ފޮޓޯ: އެމްޕީއެލް
ކޮންޓޭނާ ވެސަލް އެމްއެސްއެސް ގަލީނާ ތިލަފުށީ ކާގޯ ޓާމިނަލަށް ކައިރިކޮށް، އެ އުޅަނދުން ކޮންޓޭނާ ބާލަން ފަށައި ވަގުތީގޮތުން ހިދުމަތް މިއަދު ފަށައިފިއެވެ.
ތިލަފުށީ ޓާމިނަލަށް ސީދާ ކޮންޓޭނާ އުފުލާ އުޅަނދެއް ގެނެސް މުދާ ބާލާ މިއީ ފުރަތަމަ ފަހަރެވެ. އެމްއެސްއެސް ގަލީނާ ރާއްޖެ އައިއިރު އެ އުޅަނދުގައި 524 ޓީއީޔޫ ހުރި އިރު، އޭގެ ތެރެއިން 490 ޓީއީޔޫ ބާލާނީ ތިލަފުށީ ޓާމިނަލަށެވެ.
މި އޮޕަރޭޝަން ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވާން ފެށީ މި އަހަރުގެ މެއި މަހުއެވެ. ކޮންމެ އަހަރެއްގެ ވެސް ފެށުމާ ހިސާބުން ރަމަޟާން މަސް ނިމޭތާ އެއް މަހެއްހާ ދުވަހާ ޖެހެންދެން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް ގިނަވެ އައު ރިސޯޓުތައް ހުޅުވެމުންދާތީ މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ލަފާކުރެއެވެ.
ތިލަފުށީގައި ކޮންޓޭނާ ބާލައި ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއާ ކުރެވޭ ގޮތް ހެދީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ. މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ގެންދަނީ 375 މީޓަރުގެ ކީވޯލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
އެމްޕީއެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހައި އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް