ކުރިއަށް ޓްރާންސްފާ ވިންޑޯގައި ރެއާލް މެޑްރިޑުން، އެއިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އަންނަ ސާބިއާގެ ފޯވާޑް ލޫކާ ޖޮވިޗް ގަންނަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، އޭނާ އިނގިރޭސިވިލާތް ނުވަތަ އިޓަލީގެ ކްލަބަކުން ފެނިދާނެކަމުގެ އިޝާރާތެއް ޖޮވިޗް ދީފިއެވެ.
ޕޯޗުގަލްގެ ބެންފީކާއިން 2 އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގައި ޖަރުމަނުގެ ފްރޭންކްފާޓަށް ބަދަލުވި ފަހުން ޖޮވިޗް އަންނަނީ ބުންޑަސްލީގާ ގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގައި ފްރޭންކްފާޓަށް ހުރިހާ މުބާރާތަކުން އޭނާ ވަނީ 27 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ޖޮވިޗްގެ މި ރަނގަޅު ފޯމާއެކު، މި ސީޒަން ހުސްއަތާ ނިންމާލަން ޖެހުނު ރެއާލްގެ ލޯ މާ ކުރިން ފެށިގެން ވެސް އޭނާއަށް އަމާޒުވިއެވެ. އަދި ރެއާލްއިން ޖޮވިޗް ގަންނަން 50 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހަޅަން ތައްޔާރުކަމަށް އޭރު އަޑުތައް ފެތުރުނެވެ. އެހެނަސް، ޖޮވިޗްއަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ޑިމާންޑް ބޮޑުވެ، އޭނާގެ އަގު މަތިވުމާއެކު، ރެއާލްއަށް ޑީލެއް ފައިނަލް ކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މިއާއެެކު ސްޕެއިންގެ މާސާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރެއާލްއިން ޖޮވިޗް އަށް އޮތް ޝައުޤުވެރިކަން މިހާރު ވަނީ ކުޑަވެފައެވެ. ޖޮވިޗް ހޯދަން ޕީއެސްޖީފަދަ ކްލަބްތަކާ ބީލަމެއްގައި ހަނގުރާމަކޮށް، ކޮންމެ ފަދަ އަގެއްގައި ރެއާލްއިން ޖޮވިޗް ގަންނަން ބޭނުން ނުވާކަމަށްވެއެވެ.
މިއާއެކު، ވަރަށް އަވަހަށް ރެއާލްއާ ގުޅޭނެކަމަށް އަޑުއަރާފައި އޮތް ޖޮވިޗްގެ ވާހަކަތަކުގެ މިސްރާބު ވެސް މި ވަނީ ބަދަލުވެފައެވެ. ޖޮވިޗް ދާދިފަހުން ބުނެފައިވަނީ އޭނާގެ ކުޅުމުގެ ވައްޓަފާޅިއާ ބޮޑަށް ގުޅެނީ ޕްރިމިއާ ލީގު ނުވަތަ އިޓާލިއަން ލީގު ކަމަށެެވެ.
"ޔުރޮޕާ ލީގުން ލިބުނު ތަޖުރިބާގެ އަލީގައި އަހަރެން ބުނާނީ، ޔޫރަޕްގެ ބައެއް އެހެން ލީގުތައް އަހަރެންގެ ވައްޓަފާޅިއާ އަދި އަހަންނާ މާ ގުޅެޔޭ" ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިޔު އެއްގައި ޖޮވިޗް ބުނެފައިވެއެވެ.
"ޖިސްމާނީ ގާބިލްކަމަށް ބަލާނަމަ ބުންޑަސްލީގާ ވަރަށް ޑިމާންޑިންގ. އެކަމަކު ޗެލްސީ އާއި އިންޓަ މިލާންއާ ދެކޮޅަށް ކުޅުމަށްފަހު، އަހަރެންގެ ނަފުސަށް އިޙްސާސް ކުރެވެނީ އަހަންނަށް އަދި މާ ރަނގަޅަށް ކުޅެވޭނެޔޭ ޕްރިމިއާ ލީގުގައި ނުވަތަ ސީރި އޭ ގައި" ޖޮވިޗް ބުނެފައިވެއެވެ.
ބެލެވޭ ގޮތުގައި ޖޮވިޗް ނުލިބިއްޖެނަމަ، ރެއާލް އިން މި ޓްރާންސްފާ ވިންޑޯ ނިމުމުގެ ކުރިން އެހެން ފޯވާޑެއް ވިޔަސް ގެންނަން ވަަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް