މެމްބަރު އިންތި އެވެ. މިއޮތީ އިންތި ކުރެއްވި ޓްވީޓަށް ހެޔޮވަރު ރައްދެކެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ އެވެ. ޓްވިޓާގައި މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. 40 ހާހަށްވުރެ ގިނަ ފޮލޯވާސް ތިބުމަކީ ސޯޝަލް މީޑިއާގައި މަނިކުފާނު މަގުބޫލު ކަމުގެ ހެއްކަކަށް ފުދެ...

25 Dec 2017 | 02:41

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ އެވެ. ޓްވިޓާގައި މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. 40 ހާހަށްވުރެ ގިނަ ފޮލޯވާސް ތިބުމަކީ ސޯޝަލް މީޑިއާގައި މަނިކުފާނު މަގުބޫލު ކަމުގެ ހެއްކަކަށް ފުދެ އެވެ.

އިއްޒަތްތެރި މެމްބަރު އެވެ. 22 ޑިސެމްބަރު 2017ގެ މެންދުރުފަހު 03:48ގައި މަނިކުފާނު ކުރެއްވި ޓްވީޓެއް ތިރީގައި ނަކަލު ކޮށްލާނަމެވެ.

-----------

ކާފަރު ހުޅަނގުގެ ޑިމޮކްރަސީ:

  • ވަގަކަށް ވެރިކަމުގައި ނުހުރެވޭ
  • ކޯޓުން އިންސާފު ލިބޭ
  • އިންސާނީ، މަދަނީ، އިޖްތިމާއީ ހައްގުތައް ފާޅުކޮށް ލިބޭ
  • ރައްޔިތުން ތަނަވަސް

އިސްލާމީ ރާއްޖެ:

  • ތިޖޫރީ ނެތް
  • އަދުލު އިންސާފު ވީދާ ކައިފި
  • އަނގަބަންދުކޮށް އަނިޔާ އިންތިހާ

-----------

މަނިކުފާނުގެ މި ޓްވީޓަށް ބޮޑު މަގުބޫލުކަމެއް އެވަނީ ލިބިފައި އެވެ. 100 އަށްވުރެ ގިނަ މީހުން ރީ ޓްވީޓް ކޮށްފައިވާއިރު 100 އަށްވުރެ ގިނަ ލައިކްސްވެސް ލިބިފައި ވެ އެވެ. 20 އަށްވުރެ ގިނަ ކޮމެންޓް ވެސް ލިބިފައި ވެ އެވެ. ޓްވީޓަށް ލިބުނު ތަރުހީބަށް މަނިކުފާނަށް "ކޮންގްރާ" އެވެ.

ދެން މިއޮތީ މަނިކުފާނުގެ، މަގްބޫލު އެ ޓްވީޓަށް ސޯޝަލް މީޑިއާ ޕްލޭޓްފޯމް، ފޭސްބުކްގައި، ހުޅަނގުގެ ޑިމޮކްރަސީއާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ، އަދި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދު، އިންތިގެ ޓްވީޓަށް ދެއްވާފައިވާ ރައްދެކެވެ.

އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ވަގަކަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށެވެ. މިދުއަމްގެ ރައްދަކީ:

ހުޅަނގުގެ ޑިމޮކްރަސީއަކީ ވަގުންނާއި، ވިޔަފާރި ވެރިންނާއި، ކުށެއް ނެތް މީހުން މެރުމުގެ ފަހުލަވާނުންގެ އެއްޗެއް.

  • ހިޓުލަރު ވެރިކަމަށްއައީ ޑިމޮކްރަސީއެއްގެ ތެރެއިން
  • ފަލަސްތީނު ސުންނާފަތި ކުރަމުން އެދަނީ މެދުއިރުމަތީ އޮތް ހަމަ އެކަނި ޑިމޮކްރަސީއިން
  • މިއަންމާގެ މުސްލިމުން މަރަމުން އެދަނީ އެގައުމުގެ ޑިމޮކްރަސީގެ ބާނީ ކަމަށް ހުދު އިންތިގެ ލީޑަރުވެސް ގޮވި އަންގްސުން.

އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ކޯޓުން އިންސާފު ލިބޭނެ ކަމަށެވެ. މިދުއަމްގެ ރައްދަކީ:

  • ގުއަންޓަނާމޯބޭގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުނުތޯ ؟
  • ފާއިތުވި ހަތަރު އަހަރު ޑްރޯން އެޓޭކްތަކުގައި މަރުވި ކުށެއް ނެތް މީހުންގެ އެއްވެސް އާއިލާއަކަށް އިންސާފު ލިބުނުތޯ؟
  • ޕްރިންސް ޗާލްސްގެ ބްލެކް ސްޕައިޑާ މެމޯ މައްސަލައިގާ އިންސާފު ލިބުނުތޯ؟
  • 11/9 މައްސަލައިގާ ސައުދީއާއި ދެކޮޅަށް ކޯޓަށް ދިޔަ އެއްވެސް ބަޔަކަށް އިންސާފު ލިބުނުތޯ؟
  • ޑިއެގޯ ގާސިއާގެ އަސްލު ރަށްވެހިންނަށް އިންސާފު ލިބިއްޖެތޯ؟

އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި އިންސާނީ، މާއްދީ، ސިޔާސީ ހައްގު ފުޅާކޮށް ލިބޭ ކަމަށެވެ. މިދުއަމްގެ ރައްދަކީ:

  • ތިކަމާ ސުނޯޑަން އެއްބަސް ވާނެތޯ؟ ފަލަސްތީނު ރައްޔިތުން ތިގޮތަށް އިޒްރާއީލްގެ ޑިމޮކްރަސީއާއިމެދު ދެކޭތޯ؟ އިނގިރޭސިވިލާތަށް ބޭން ކުރި ފަރަހާން ތިކަމާއި އެއްބަސްވާނެތޯ؟ ވިސާ ނުލިބުނު ޒާކިރު ނައިކް އެއްބަސް ވާނެތޯ؟ ހަމުގެ ކުލަ ކަޅު ވީމަ ކުށްވެރިއެއް ކަމަށް ބަލާ އެމެރިކާގައި މަރާލެވޭ މީހުން ތިކަމާއި އެއްބަސް ވާނެތޯ؟

އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ރައްޔިތުން ތަނަވަސް ވާނެ ކަމަށެވެ. މިދުއަމްގެ ރައްދަކީ:

  • ފުރަތަމަ ކަމަކަށް، ހުޅަނގު މުއްސަނދިވީ އޭސިއާއާއި އެފްރިކާއާއި މެދުއިރުމަތީ ގައުމުތަކަށް އަރާ އެތަންތަނުގެ ރިސޯސަސް ނުހައްގުން ނަގައިގެންކަން ހަނދާން ނައްދާ ނުލައްވާތި.
  • 2016 ދުނިޔޭގެ އެންމެ ނިކަމެތި ގައުމަކީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ. ދުނިޔޭގެ އެންމެ ނިކަމެތި ފަގީރު ދިހަ ގައުމުގެ ތެރެއިން ގިނައީ ޑޮމޮކްރަޓިކް ގައުމުތައް.
  • ހުޅަނގުގެ ނިކަމެތި ގައުމުތައް މަދެއް ނޫން، ގައުމު ތަނަވަހަސް އެއީ މަދު ބައެއްގެ އެއްޗެއް.
  • މިއަދު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ކުރީސަފުގައި ތިބީ އޭސިއާ އަދި އެފްރިކާ ގައުމުތައް.

"ދުނިޔޭގެ 123 ޑިމޮކްރަޓިކް ގައުމު އޮތް އިރު އެތަނުން ކިތައް ގައުމުތޯ ތިވިދާޅުވާ އުސޫލުން ހިނގަނީ، ހުޅަނގުގެ ޑިމޮކްރަސީއޭ ވިދާޅުވެލައްވާއިރު އީޔޫގައި ޑިމޮކްރަޓިކް އުސޫލު ހިނގާތޯ؟ ސާދަ ގައުމާއި ދެކޮޅަށް އދ ގައި އެންމެ އެމެރިކާއަކުން ފަލަސްތީނު ވީޓޯ ކުރީ ތިދަންނަވާ ޑިމޮކްރަސީ ތެރެއިންތޯ؟ ޗައިނާ ކުރިއަރައިގެންދަނީ ޑިމޮކްރަސީއާއި ހެދިތޯ؟ އިންޑިއާ މިއޮތް ހުރިހާ ދުވަހު ޑިމޮކްރަސީ ވިއަސސް ކުރިނާރާ އޮވެ، މިއަދު ހަލުވި ކަމާއިއެކު ކުރިއަރަނީ ޑިމޮކްރަސީއާއި ހެދިތޯ ނޫނީވިއްޔާ މޮޑީގެ ސިޔާސަތާ ހެދިތޯ؟ ހުޅަނގުގެ ޑިމޮކްރަސީއަށް ސަނާ ކިޔާނެ ޖާގައެއް ހުއްޖަތެއް ނެތެވެ" މިދުއަމް އޭނާގެ ފޭސްބުކް ޕޯސްޓްގައި އިތުރަށް ލިޔެފައި ވެ އެވެ.

---------

މެމްބަރު އިމްތިޔާޒް ފަހުމީ އަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އަދި ސިޔާސީ ޕޯޑިއަމްގައްޔާއި ސޯޝަލް މީޑިއާގައިވެސް ފިސާރި ދޫހެލޭ ބޭފުޅެއް ކަމާއިމެދު ޝައްކެއް ނެތެވެ. މަނިކުފާނު އެވެ. މިދުއަމްގެ ރައްދަށް ރައްދެއް ނުދެއްވާނަންތޯ އެވެ. !؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް