އިޒްރޭލަށް އަމާޒްކޮށް ދިން ސްނައިޕާ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ މީހަކު ޒަހަމްވެފައިވާކަމަށްބުނެ އިޒްރޭލުން ގާޒާއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ހަނގުރާމަވެރިއަކު ޝަހީދުކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން ޓްވިޓާ މެދުވެރިކޮށް އިޒްރޭލު އަސްކަރިއްޔާއިން ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާޒާއަށް ވައިގެ ހަމަލާދިނީ ބޯޑަރު ކައިރިން އިޒްރޭލަށް ސްނައިޕާ ހަމަލާއެއް ދިނުމުގެ އެކަމުގެ ރައްދެއް ގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް އެ ކުރު ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އިޒްރޭލުގެ ވައިގެ ހަމަލާ އަމާޒުވީ ގާޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނިސް އަށް ކަމަށާއި ހަމަލާގައި ޝަހީދުވެފައިވަނީ 33 އަހަރުގެ ތޭސީރު އަލް އިސްމާރީ ކަމަށެވެ. ހަމާސް އިން ބުނެފައިވަނީ ޝަހީދުވި އެ ޖަމާއަތުގެ ހަނގުރާމަވެރިޔާއަކީ އެ ޖަމާއަތަށް ނިސްބަތްވާ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިއެއް ކަމަށެވެ.
މެދުކެނޑުމެއްނެތި 50 ދުވަހު ފަލަސްތީނުގެ ގާޒާއަށް ހަމަލާދިނުމަށްފަހު ހަމަލާތައް ހުއްޓާލާފައިވަނީ މިއަހަރު ގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު އެވެ. އޭރު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލިއެވެ. އިޒްރޭލުން މަރުވި މީހުންގެ އަދަދު އުޅެނީ 70 އަށްވުރެވެސް ދަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް