ހައު، ދިވެހި އެފްއެމްގެ ޕްރޮގްރާމްގައި --
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ގައި ހަރަކާތްތެރިވާ ހައު ދައުލާތުގެ މީޑިއާ ދިވެހި އެފްއެމްގެ ޕްރޮގްރާމެއްގެ މެހުމާނެއްގެ ގޮތުގައި ބައިވެރި ކުރުމުން ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.
'ޓިކްޓޮކް ކުއީން ހައު'ގެ ގޮތުގައި ޓިކްޓޮކްގައި ހަރަކާތްތެރިވާ ހައު އަކީ ގިނަ އަދަދަކަށް ވީޑިއޯ ހިއްސާ ކުރާ މީހެކެވެ. ގިނަ ވީޑީއޯތަކުގައި އަދަބާ ހިލާފު ކަންކަން ކޮށް ބޭއަދަބީކޮށް ވާހަކަދެއްކައިގެން މީހުންގެ ސަމާލުކަން އޭނާ ހޯދަ އެވެ.
އާންމުން ހިތްހަމަ ނުޖެހި ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދަނީ އެފަދަ މީހަކު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް މަޝްހޫރު މީހެއްގެ ގޮތުގައި އެރުވުމެވެ. އޭނާ ބައިވެރިކޮށްފައިވަނީ ދިވެހި އެފްއެމްގެ ޕްރޮގްރާމެއްގައި އެވެ. އަދި އެ ޕްރޮގްރާމްގެ ޕްރެޒެންޓަރު ވަނީ ހައު އަކީ މަޝްހޫރު ފަރާތެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި އޭނާ ތައާރަފުކޮށްދީފައި އެވެ.
ފާޑުކީ މީހުންބުނީ އެފަދަ މީހުންނަކީ މަޝްހޫރު މީހުން ނޫން ކަމަށާއި އެއީ މުޖުތަމައު ފަސާދަ ކުރުމުގައި އުޅޭ މީހުން ކަމަށެވެ. އެފަދަ ފަރާތްތަކަށް ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން ފުރުސަތު ލިބިގެން ނުވާނެ ކަމަށް މީހުން ބުނެފައިވެ އެވެ. މީހަކު ބުނީ ދައުލަތުގެ ޗެނަލްތަކުން އެފަދަ މީހުން ޕްރޮމޯޓު ކޮށްދޭނަމަ އެގޮތަށް އަހުލާގީ ފެންވަރު ދަށް މީހުން މުޖުތަމައުގައިދާނީ އިތުރުވަމުންކަމަށެވެ.
ހިޔާލުފާޅު ކުރި އެހެން މީހަކު ބުނީ މި އިސްލާމީ މުޖުތަމަޢު ފަސާދަ ވާވަރުގެ މުންކަރާތްތައް ފާޅުގައި ކުރަމުން އަންނަ ފަރާތްތަކަށް ދައުލަތުގެ މީޑިއާގެ ދޮރު ހުޅުވިފައި ހުންނަ ނަމަ، މީ ވިސްނާލަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. ދައުލަތުގެ މީޑިއާއަކީ ޢާންމު ރައްޔިތުންގެ ފައިސާއިން ހިންގާ، މުޖުތަމަޢުގެ ހެވާއި ލާބައާއި އިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އޮންނަ ތަނަކަށް ވާއިރު، ކޮންޓެންޓް ގެނެސްދިނުމުގައި ޤާނޫނީ، އަޚްލާޤީ އަދި ދީނީ މިންގަނޑުތައް ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް އެމީހާ ބުނެފައިވެ އެވެ.
ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ފައިސާއިން މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކުރަން އުފައްދާފައިވާ ތަނެއް ކަމަށާއި އެފަދަ ކަންކަން ކުރަން ނޭނގޭ ނަމަ ރައްޔިތުންގެ ފައިސާ އިސްރާފުނުކޮށް ތަން ބަންދު ކުރުމަށްވެސް ފާޑުކީ މީހުން ގޮވާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް