވަނީ އެ ރީތި ސޫރަ އަދި އެއްފަހަރު ބަލައިލުމަށެވެ. ހިތްއެދެމުން ދިޔައީ އެ ސާދާ ރީތި މޫނުގައި ބީހިލުމަށެވެ. ފުރަތަމަ ނަޒަރުން ހިތަށް ކުރުވި ލުއި ލުއި އަސަރުން ލިބިފައިވަނީ އިންތިހާއީ ބޭޤަރާރުކަމެކެވެ. ޔާނިޝްގެ މޭގައި އޮތީ އޭނާގެ ހިތެއް ނަމަވެސް މިހާރު އެހިތަށް އޭނާގެ ބާރެއް ނުހިނގާ ފަދައެވެ. އެހިތުގެ ލަގަން ދޫވަމުން ދަނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހައިލި އަޑަށް ޔާނިޝް ބަލައިލިއެވެ. ބިއްލޫރި ދޮރުގެ ބޭރުގައި ހުރި ރަފާ އޭނާއަށް ހަނާ އަޅައިލިއެވެ. ޔާނިޝް ހިނިތުންވަމުން އެތެރެއަށް ވަނުމަށް ރަފާއަށް އިޝާރާތް ކުރިއެވެ.

" އޮފީހުގެ ބޮޑުން ވީމަ ވަނުމުގެ ކުރިން ހުއްދަ ހޯދަންވާނެއްނު..!! " ޔާނިޝްއާ ދިމާލުން މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީންނަމުން ރަފާ ބުންޏެވެ.

" ބޮޑުން މައި ފުޓް... އަހަރެން އެންމެ ހިނދުކޮޅަކުވެސް މިތާ އިންނަ ހިތެއް ނުވޭ.. " ހަށިގަނޑު ސީދާކޮށްލަމުން ޔާނިޝް ބުންޏެވެ.

" ރަނގަޅެއް ނޫންތަ މަސައްކަތެއް ނުކޮށް ލާރި ލިބެންޏާ.. މިތާ ނަމެއްގަ ވިއްޔާ ތިއިންނަނީ.. މަންމަ ބުނި މިއަދު ޔާން ގެއަށް މެންދުރު ކާން ނާންނަ ވާހަކަ.. އެހެންވެ ކާއެއްޗެއް ހިފައިގެން މިއައީ.. " އޭނާ ގެނައި ބޮޑު ކޮތަޅު ތެރެއިން ކަރުދާސް އެހެން ކޮތަޅެއް ނަގަމުން ރަފާ ބުންޏެވެ. " މިއައީ ޔާން އަށް އެންމެ މީރު ސަބްމެރީން ގަނެގެން.."

ކާހިތެއް ނެތަސް ޔާނިޝް ހިނިތުންވަމުން ޝުކުރުއަދާ ކުރިއެވެ. އެހާ ލޯބިން ރަފާ ގެނެސްދިނުމުން ނޫނެކޭ ބުނާކަށް ނުކެރުނެވެ. ހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް މިހާރު އޭނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވަނީ އެހެން ކަމެކެވެ. އެވިސްނުންތަކާ ދުރުވެލަން އޭނާވެސް ބޭނުމެވެ.

***********

ރޫފް ޓޮޕްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ލޫކަން ހުއްޓެވެ. ދެއަތް ޖީބަށް ޖެހިފައިވާއިރު އިރުއިރުކޮޅާ ރޫފްޓޮޕްގެ ދޮރާ ދިމާލަށް ނަޒަރު ހުއްޓާލައެވެ. އިންތިޒާރުގެ ގަޑި ނިމުމަކަށް އައީ އެތަނަށް ނިކުމެގެން އައި ރާނީ ފެނިފައެވެ. އޭނާއާ ދިމާލަށް އަންނަމުން ދިޔަ ރާނީގެ ފަރި ހިނގުމަށް ބަލަހައްޓައިގެން ހުރިއިރު މާޒީގެ ފޮނި ޞަފްޙާތައް ލޯމަތީގައި ސިފަވަމުން ދިޔައެވެ. ކަޅުކުލައިގެ އަތްދިގު ޓޮޕަކާއި ހަމައެކުލައިގެ ސްކިނީއެއްގައި ހުރި ރާނީގެ ރީތިކަން އިތުރުވެފައިވާކަން ލޫކަންއަށް ފާހަގަ ކުރެވުނެވެ. ލޫކަންގެ ކުރިމަތީގައި ހުއްޓެމުން ރާނީ ދެއަތް އުރައިލިއެވެ. އެހިނދު ލޫކަންގެ ނަޒަރު ދަތުރުކޮށްލީ ރާނީގެ ރަތް ފިނިފެންމަލެއް ފަދަ ތުންފަތަށެވެ. ތަފާތު އިހުސާސެއް ކުރެވުނު ލޫކަންގެ ހިތް އެދެމުން ދިޔައީ ރާނީގެ ދޮން ކޯތާފަތުގައި ބީހިލުމަށެވެ. ޖީބުގައިވާ އަތްތިލަ މުށްކަވައިލެވުނީ އިޙްތިޔާރުން ބޭރުގައި އެއަތް ހިތުގެ އިހުސާސާ އެއްގޮތަށް ހަރަކާތް ކޮށްފާނެތީއެވެ. ލޫކަންގެ ތޫނު ނަޒަރުން އުނދަގޫވެ ރާނީ އިސްޖަހައިލިއެވެ.

" ކިހިނެއްވީ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނީ..؟ " ދުރު ބަލައިލަމުން ރާނީ އަހައިލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅައިލަމުން ލޫކަން ކަރުކެހިލިއެވެ.

" އަހަރެނ... ރާނީ.. ކަންތައްވީ.. ސޮރީ... " ލޫކަންއަށް ވާހަކަ ފަށަންވީ ގޮތެއް ނޭނގުނެވެ.

" އަހަރެން މިތަނަށް ތިގެނައީ މައާފަށް އެދެންވެގެން ކަމަށް ވަންޏާ ބުނެލަން އަހަރެން ލޫކަންއަށް މައާފުކޮށްފިން.. ދުއާ ކައިރީގައި އަހަރެން އެއްވެސް ވާހަކައެއް ދައްކާނެ ކަމުގެ ބިރު ހީވަންޏާ އެއީ ކުށްހީއެއް.. އެއްވެސް މީހެއް ކައިރީގައި އަހަރެން އެވާހަކަ ނުދައްކާނަން.. ހަމަ އެންމެ ސުވާލެއް ކޮށްލަން ބޭނުމީ.. އަހަރެންނަށް އެހާ ބޮޑު އޮޅުވައިލުމެއް އޮޅުވައިލީ ކީއްވެ ؟ " ލޫކަންއާ ހަތަރުކަޅި ހަމަކޮށްލަމުން ރާނީ އެހިއެވެ.

" ރާނީއަށް އޮޅުވައިލުން އެއީ ދުވަހަކުވެސް ކުރަން އަހަރެން ހިތަށް އެރި ކަމެއް ނޫން.. އަދިވެސް އަހަރެންގެ ހިތުގައި................. " އެހިސާބަށް ބުނުމަށްފަހު ލޫކަން ހުއްޓުނެވެ. އެވަގުތު ރާނީގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. ކެތްތެރިކަމެއް ނެތި ލޫކަންއާ ދިމާލަށް ބަލަން ހުރީ އެޖުމްލަ ފުރިހަމަ ކުރޭތޯއެވެ.

" ފަހަރެއްގައިވެސް ހީނުކުރާތި އޭރު އަހަރެން ރާނީއާ އެކީ އުޅުނީ ވަގުތީ އުފަލަކަށޭ.. ދުއާ އާ ގުޅެން އަހަރެންނަށް މަޖުބޫރުކުރީ ޙާލަތު.. އޭރު ދުބާއީގައި ހުރެފައި މިކޮޅަށް އަހަރެން އައީ ދުއާގެ ކާފައަށް ސްޓްރޯކެއް ޖެހުނު ޙަބަރު ލިބިގެން.. އަދިވެސް ދުއާގެ ކާފަ އޮތީ ވެންޓިލޭޓަރުގައި.. އަބަދުވެސް ދުއާގެ ކާފަގެ އެދުމަކަށްވީ އަހަރެމެން ދެމީހުންގެ ކައިވެނި.. އެވާހަކަ އަހަރެން ކައިރީގައި މަންމަ ބުނީ މިކޮޅަށް އައި ފަހުން.. ދުއާގެ ކާފަގެ އިހުސާންތެރިކަމަށްފަހު އެއެދުމުގައި ކޮޅުފައިން ޖަހާނެ ހިތްވަރު އަހަރެންގެ ނެތުނީ.... "

" ދެން ތިވާހަކަ ރީތިކޮށް އަހަރެން ކައިރީގައި ނުބުނެވުނީ ކީއްވެ؟ ކިހާ ދުވަހެއް ވަންދެން ލޫކް ގުޅަން ދެން އިންތިޒާރު ކުރިން.. ޒޯއީ އެތައް ފަހަރަކު ބުނި ލޫކްގެ ދެން ހަބަރެއް ނުވާނޭ.. އެކަމަކު އަހަރެން އޭނަ ދައްކާ ވާހަކަ ޤަބޫލުނުކޮށް، އަހަރެންގެ މައިންބަފައިން ދޫކޮށް މިތަނަށް އައީ ހަމައެކަނި ލޫކްއަށްޓަކައި.. ލޫކްއަށް ވީގޮތެއް ބެލުމަށް.. ލޫކް އަހަރެންނަށް ބޭވަފާތެރިވެދާނެ ކަމަށް ޤަބޫލުނުކުރަން ވެގެން.. އެނގެއެއްނު ރާއްޖެ އަންނަން އަހަރެންގެ މަންމަ ދެކޮޅު ވަރު.. އެކަމަކު އެމަންމަގެ ހިތްހަލާކު ކޮށްލާފައި އަހަރެން އައީ ލޫކްއަށްޓަކައި.. " ރާނީގެ ދެލޯ ފެންކަޅިވިއެވެ.

" މާފުކުރޭ ރާނީ.. ރާނީއާ ކުރިމަތިލާނެ ހިތްވަރެއް ނެތީ.. ކަންތައް ކުރާނެ އެންމެ ރަނގަޅު ގޮތް ވިސްނުމަށް ނައީ.. " ލޫކަން ވާހަކަ ދައްކަމުން އައިސް ރާނީގެ އަތުގައި ހިފައިލަން އުޅުނެވެ. ނަމަވެސް ރާނީ އޭނާގެ އަތް ދުރުކޮށްލަމުން ފަހަތަށް ޖެހުނެވެ.

" ލޫކް ޗޫޒް ކުރީ ދުއާ.. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.. ދުއާ އަކީ ވަރަށް ރަނގަޅު ރީތި ކުއްޖެއް.. ލޫކްއާ ނުހަނު ގުޅެންވެސް ގުޅޭ.. ހީކުރަން ދެމީހުން އުފަލުގައި އުޅޭނެކަމަށް.. މިއަދު ބައްދަލުކުރިޔަސް ދެން ހިޔެއްނުވޭ ބައްދަލު ކުރެވޭނެހެން.. ކައިވެނި ކުރަން އުޅޭ ދެމީހުންގެ ދެމެދަށް ވަންނަން އަހަރެން ބޭނުމެއް ނޫން " މިހެން ބުނެ ރާނީ އެތަނުން ދާން އުޅުނެވެ. ނަމަވެސް ލޫކަން ރާނީގެ އަތުގައި ހިފިއެވެ. ކައްޓެހެން ރާނީ ލޫކަންގެ އަތް ފޮޅުވައިލިއެވެ.

" ރާނީ ޕްލީޒް.... " ލޫކަން ބުންޏެވެ.

" އިނަފް ލޫކަން.. " ދެފަރާތުން ބޮލުގައި ހިފަހައްޓައިލަމުން ރާނީ ބުންޏެވެ. ބުނެވުނީ ތަންކޮޅެއް ބާރަށް ކަން އިހުސާސްވެ ބޮލުގައިވާ ދެއަތް މަޑުމަޑުން ގެނެސް ނިތްކުރީގައި ޖައްސައިލިއެވެ. އިރުކޮޅަކުން އެހެން ހުރުމަށްފަހު މަޑުމަޑުން ދެއަތް ދުރުކޮށްލިއެވެ. " މިކަން ނޫނަސް އަހަރެން ވިސްނަން ޖެހޭ ބައިވަރު ކަންތައް އެބަހުރި.. ޕްލީޒް ދެން އަހަރެންނަށް ރަނގަޅީ ލޫކަން އަހަރެން ފެންނަ ހިސާބަށް ނައިއްޔާ.. "

ލޫކަން އިތުރު ބަހެއް ނުބުންޏެވެ. ފެންކަޅިވެފައިވާ ދެލޮލުން ރާނީ ދާ ދިމާލަށް ބަލަހައްޓައިގެން ހުރެ ހިންދިރުވައިލިއެވެ. ރާނީ ދެއްކި ވާހަކަ ތަކާ މެދު ވިސްނާ ލެވުނެވެ. ލޫކަންއަށް އިޙުތިޔާރުން ބޭރުގައި ކުރެވޭ ކަމަކުން ކުށެއް ނެތް ދުއާގެ ހިތްހަލާކު ކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ރާނީ ބުނިހެން ރަނގަޅު ގޮތަކީ އޭނާ ފެންނަ ހިސާބަށް ނުދިއުމެވެ.

***************

ޕޭޝަންޓުން ބަލައި ނިމުނު ގަޑި ބަލާފައި ދުއާ ގޮސް އާރަވްގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ދެފަހަރަކު ޓަކި ޖެހުމުން އެތެރެއިން ވަނުމަށް އާރަވް ގޮވައިލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނުމުގެ ކުރިން ދުއާ ފުންނޭވައެއް ދޫކޮށްލިއެވެ.

ކޮމްޕިއުޓަރުގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން އާރަވް ދޮރާ ދިމާލަށް ބަލައިލިއެވެ. ދޮރުން އެތެރެއަށް ވަން ދުއާ ފެނިފައި އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

" ދުއާ.. ލީވް.. އަހަރެން ބޭނުމެއްނޫން އެއްވެސް ވާހަކައެއް ދައްކާކަށް.. " އަނެއްކާވެސް ސްކްރީނަށް ނަޒަރު ހުއްޓައިލަމުން އާރަވް ބުންޏެވެ.

" އެނގޭ.. އެކަމަކު އަހަރެން ދައްކަން މިއުޅޭ ވާހަކަ އަޑުއަހާލަދީ.. އޭރުން ދެން ދުވަހަކުވެސް އަހަރެން ރެވްއަށް އުނދަގޫކުރަން ނާންނާނަން.. " ދުއާގެ ވާހަކަ އިވިފައި ހިނދުކޮޅަކަށް އާރަވްގެ ހަރަކާތްތައް ހުއްޓުނެވެ. ދެން އަނެއްކާވެސް ކުރަން އިން މަސައްކަތް ފެށިއެވެ. އާރަވް ވަކި އެއްޗެއް ނުބުނުމުން ލިބުނު ހުއްދައެއް ކަމުގައި ދުއާ ދެކުނެވެ.

" އަހަރެންނަށް ކުށެއް ކުރެވިއްޖެކަމަށް އިއުތިރާފުވަން.. ރެވް ތިބުނި ރޭގަ އަހަރެންނަށް ރެވް ރުޅިއަންނަ ފަދަ ކަމެއް ކުރެވުނީ ހަމަހޭގައި ހުރެގެންނެއް ނޫން.. އެރޭ އަހަރެން ބުއި ބުއިމަށް ހުރީ ބޭހެއް އަޅާފަ.. ޤަބޫލުނުކުރެވެންޏާ ތާރާ އެހެންނޫނީ ހަމަދް ކައިރީގައި އަހާ.. އަހަރެންނަށް ކުރެވުނީ ކޮންކަމެއް ކަމެއް އަދިވެސް އަހަރެންނަކަށް ނޭނގޭ.. އެކަމަކު އަހަރެންނަށް ކުރެވުނު ކަންތަކަށް ނިހާޔަތަށް މާފަށް އެދެން.. ކުރެވުނީ ކޮންކަމެއްތޯ ބަލައިލަން ވަރަށް ބޭނުން.. އެކަމަކު އެވާހަކަތައް ދައްކައިގެން ރެވްއަށް އިތުރު އުނދަގުލެއް ކުރާކަށް ބޭނުމެއްނޫން.. ހީކުރަން ކޮންމެވެސް ދުވަހަކުން ރެވް އަހަރެންނަށް މާފްކުރާނެކަމަށް.. " އިސްޖަހާލައިގެން ހުރެ ދުއާ ކިޔައިލިއެވެ. އާރަވް ކުރިންވެސް އިންގޮތަށް އޭނާގެ މަސައްކަތުގައި މަޝްޢޫލްވެފައި އިނެވެ. އޭނާގެ ޖަވާބެއް ނައުމުން ދުއާ އިސް އުފުލާލާފައި ބަލައިލިއެވެ. އާރަވްގެ އެއްވެސް ޝައުޤެއް ނެތްކަން އެނގި ދުއާ ދެރަވިއެވެ. ހިތަށް ކުރި ފުންއަސަރު ލޮލުން ފެންނަން އުޅުމުން ދުއާ އަވަސް އަވަހަށް އެތަނުން ނިކުތެވެ. ދުއާ ނިކުތުމާއެކު މަސައްކަތް ހުއްޓާލުމަށްފަހު އާރަވް ގޮނޑީގައި ލެގިލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. ކަމަކާ ވިސްނާފަދަ ގޮތަކަށް އެތައް އިރެއް ވަންދެން އެގޮތުގައި އޭނާ އިނެވެ.


ނުނިމޭ...  ވާހަކައިގެ އާ ބައެއް، އިންޝާﷲ، 26 ޖޫން ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް