އައު އަހަރަށް ކަނޑައަޅާ "ރެޒޮލިއުޝަން"ތައް އުކައިލާށެވެ. އެއީ ތިބާގެ ނަފްސަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރާ މީހަކަށް ކަމުދާ އެއްޗެއް ނޫނެވެ. އައު އަހަރު ރެޒޮލިއުޝަން ހަދާނީ ދިރިއުޅުމާއިމެދު "ސީރިއަސް" ނޫން މީހުންނެވެ.
ހަމަ ހަގީގަތުގައިވެސް ދިރިއުޅުމުގައި ކުރިއަށް ދަން ބޭނުން ނަމަ، ހެޔޮ ދިރިއުޅުމެއް ބޭނުން ނަމަ، ނުވަތަ މިހާރު ހުރި ހާލަތުން އެހެން ހާލަތަކަށް ބަދަލުވާން ބޭނުން ނަމަ ކަނޑައަޅަންވީ އަޒުމެކެވެ. އެ ވާންވާނީ އަމިއްލަ ނަފްސާއިމެދު ވެވޭ ވައުދަކަށެވެ. އެ އަޒުމަށް ވާސިލުވުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރާންވާނެއެވެ. ނިދަން އޮށޯންނަންވާނީ އެ އަޒުމަށް ވާސިލުވުމަށް އެދުވަހުގެ ހުރިހާ ވަގުތެއް ހޭދަކުރެވުނު ކަމުގެ ހިތްހަމަ ޖެހުމާއިއެކުގައެވެ.
ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނާންވީ ކޮންމެ އަހަރަކު އެއްފަހަރު ވެވޭ ކުޑަ ވައުދަކުނ ނޫނެވެ. މާޒީ ހަނދާން ނައްތާލާށެވެ. މުސްތަގްބަލައިގެން މަސައްކަތް ފަށާށެވެ. ކުރީގެ ތިބާ ދޫކޮށް ތިބާގެ އައު "ވާސަނެއް" އުފައްދާށެވެ. ވާން ބޭނުންވާ "ތިބާ"އަށް ވުމަށް އަމާޒަށް "ފޯކަސް" ކުރާށެވެ.
އައު އަހަރަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ތިބާގެ ހަޔާތަށް އާރޯކަން ގެނެސްދެވޭނީ ތިބާއަށެވެ. އައު އަހަރަކަށް ނޫނެވެ. ތިބާގެ އަމިއްލަ ނަފްސުގެ ޒިންމާ ތިބާ ނުނަގައިފިނަމަ، ރެޒޮލިއުޝަނެއް، ގޯލެއް ހުވަފެނެއް ކިޔާނެ ކަމެއް ނެތެވެ. އޭގެން ކަމެއް ތިބާގެ ދިފާއުގައި ނާންނާނެއެވެ.
ހުރިހާ ކަމެއް "އޯކޭ" ކަމަށް އަނެކާގެ ގާތުގައި ބުނެވިދާނެއެވެ. ނަމަވެސް ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ނަފްސާއިމެދު ސުވާލުކޮށްލާށެވެ. ހަމަ ހުރިހާ ކަމެއް އޯކޭ ހެއްޔެވެ.؟ ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރިހެއްޔެވެ؟
ކާމިޔާބު މީހުން ކުރަނީ ކީއްތޯ ބަލާ ހޯދާށެވެ. އެމީހުން ކޮޕީ ކުރާށެވެ. ކާމިޔާބު މީހުން މިއަދު މަސައްކަތް ކުރަނީ އެމީހުންގެ މާދަމާ ރަނގަޅު ކުރުމަށެވެ. ކާމިޔާބު މީހުން އައު އަހަރުގެ "ރެޒޮލިއުޝަން" ތަކެއް ނަހަދަތެވެ. އެމީހުން ސެޓް ކުރަނީ "ގޯލް" ތަކެކެވެ. އެއް ކަމެއް ހާސިލުވާއިރަށް އަނެއް ކަމަކަށް މިސްރާބު ޖަހަތެވެ.
އެނގިލައްވާތޯއެވެ. ދިރާސާތަކުން ދައްކާފައިވާގޮތުގައި އައު އަހަރުގެ "ރެޒޮލިއުޝަން" ކަނޑައަޅާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން، އައު އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ދާންވާއިރަށް "ފެއިލް" ވެއެވެ. މި ދައްކަނީ ކުޑަ އިންސައްތައެއްގެ ވާހަކައެއް ނޫނެވެ. 80 އިންސައްތަ މީހުންގެ ވާހަކައެވެ. ދެތިން ހަފްތާގެ ތެރޭގައި "ފެއިލް" ވާ ވާހަކައެވެ.
ވާންވީކީ އެ އިންސައްތައިގެ ތެރެއަކު ނޫނެވެ. ބާކީ 20 އިންސައްތައިގެ ތެރޭގައެވެ. އަމާޒެއް ކަނޑައަޅާށެވެ. އެއީ ފެންނަ އަމާޒަކަށް ވާންވާނެއެވެ. ނުފެންނަ އަމާޒަކަށް ވާސިލުވެވޭނެ ގޮތެއް ނޯންނާނެއެވެ.
އެ އަމާޒަށް ވާސިލުވާން ބޭނުންވާ ސީދާ ސަބަބު ތިބާއަށް އެނގެން ވާނެއެވެ. ނޫން ނަމަ ހުންގާނު ނެތް އޮޑިއެކޭ އެއްފަދަ ވާނެއެވެ. ލަގަން ނެތް އަހެކޭ އެއްގޮތް ވާނެ އެވެ. ކުރިއަށް ދާނެ އެވެ. ނަމަވެސް ދާނީ އެއްބިތުގައި ޖެހި އަނެއް ބިތުގައި ޖެހެމުންނެވެ. ދަތުރު ނިމޭނީ ފެށި ހިސާބަށް ވުރެ ފަހަތުން ނޫންކަމެއް ނޭނގޭނެއެވެ.
އަމިއްލަ ނަފްސަށް މިކަންކަން ހަނދާން ކޮށްދޭށެވެ.
އަމިއްލަ ނަފްސު ފުލް ކޮންޓްރޯލް އޮތީ ތިބާ އަތުގައިކަމެވެ.
ތިބާގެ މުސްތަގްބަލު ބިނާކުރާނީ ތިބާކަމެވެ. އެ މުސްތަގްބަލަށް ވާސިލުވާން ކޮންމެ ދުވަހަކު މަސައްކަތް ކުރަންޖެހޭ ކަމެވެ.
އެކަން ދައްކާނީ ކޮންމެ ދުވަހަކު ތިބާ ކުރާ އަމަލުން ކަމެވެ.
ކަނޑައަޅާ އައު އަހަރުގެ "ރެޒޮލިއުޝަނަކުން" ނޫންކަމެވެ.
------------------------------------
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް