އެމް.އެން.ޔޫ މެރަތަން 2026 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި "އެމް.އެން.ޔޫ މެރަތަން 2026" ނިންމުމުގެ ރަސްމިއްޔާތު މިއަދު ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި...

26 Feb 2026 | 17:52
N/A

N/A

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބޭއްވި "އެމް.އެން.ޔޫ މެރަތަން 2026" ނިންމުމުގެ ރަސްމިއްޔާތު މިއަދު ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. މި ހަފްލާ ބޭއްވިގެން ދިޔައީ މެރަތަންގެ ކާމިޔާބީ ފާހަގަކުރުމަށާއި، ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދި ދުވުންތެރިންގެ ކާމިޔާބީ އަގުވަޒަންކޮށް އެވޯޑް ހަވާލުކުރުމަށެވެ. މެރަތަން ކާމިޔާބުވުމަށް މެދުވެރި ފަރާތްތަކުގެ އަގުވަޒަންކޮށް ސެޓްފިކެޓް އަދި ފިލާ ވެސް ވަނީ އަރުވާފައެވެ.

މިއަހަރުގެ މެރަތަންގައި އަލަށް ތަޢާރަފުކުރި އެންމެ ފާހަގަކޮށްލެވޭ ކަމަކީ 65 އަހަރުން މަތީގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް ޚާއްޞަ ކެޓަގަރީއެއް ހިމެނުމެވެ. މިއީ ދޮށީ އުމުރުގެ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުވެރިކުރުވުމަށާއި، މިފަދަ ހަރަކާތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ގެނައި ބަދަލެކެވެ. މެރަތަން ދުވަހު ކަނޑައެޅިފައިވާ ދުރުމިން ފުރިހަމަކުރި ހުރިހާ ދުވުންތެރިންނަށް "ފިނިޝާ މެޑަލް" ވަނީ އަރުވާފައެވެ.

ފުލް މެރަތަންގެ ފިރިހެން ގިންތިން 1 ވަނަ ހޯދީ ކިނާނަތު ޙުސައިންއެވެ. އަންހެން ގިންތިން 1 ވަނަ ހޯދީ ފާޠިމަތު ނެލްފާއެވެ. ހާފް މެރަތަންގެ ފިރިހެން ގިންތިން 1 ވަނަ ސަންތޯޝް ބިކްރަމް ބިސްޓާ ހޯދިއިރު، އަންހެން ގިންތިން 1 ވަނަ ހޯދީ ޢާއިޝަތު ޖިނާނީ އިބްރާހީމްއެވެ. 10 ކިލޯމީޓަރު ކެޓަގަރީގެ ފިރިހެން ގިންތިން 1 ވަނަ ޢަބްދުﷲ ނާޞިޙް، އަންހެން ގިންތިން 1 ވަނަ ޢާއިޝަތު ރިޝްމީ ހޯދިއެވެ. 5 ކިލޯމީޓަރުގެ ފިރިހެން ގިންތިން 1 ވަނަ މުޙައްމަދު ރަޝީދު، އަންހެން ގިންތިން 1 ވަނަ ކްލާރާ ސެރީނާ އާސިފް ހޯދިއެވެ. 65 އަހަރުން މަތީގެ ގިންތީގެ ހާފް މެރަތަނުން 1 ވަނަ ޢަބްދުއްރަޝީދު، 10 ކިލޯމީޓަރުން 1 ވަނަ ޢަލީ އަޙްމަދު، އަދި 5 ކިލޯމީޓަރުން 1 ވަނަ ޝަހީދާ އާދަމް ހޯދިއެވެ.

އެމް.އެން.ޔޫ އިން ފާހަގަކުރި ގޮތުގައި މި މެރަތަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދިނުމާއި، އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި، ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން އަދި ކުރީގެ ދަރިވަރުންގެ މެދުގައި އޮންނަ "އެމް.އެން.ޔޫ ރޫޙު" އާލާކޮށް، ޢާންމުންގެ މެދުގައި އެކުވެރިކަން އުފެއްދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް