މެލޭޝިޔާގެ އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީގައި ބޮމެއް އޮތްކަމަށްބުނެ މިއަދު ލިބުނު އެލާޓަކަށް އެ ޔުނިވާސިޓީ ހުސްކުރި ނަމަވެސް އެ ޔުނިވާސިޓީން ބޮމެއް ނުފެނުނު ކަމަށް މެލޭޝިޔާ ފުލުހުން ބުނެފިއެވެ.
މެލޭޝިޔާ ފުލުހުންގެ ޗީފް އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު މޮކްސެއިން މުހައްމަދު މެލޭޝިޔާގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ބޮމެއް ނުފެނުނު ނަމަވެސް އެ އެލާޓް ދިން މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެކަން ކުރި ފަރާތެއް ހޯދާ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ޔުނިވާސިޓީ މިއަދު ހުސްކުރީ މެލޭޝިޔާ ގަޑިން ދޭއް ޖަހާ އެހާކަންހާއިރުގައެވެ. ފުލުހުން އެ ޔުނިވާސިޓީ ބަލާ ފާސްކުރުމަށްފަހު އެ ޔުނިވާސިޓީއަށް ވަނުމުގެ ހުއްދަ ދަރިވަރުންނަށް ދީފައިވަނީ ހަވީރު ފަހެއް ޖެހި ފަހުންނެވެ.
މެލޭޝިޔާގައި މިއަދު މިފަދަ ކަމެއް ހިނގާފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކެއްގައި 253 މީހަކު ވަނީ މަރާލާފައެވެ. އެ ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް