މި ދިވެހި ރާއްޖެ ހިމެނޭހެން މުޅި ދުނިޔެ ކޯވިޑް-19 އާއި ހަނގުރާމަކުރަމުން އަންނަ މި ދަނޑިވަޅުގައި ދިވެހި ނޫސްވެރިން ކުރަމުން އަންނަ ބުރަ އަދި ޒިންމާދާރު މަސައްކަތް ފާހަގަކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި ނޫސްވެރިންނަށް ޝުކުރު އަދާކޮށްފިއެވެ.
މި ޝުކުރު އަދާކޮށް މިއަދު މީޑިއާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) ގެ މި ނާޒުކު ދަނޑިވަޅުގައި، ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ނޫސްވެރިންގެ އާއިލާއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެންމެހާ ނޫސްވެރިންނަށް ޝުކުރު އަދާރކުރާ ކަމަށެވެ.
ޝުކުރު އަދާކުރުމަށްފަހު މީޑިއާކައުންސިލުން ބުނެފައިވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ނޫސްވެރިން ރެއާއިދުވާލު ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންދާއިރު، ނޫސްވެރިންގެ އަމިއްލަ ރައްކާތެރިކަމަށްވެސް އިސްކަންދީގެން މަސައްކަތް ކުރުމަށް އެ ކައުންސިލުން ބާރުއަޅާކަމަށެވެ.
މީގެ އިތުރުން މި ވައިރަހާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށާއި، ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަންވެސް އެ ކައުންސިލުން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ހަނދާންކޮށްދޭކަމަށްވެސް މީޑިއާކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް