ރ.ދުވާފަރު ގެއަކުން 30000 ރުފިޔާ ވަގަށް ނެގި މީހަކު 04 އަހަރާއި 06 މަސް ދުވަހަށް ޖަލަށްލުމަށް މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ ރ.ކަނދޮޅުދޫ، ފިނިރޯޅި އާދަމް އިބްރާޙީމް (20 އ) ގެ މައްޗަށެވެ.
އާދަމް އިބްރާޙީމް ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ 2014 އޮކްޓޯބަރ 11 ވަނަ ދުވަހުގެ 17:00 ހާއިރު ދުވާފަރު ގެއެއްގެ ބަދިގެއަށް ވަނަން ހުންނަ ދޮރުގެ ތަންޑު ހަލާކުކޮށްލައި އެގޭތެރެއަށް ވަދެ، ކޮޓަރިއެއްގެ ތަޅު ހަލާކުކޮށްލައި އެކޮޓަރީގެ އެނދެއްގެ ދަށުގައި ބަހައްޓާފައިހުރި ފޮއްޓެއްގެ ތަޅު ހަލާކުކޮށްލައި އެފޮށީގެ ތެރޭގައި ރައްކާކޮށްފައި އޮތް ދަބަހެއްގެ ތެރެއިން 30000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޝަރީއަތަށް ސާބިތުވުމާއި ގުޅިގެންނެވެ.
މި މައްސަލައާއި ގުޅިގެން އާދަމް އިބްރާޙީމްގެ މައްޗަށް ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 137 ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން “ތަނެއް ހަލާކުކޮށްލައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިއާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ” އެވެ.
ޙުކުމްގައި ވަނީ މި ކުށުގެ ދަޢުވާއަށް ރ.ކަނދޮޅުދޫ، ފިނިރޯޅި އާދަމް އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވުމުން، އާދަމް އިބްރާހީމްގެ މައްޗަށް ދަޢުލަތުން ކުޅަ “ތަނެއް ހަލާކުކޮށްލައިގެން، މީހުން ދިރިއުޅޭ ތަނަކުން ދިހަހާސް ރުފިއާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ” އާދަމް އިބްރާހީމްގެ އިޢުތިރާފުން ޝަރީއަތަށް ސާބިތުވެފައިވާކަމަށެވެ.
އާދަމް އިބްރާހީމްގެ މައްޗަށް ޖިނާޢީ ކުށެއް އަދި ވައްކަމުގެ ކުށް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން 06 މަސް ދުވަހަށް ޖަލަށްލުމަށާއި، އާދަމް އިބްރާހީމް ވަގަށް ނަގާފައިވާ ފައިސާގެ އަދަދަކީ 30000 ރުފިޔާ ކަމަށްވާތީ، ޤާނޫނުލް ޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 2 އަހަރާއި 06 މަސް ދުވަހަށް ޖަލަށްލުމަށާއި އާދަމް އިބްރާހީމް ވައްކަން ކޮށްފައިވަނީ ތަނެއް ހަލާކުކޮށްލައިގެން ކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 137 ވަނަ މާއްދާގެ ދަށުން އިތުރު 01 އަހަރު ދުވަހަށް ޖަލަށްލުމަށާއި، އާދަމް އިބްރާހީމް ވައްކަން ކޮށްފައިވަނީ މީހުން ދިރިއުޅޭ ތަނަކުން ކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 138 ވަނަ މާއްދާގެ ދަށުން 06 މަސް ދުވަހަށް ޖަލަށްލުމަށް، އެކު ޖުމްލަ 04 އަހަރާއި 06 މަސް ދުވަހުގެ މުއްދަތަށް އާދަމް އިބްރާހީމް ޖަލަށްލުމަށް މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް