މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 373 އަށް އަރައިފިއެވެ.
ބިންގަނޑު ކަނޑައިގެންގޮސް އަލިފާން ފަރުބަދައެއް ގޮވުމާއި ގުޅިގެން އެރި މި ސުނާމީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖާވާ އަށާއި ސުމަތުރާއަށެވެ.
ކަމާއި ބެހޭ ފަރާތްތަކުން ރެއާއި ހަމައަށް ބުނެފައިވާގޮތުގައި މަރުވެފައިވާ މީހުންގެ އަދަދު 373 އަށް އަރާފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު 1400 އަށްވުރެ މައްޗަށް އަރައެވެ. 12 ހާހަށްވުރެ ގިނަ މީހުން މިހާރު ވަނީ ސަލާމަތީ އައްސޭރިތަކަށް ގެންގޮސްފައެވެ. ގެއްލިފައިވާ މީހުންގެ އަދަދުވަނީ 128 އަށް އަރާފައެވެ.
2004 ސުނާމީގެ ހަނދާންތަކަށް ރުޖޫއަވެފައި
އެވެސް އައު އަހަރާއި ކްރިސްމަސް ފާހަގަ ކުރުމުގައި އުޅެނިކޮށް އެރި ސުނާމީއެކެވެ. ދުނިޔޭގެ 14 ގައުމަކުން ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވި އެ ސުނާމީގައި އިންޑޮނޭޝިޔާއިން އެކަނި ލައްކައަކަށްވުރެ ގިނަ މީހުން މަރުވިއެވެ. އެ ސުނާމީވެސް އުފެދުނީ އިންޑޮނޭޝިޔާގެ ސުމަތުރާއިންނެވެ.
އެހެންކަމުން ހަމަ މި ދުވަސްވަރާއި ދިމާކޮށް އަނެއްކާވެސް ސުނާމީއެއް އެރުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު މިއީ އިބްރަތް ހާސިލުކުރަން ޖެހޭ ކަމެއް ކަމުގައި އެ ގައުމުގެ ރައްޔިތުންވެސް މިހާރު އަންނަނީ ސިފަކުރަމުން ކަމުގައި ބޮޑެތި މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް