2013 ވަނަ އަހަރެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ އެންމެ ފަހުގެ އިމްތިޙާންތަކަށެވެ. ސްކޫލްގެ މަތީ މަޤާމެއްގައި ހުރީތީ، މަސައްކަތްތައް ދެގުނައަށް ކުރަން ޖެހުނެވެ. އެހެންމީހަކު، އަހަރެންގެ ޤާބިލިއްޔަތުކަމަށް އިނގިލި ދިއްކޮށް އެއްޗެހި ކިޔަ ނުދިނުމަށެވެ. އަހަރެންވެސް އަތުކުރި އޮޅާލީ ރަނގަޅު ނަތީޖާ އަކާއި އެކު، ވިދާލުމުގެ އުންމީދުގައެެވެ.
ރައްޓެހިންގެ ތެރޭގައި އަހަރެންނަކީ، މަޤްބޫލު މީހެކެެވެ. އަދި އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ ރައުދާގެ ކުރިމަތީގައި އަހަރެންނަކީ ބަސްވިކޭ މީހަކީމުއެވެ. އެކުވެރިކަމުގެ ގުޅުމުގައި، ހިނިތުންވުމާއި އުފާވެރިކަން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޖާގައެއް ނުދެމެވެ. ދެތިންކުދިންގެ ގުރޫޕެކެވެ. އަބަދުވެސް އެކުގައި ވީމެވެ. އުފަލާއި ހިތާމަ ތަކުގައެވެ. އަހަރެންނަށް ރައުދާ އެނގުނީ ތަންކޮޅެއް ފަހުންނެވެ. ނަމަވެސް، އަހަރެމެން ދެމީހުންގެ އެކުވެރިކަން ގާތް ގުޅުމަކަށް ބަދަލުވާން ދުވަސްތަކެއް ނުނެގިއެވެ.
ކިޔެވުމާއި ސަކަރާތުގައި ދުވަސްތައް ފާއިތުވަމުން ދިޔައީ ބާރުމިނުގައެވެ. ދުވަހެއް ދުވަހަކަށް އަހަރެމެން އެންމެންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާންފެށިއެވެ. އެކެއް އަނެކެއްގެ މުހިންމުކަން އެނގެންފެށިއެވެ. އެކުވެރިކަމުގެ ގޮށް ކުރިއަށްވުރެ ބާރު ކޮށްލީމެވެ. އަހަރެންނާއި ރައުދާގެ ގުޅުންވެސް އެފަދައެވެ. ގާތް ރަޙުމަތްތެރިއެއް ނެތް އަހަރެންނަށް، ރައުދާ ވެގެންދިޔައީ ޙަޔާތުގެ މުހިންމު ބަޔަކަށެވެ. ދިމާވާ ހުރިހާ ކަމަކާއި، ބުނަން ބޭނުން ހުރިހާ ވާހަކަތަކެއް ޙިއްޞާކުރީ އެއްވެސް ޖެހިލުމެއްނެތިއެވެ. ރައުދާގެ ޢަމަލުތައްވެސް ހަމަ އެފަދައެވެ.
ދުވަސްތައް ގުނެމުންދިޔައެވެ. އެކުވެރިކަމުގެ ކުލަވަރު ފަނޑުވެ، އަހަރެމެން ބާކީވާން ފެށިއެވެ. ކުރެވުނީ ކޮން ކުށެއްކަން ޚުދު އަހަރެމެންނަށްވެސް ނޭނގުނެވެ. އަހަރެން ފެންނަ ކޮންމެ ތާކުން، ހީނ މަލާމާތްކޮށް ހަދައެވެ. ސަބަބެއް ނޭނގުނެވެ. އެހެންމީހުންގެ، މަލާމާތައް އަހަރެން ބީރު ކަންފަތެއް ދިނީ ރައުދާގެ ލަފާގެ މަތިންނެވެ. ދުނިޔެމީ މިފަދަ ތަނެއްކަން ބުނެދިނީތީއެވެ. އެންމެންގެ ރުހުން ނުލިބޭނެކަން ބުނެދީ ތަފްޞީލުކޮށްދިނީ ތީއެވެ. އަދި، އަހަރެމެންގެ ގުޅުމަށް ބަދަލެއް ނާންނާނެކަން ތަކުރާރުކޮށް ބުނަމުން ދިޔައީތީއެވެ.
އެހެނަސް، އިންސާނަކަށް ކެތްވާނީ ވަކި ވަރަކަށެވެ. ފެންނަ ހުރިހާ ކަމެއް، ނުފެންނަ ކަމަށް ހެދީ އެކުވެރިޔާ އަށްޓަކައެވެ. އިވޭ ހުރިހާ އަޑަކަށް ބީރު ކަންފަތެއް ދިނީ އެކުވެރިކަމުގެ ގުޅުމަށް ޤަދަރުކުރާތީއެވެ. ނަމަވެސް، އަހަރެންގެ ކެތްތެރިކަން ކޮޅުންލައި، ސުވާލުތައް އަމުނާލީ އެކުވެރިކަމުގެ ވަޢުދުކޮށް، އެ އެކުވެރިކަން ފަނޑުވަމުން ދިއުމުންނެވެ. އަހަރެންނާއި ރައުދާގެ އެކުވެރިކަމުގެ ގުޅުމަށް ރުޅިވެރިކަމުން މަރްޙަބާ ކިޔުމުންނެވެ. ކޮންމެއަކަސް، ރައުދާގެ ކުރިމަތީގައި އަހަރެންގެ އަގު ހިފޭއްޓޭތޯ، އަހަރެން ރައުދާގެ ރައްޓެހިންނާ ވާހަކަ ދެއްކީ ރީތި ބަހުންނެވެ. ނަމަވެސް، ޖަވާބު ލިބުނީ އުންމީދުކުރި ގޮތާއި މުޅިން ޚިލާފަށެވެ. ރުޅިވެރިކަމާއި ނަފްރަތު ކަމުންނެވެ.
ތިފަދައަކުން، އަހަރެމެން ދެމީހުން ބާކީ ކޮށްލީ ކީއްވެގެންތޯ އަހައި އޮޅުންފިލުވުމަށް، އަހަރެންގެ ސުވާލު ތަކުރާރު ކުރީމެވެ. ޖަވާބުގައި އަހަރެން، އެމީހުންގެ ގާތް ގުޅުމަށް "ބޭނިގަތީ" ކަމަށްބުނެ އޭނާ ވާހަކަ ދައްކަމުންދިޔައީ ރުޅިވެރިކަމާއި އެކުގައެވެ. އަދި، އަހަރެން އެމީހުންނާއި ރައުދާ ދުރުކުރުވީ ކަމަށްބުނެ އަހަރެންގެ ނަފްސަށް އިޝާރާތްކުރީ، އަހަރެންގެ ކުށެއްނެތިއެވެ. އަހަރެންވެސް ތަކުރާރުކޮށް ބުނަމުން ގެންދިޔައީމެވެ. އަހަރެން ދުވަހަކުވެސް ބައެއްގެ ތެރެއަށް "ބޭނި" ނުގަންނަމެވެ. ނަމަވެސް، ރުޅިވެރިކަމުގެ އެ އަލިފާނުގައި، އޭނާގެ ޙަސަދަ އަހަރެންގެ ހިތް ކުދިކުދި ކުރުވަމުން ގެންދިޔައެވެ. ލަދުން އަހަރެން އިސްޖެހުނެވެ. އެންމެ ފަހުން، ބޮލުގައި "އަންހެންކުޅި ކުޅޭ މީހެއް"ގެ ނަންވެސް އެޅުނީއެވެ. ކެތްތެރިކަން ކޮޅުންލައި، ރައުދާގެ ކުރިމަތީގައި އަހަރެންނަށް ޤިސްލާ ރޮވެން ފެށިއްޖެއެވެ. ކުޑަކުއްޖެއް ފަދައިން، އަހަރެންގެ ކުށެއް ނެތްކަން ބަޔާން ކުރަމުންނެވެ. އަހަރެންނަކީ، އެކަހަލަ މީހެއް ނޫންކަން ތަކުރާރުކޮށް ބުނެދެމުން ގެންދިޔައީމެވެ. އަހަރެންގެ އަޅާލުމުގައި އެކަހަލަ އެއްވެސް ނިޔަތެއް ނެތްކަން، ރޮއެ އާދޭސް ކުރަމުން ގެންދިޔައީމެވެ. އަދި، ދުވަހަކުވެސް އަހަރެން ރައުދާއާއި އެމީހުންގެ ދެމެދަށް ނުވަންނަން ކަން ބުނެދިނީމެވެ. އެތައް ފަހަރެއްގެ މަތިންނެވެ. އަހަރެންގެ ކަރުނަތައް ރައުދާ ފޮހެދިނީ އަހަރެންނަށް އިތުބާރު ކުރާ ކަމަށް ބުނަމުންނެވެ. އަދި، އަހަރެންގެ ކުށެއް ނެތްކަން ބުނެދެމުންނެވެ.
އެ ހިސާބުން ނިމުނީއެއް ނޫނެވެ. ފެށުނީއެވެ. އަހަރެންނަކީ ގޮތެއްފޮތެއް ނެތް މީހެއްކަމެވެ. އެކުވެރިކަން ދަމަހައްޓަން ނޭނގޭ މީހެއްކަމެވެ. އިހަކަށްދުވަހު ރައުދާގެ ޙަޔާތައް އައި މީހެއްކަމެވެ. އެއަށްފަހުގައި ދިނީ އިންޒާރެކެވެ. މީގެ ފަހުން ރައުދާއާއި ގާތް ނުވުމަށެވެ. އޭނަ ހުންނަ އެއްވެސް ތާކު ރައުދާއާއި ގާތްވާން ނުކެރޭނެ ކަމެވެ. އަދި އޭނައަށް އެނގިހުރެ، ދުވަހަކުވެސް އަހަރެންނަށް، އަހަރެންގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާއާއި ގާތް ނުވެވޭނެކަމެވެ. ވެއްޖެނަމަ، އޭގެ އުޖޫރަ ބޮޑުވާނެކަމެވެ. އޭނަ އާއި ކުޅެލައިފިނަމަ، އެޔަށްވުރެ ނުބައި ވާނެކަމެވެ. އަހަރެން، އެންމެ ފިޔަވަޅެއްވެސް އެކުވެރިކަމުގައި ފަހަތަކަށް ނުޖައްސަމެވެ. އެހެނަސް، އަހަރެންގެ ހަށި ރައްކަލަކަށްޓަކައޭ ބުނެ ރައުދާ އަހަރެންނާއި ދުރުވަމުންދިޔައެވެ.
ނުދަންނަ ބީރައްޓެއްސެއްފަދައެވެ. ފެނުމުން އިސްޖަހާލައެވެ. އަހަރެންގެ ޙާލަކީވެސް އެއީ އެވެ. ފެންނަ ކޮންމެ ތާކުން، އެންމެން ހީނ ހަދައެވެ. އަހަރެންވެސް އިސްޖަހާލަމެވެ. ލަދުންނެވެ. އަހަރެންނާއި ދިމާއަށް، "އޭ މިހިރަ ގޮތެއް ފޮތެއްނެތް އަންހެން ކުޅި ކުޅޭ މީހާ" އޭ ކިޔައި ގޮވާހެން ހީވާތީއެވެ. މެދު ކެނޑުމެއްނެތި އަހަރެންނަށް އެ އަޑު އިވޭ ކަހަކައެވެ. އެއް ދުވަސްވަރެއްގައި އެކުވެރިންތަކެއް ލިބިފައިވިޔަސް މިއަދު އަހަރެން އެކަނި ވެއްޖެއެވެ. އެންމެންގެ ތެރޭގައި ބާކީވެއްޖެއެވެ. ކަރުނައާއި ހިތާމައާއި އެކަނިވެރިކަން ނޫން ބައިވެރިއެއް ނުލިބުނެވެ. މީހާ މުޅިން ފުނޑުފުނޑު ވެއްޖެއެވެ. އެއްވެސް ކަމެއްނެތި، އަމިއްލަ ނަފްސު ހަތަރު ފާރުގެ ތެރޭގައި ބަންދު ކުރެވުނީއެވެ. މަލާމާތާއި ފުރައްސާރައަށް ކުރިމަތިލާނެ ހިތްވަރުވެސް ނެތިއެވެ. މަރުވެފައިވާ މަސްގަނޑެއް ފަދައިން އޮތީމެވެ. ބަދުނަސީބު ޙަޔާތާއިމެދު ގޮތެއް ނިމޭތޯ ދުޢާކުރާ ޙާލުގައެވެ.
އެގޮތުގައި ދެ ދުވަސް ފާއިތުވެއްޖެއެވެ. އިމްތިޙާނުތައްވެސް ފެށުނީއެވެ. އަހަރެންގެ ގައިގައި އިމްތިޙާނަށް ދާނެ ހިތްވަރު ހުއްޓަސް، އެ މަލާމާތާއި އެކަހެރިކަމާއި ކުރިމަތިލާނޭ ހިތްވަރެއް ނެތެވެ. އެހެންވެ އެދުވަހުގެ އިމްތިޙާނަށް ނުގޮސް ގޭގައި މަޑުކުރީމެވެ. ފެއިލްވާނެކަން އެނގިހުރެއެވެ. ނަމަވެސް، 3 ވަނަ ދުވަހު އަހަރެން އަމިއްލަ ނަފްސަށް މަޖުބޫރުކުރުވައި އިމްތިޙާން ތަކަށާއި ކުލާސްތަކަށް ޙާޒިރުކުރުވީމެވެ. އޭރުވެސް ރައުދާ ފެނެއެވެ. އަހަރެން އެކަހެރިކޮށްލައި ބާކީ ކޮށްލައިފައި ވީތީއެވެ. ރައުދާގެ ރައްޓެހިންނާއި އެކުއެވެ.
އިމްތިޙާންތައްނިމި، މިކަންތައްވެސް ނިމުނީއޭ ހިތައް އަރުވާލެވުނީ އަހަރެންގެ މޮޔަކަމުންނެވެ. އެއީ ފެށުމެވެ. ސަމާސާއެއްގެ ފެށުމެވެ. އަހަރެންނަށް ނުސީދާ ގޮތުން އެތައް އަނިޔާއެއް ދެމުންދިޔައެވެ. އެކަނިމާ އެކަނި ހިތްވަރުން ކުރިމަތިލީމެވެ. ރުޅި ގަދަވާ ފަހަރާއި، އެކަނި އޮވެ ޤިސްލާ ރޮއެ ހަދާ ފަހަރުތައް ގިނަވެއްޖެއެވެ. މިކަންތަކަށް، ރައުދާގެ ފަރާތުން ލިބުނީ ހަމަ ހިމޭންކަމެވެ. މުޅި މީހާ އެ "ސަމާސާ"ގެ ޝިކާރަކަށް ވެއްޖެއެވެ. ވަކިމީހެއްނޫނެވެ. ވަކިވަކިންނެއްވެސް ނޫނެެވެ. އަހަރެންގެ އެކަހެރި ކަމަށް މަލާމާތް ކުރަމުން ދިޔައީ ހުއްޓުމެއްނެތިއެވެ. ބާކީ ކޮށްލީއެވެ. އިޝާރާތްކުރީ އަހަރެންގެ ފުނޑުފުނޑުވެފައިވާ ޒުވާން ހިތަށެވެ. އެމީހުންގެ އަމާޒަށް ވާޞިލްވެވިއްޖެކަން އަހަރެން އެމީހުންނަށް ކަށަވަރުކޮށްދިނީމެވެ. އެހެން އެއްވެސް މީހަކަށް އެފަދަ ސަމާސާއެއް ނުކުރާނޭ ވަރުގެ ހެއްކަކާއިވެސް އެކުގައެވެ.
އަހަރެންގެ އަތުން ލިޔެލި އެންމެ ފަހު ނޯޓުގައި އަހަރެން ލިޔުނީމެވެ. " ޝުކުރިއްޔާއެވެ. ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ. އިތުރަށް އަހަރެންގެ ފުނޑުފުނޑުވާނެ އެއްވެސް ޙިއްސެއް ނެތެވެ. އެއްފަހަރާ ދެމުންދިޔަ އަނިޔާތަކަށް ޝުކުރިއްޔާއެވެ. އަހަރެން ދުވަހަކުވެސް ބީރެއްނޫނެވެ. އަހަރެންނަށް އަޑު އިވެއެވެ. އަހަރެންނަކީ ކަނު މީހެއްނޫނެވެ. އަހަރެންނަށް ސާފުކޮށް މަންޒަރުތައް ފެނެއެވެ. އަދި އަހަރެންގެ ހިތައް ކުރި ކޮންމެ އަނިޔާއެއްވެސް އަހަރެންނަށް އިޙްސާސްވިއެވެ. މިއަދު އަހަރެން މިވަނީ، ތި އެންމެންގެ އަމާޒަށް ވާޞިލުވެ އަމިއްލަ ނަފްސު ކުއްވެރި ކުރާ ޙާލުގައެވެ. ނޭވާ ލުމަކީވެސް ވޭނަކަށް ވެފައެވެ. ޖަހާ ކޮންމެ ވިންދެއް ނިމިދަނީ ތިޔަކުރި "ސަމާސާ" ގެ ފަހަތަށެވެ. އާނއެކެވެ. ތިޔަކުރާ ހަނގާގެ ފަހަތަށެވެ..."
އަހަރެންގެ ކޮއްކޮ، ޝާނީޒްގެ މަރަށް 2 އަހަރުވެއްޖެއެވެ. ތަޙުލީލުތައް ކުރިއަށްގޮސް، ކޯޓަށް އެ އެންމެން ޙާޒިރުކުރުވައި ސުވާލު ކުރެވުނެވެ. އެ މަރުގައި ތިބާގެ ޙިއްސާ ވޭތޯއެވެ. ޖަވާބުގައި އެއްވެސް ބަދަލެއް ނެތެވެ. "އަހަރެމެން ސަމާސާ ކޮށްލީއެވެ." އަހަރެންނަކަށް އިތުރު ހައިރާން ކަމެއްވެސް ނުލިބެއެވެ. އެއީ އަހަރެންގެ ކޮއްކޮ، ލިޔެފައިވާ ފަހު ނޯޓުގެ އެންމެ ފަހު ދެތިން ޖުމުލައިގައި ލިޔަފައިވެއެވެ.
" ލޯބިވާ ދައްތާއެވެ. އަހަރެންނަށް ދެނެއް ކެތެއް ނުވާނެއެވެ. ހަނގާގެ ޝިކާރައަކަށް އަހަރެންވެ، މުޅިން ފުނޑުފުނޑުވެ ޙަޔާތާއި މެދު ފޫހިވެއްޖެވެ. ދައްތާއެވެ. އެމީހުންގެ "ސަމާސާ" ޝިކާރައަކަށް އިތުރަށް ވާކަށް ނެތީމެވެ. އެމީހުންނަށް ވިސްނޭނެ ކަމަށް އުންމީދު ކުރަމުންނެވެ. ދައްތަ އުންމީދު ކުރިފަދަ ކުއްޖަކަށް އަހަރެންނަކަށް ނުވެވުނެވެ. އޭގެ ބަދަލުދައި ހަނގާގެ ޝިކާރައަކަށް ވެވުނީއެވެ. އަހަރެންނަށް މަޢާފްކޮށް ދޭށެވެ."
-ނިމުނީ-
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް