އެމެރިކާ ޑޮލަރުތަކެއް ގުނަނީ - ފައިސާ މާރުކުރުމުގެ އާ ގަވާއިދު ގެޒެޓްކޮށް މިއަދު ވަނީ އަމަލު ކުރަން ފަށާފައި --
ބޭރު ފައިސާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/2024) ގެ ދަށުން އެކުލަވައިލި "ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ ގަވާއިދު" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓްކޮށް، މިއަދު އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މި ގަވާއިދު ގެޒެޓްކުރުމާ އެކު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެން ހިންގަމުން އައި "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު" (2024/R-92) އާއި 2025 ގައި އެ ގަވާއިދަށް ގެނައި އިސްލާހު ވަނީ އުވިފައެވެ. ކުރީގެ ގަވާއިދު ހަދާފައި އޮތީ އެމްއެމްއޭގެ ޤާނޫނުގެ ދަށުންނެވެ.
އާ ގަވާއިދާ އެކު ލައިސަންސް ދޫކުރުމުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ކުރިން ޓިއާތަކަށް ބަހާލައިގެން ލައިސަންސް ދޫކުރި ނިޒާމު އުވާލައި، ދެން ދޫކުރާނީ އެންމެ ލައިސަންސެކެވެ.
ލައިސަންސް ލިބޭ ފަރާތްތައް ވިޔަފާރި ކުރިއަށް ގެންދާނީ ދެ ކެޓަގަރީއެއްގެ ދަށުންނެވެ. ކެޓަގަރީ-އޭ ގައި ޢާންމުންނަށާއި ވިޔަފާރިތަކަށާއި އެ ނޫން ވެސް ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވޭ އިރު، ކެޓަގަރީ-ބީ ގެ ދަށުން ޚިދުމަތް ދެވޭނީ ހަމައެކަނި ވިޔަފާރިތަކަށެވެ.
ސެކިއުރިޓީ ޑިޕޮސިޓުގެ އަދަދު ވެސް ވަނީ ދެ ގުނައަށް އިތުރުކޮށްފައެވެ. ކުރިން 100,000 އެމެރިކާ ޑޮލަރުގައި ހުރި ޑިޕޮސިޓް 200,000 ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓަންޖެހޭ ޑިޕޮސިޓް ވެސް ވަނީ 50,000 ޑޮލަރުން 100,000 ޑޮލަރަށް މައްޗަށް ޖައްސައިފައެވެ.
ނަގުދު ފައިސާއިން މުޢާމަލާތްކުރެވޭ 50,000 ރުފިޔާގެ ލިމިޓަކީ ކުރީގެ ގަވާއިދުގައި ވެސް ކަނޑައެޅިފައި އޮތް އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް