އައިމަންގެ ، "ވައުދު ނާމާ" - އުންމީދާއި އެކު މާފަންނު މެދު ދާއިރާ އަށް

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އައިމަން ، މަޖިލީހަށް ވާދަކުރައްވާ އިރު ޙާސިލްކުރައްވަން އުއްމީދުކުރައްވާ ކަންކަން، "ވައުދު ނާމާ"އެއްގެ ސިފައިގައި އެކުލަވާލައް...

25 Dec 2018 | 10:42

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އައިމަން ، މަޖިލީހަށް ވާދަކުރައްވާ އިރު ޙާސިލްކުރައްވަން އުއްމީދުކުރައްވާ ކަންކަން، "ވައުދު ނާމާ"އެއްގެ ސިފައިގައި އެކުލަވާލައްވައިފިއެވެ.

އެ ވައުދު ނާމާގައި ޖުމުލަ 12 ކަމެއް އެކުލަވާލާފައި ވާއިރު، ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅޭ ކަންކަމާއި، އިޖްތިމާއީ، އިގްތިސާދީ ކަންކަމުގެ އިތުރުން، ގާނޫނީ ގޮތުން މިހާރު ހުރި ފޫނުބެދޭ ކަންކަމަށް ހައްލު ހޯދުމަށް ގަސްދުކުރާ ގޮތް ވަނީ ތަފްސީލްކޮށްދެއްވާފައިވެއެވެ.

އެ ވައުދުތަކަކީ މަޖިލީހަށް ހޮ ވިއްޖެ ކަމަށް ވާނަމަ ، މަޖިލީހުގެ ތެރެއިން ލިބޭ ފުރުސަތުގެ ބޭނުންކޮށް ޤާނޫނީ ގޮތުން ބާރުވެރިކަން ލިބިގެން ތަންފީޒްކުރެވޭ ކަންކަމަށް ހައްދަވަން މަސައްކަތް ކުރާނެ ކަމަށް އައިމަން ހާމަކުރައްވައެވެ. އެގޮތުން އައިމަން ވަނީ އޭނާގެ ވައުދުތައް އެކުލަވާލާފައިވާ 12 ދާއިރާ އާއި އެއިން ހާސިލްކުރަން ބޭނުންވާ މަޤްސަދުތަކަށް އަލިއަޅުވާލައްވާފައެވެ. އެ ވައުދުތަކުގެ ތެރޭގައި. އެންމެ ފުރަތަމަ ވެލައްވާފަވާ ވައުދަކީ ރައްޔިތުންގެ އަޑު އިއްވުންމެވެ.

އެ ވައުދުގެ ދަށުން ދާއިރާތަކަކަށް ބަހާލައިގެން، ޖަމިއްޔާތަކެއް އުފައްދަވަން އައިމަން ވަނީ ނިންމަވާފައެވެ. އަދި ރައްޔިތުންގެ އަޑު އައިމަން އާއި ހަމައަށް ގެނެސްދިނުމުގެ ޒަރިއްޔާ އަކަށް އެ ޖަމިއްޔާ ހައްދަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އައިމަން ވަނީ މަސައްކަތުގެ ދާއިރާ އާއި ގުޅުން ހުރި ހަތަރު ވައުދެއް ވެވަޑައިގަންނަވާފައެވެ. އެގޮތުން ސިނާޢީ މަސައްކަތުގެ އޮނިގަނޑަށް ބަދަލު ގެނެސް ، ސިނާޢީ މަސައްކަތްތަކުގައި ބޭރުގެ ފަރާތްތަކުން ހަރަކާތްތެރި ވާއިރު އޭގައި ދިވެހިން ނުހިމަނާ މަސައްކަތް ނުކުރެވޭ ގޮތަށް އޮނިގަނޑަށް ބަދަލުގެނައުން ހިމެނެއެވެ. އަދި ވަޒީފާގެ ދާއިރާ ގައި ހަމަހަމަ ފުރުސަތު ޤާއިމްކުރުމަށްޓަކާ، ވަޒީފާގެ މައިދާނުގައި ކުރިމަތިވާ ޖިންސީ އަދި ނަފްސާނީ ދަތިތައް ހައްލުކޮށްދިނުމަށް އައިމަން ވައުދުވެލެއްވިއެވެ.

އަދި ވިޔަފާރި ނާސަރީ، މި ވައުދުގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކަށް ފައިސާ އާއި، މަސައްކަތް ކުރާނެ ތަން ލިބޭނެ މަގުފަހިކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.  ވިޔަފާރި ދާއިރާގެ އެންމެ ފަހު އެހެންނަމަވެސް މުހިއްމު އެއް ވައުދަކީ، "ހައްގު އުޖޫރަ"ލިއްބައިދޭނެ މަގުފަހިކޮށްދިނުމުގެ ވައުދެވެ. އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ގިންތިތަކަކަށް ބަހާލާ، ގައުމީ މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމުގެ ޒަރިއްޔާއިން ކަމަށާއި މަސައްކަތުގެ މައިދާނުގެ އިތުރުން އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް އައިމަންގެ ވައުދުތަކުގައި ވަނީ ޚާއްސަ އިސްކަމެއްދެއްވާފައި ކަމުގައި ހާމަކުރައްވައެވެ. އެގޮތުން ހަވާސާގައި ތިބި ފަރާތްތަކާއި ، ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ނުކުޅެދޭ މީހުންނާއި، އިސްރަށްވެހިންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ އައިމަންގެ އެ ދާއިރާ އިން އައިމަންވެވަޑައިގަތް މުހިއްމު ވައުދެކެވެ.

މީގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމަށް ، ޤާނޫނީ ހަރުކަށި އަދަބު ދިނުމާއި، އާންމުންނަށް އެފަދަ ފަރާތްތަކަށް ސަމާލުވެވޭނެ ފަދައިން އެ ފަރާތްތަކުގެ ނަން އާންމު ކުރުމަށް އައިމަންގެ ވައުދުނާމާގައި ވަނީ ހިމަނުއްވާފައެވެ. ފުރާވަރުގެ ކުދިންނަށް މުޖުތަމައު އަށް ހޭލުންތެރިވުމާއި، އާންމު ދިރިއުޅުމުގެ އުކުޅުތައް ދަސްކުރުމަށް ދިވެހި އަސްކަރިއްޔާގެ މަދަދާއި އެކު ކެމްޕްތަކެއް ހިންގުމަށް އައިމަން ވައުދުވެލެއްވިއެވެ. އެ ވައުދު އައިމަން ފުއްދަވާނީ "ނަފްސު ތަންޒީމް"ކުރުމުގެ ވައުދުގެ ދަށުންނެވެ. އަދި އެހީ އާއި މަދަދު ބޭނުންވާ ކަންކަމުގައި ކަމާއި ބެހޭ ފަރާތްތަކާއި މުއާސަލާތު ކުރެވޭނެ ފަސޭހަ މަގެއް ޤާއިމް ކުރުމަށް، "ވާވު އަވަސް"ގެ ނަމުގައި ގައުމީ ހޮޓްލައިން ނަމްބަރެއް ޤާއިމްކުރުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ވެސް އައިމަން ވަނީ މުހިއްމު ވައުދުތަކެއް ވެލައްވާފައެވެ. އެގޮތުން ތައުލީމީ ދާއިރާ އަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް އައިމަން ވިސްނުން ގެންގުޅުއްވައެވެ. މި ދާއިރާގައި އައިމަންގެ ވައުދުތަކަށް ބަލާއިރު "އިލްމީ ފަނާރު" ޕްރޮ ގްރާމް ފާހަގަކޮށްލެވެއެވެ. އެ ސްކީމްގެ ދަށުން ރަނގަޅު ނަތީޖާ ނުލިބޭ ފަރާތްތަކާއި، މާލީ ޤާބިލްކަން ނެތް ފަރާތްތަކަށް ކަނޑައެޅޭ ވަކި އަދަދެއްގެ ދަރިވަރުންނަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއި އެކު "ދަސްވެނިންނަށް އަމަލީ ތަޖުރިބާ" ހޯދައިދިނުމަށް އައިމަން ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވެއެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ ލިބޭނެ މަހު ފަހިކޮށްދެވޭނެއެވެ. ސިއްހީ ދާއިރާއިން އައިމަން ވެވަޑައިގަތް ވައުދަކީ ، "އާންމު ބޭހުގެ ވިއުގަ ރަނގަޅުކުރެއްވުން"އެވެ. އެކަމުގެ މަގްސަދަކީ އާންމު ބޭސްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮ ށްދިނުމެވެ.

އާންމުގޮތެއްގައި ކެނޑިޑޭޓުންގެ ވައުދުތައް ހާމަކުރައްވަނީ ޕްރައިމަރީ އިން ހޮވުމުންނެވެ. އައިމަންގެ ވައުދުތައް ޕްރައިމަރީގެ ކުރިން ހާމަކުރެއްވި ސަބަބު އައިމަން ހާމަކޮށްދެއްވިއެވެ. އައިމަން ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރައްވާ އިރު ވެސް އޭނާގެ ތަސައްވުރު ރައްޔިތުންނަށް ސާފުވާން އެދިލައްވާ ކަމަށާއި އަދި ދާއިރާގެ ރައްޔިތުން ހޮވާ މެމްބަރެއްގެ މިސްރާބު ހުރި ގޮތް ސާފުވެގެން، އެ މެމްބަރު އިޚުތިޔާރު ކުރުމުގެ  .ފުރުސަތު އޮންނަން ޖެހޭ ކަމަށް އައިމަން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް