ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު 15 އަށް އިތުރު ކުރަން ޝަރީޢަތުގެ އެކި އިޖުރާއާތުތައް ބަދަލުކުރުން ހިމެނޭ ގޮތަށް ކޯޓުތަކުގެ ޤާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރު ސްޕޮންސަރ ކުރެއްވި މި ބިލުގައި ހައިކޯޓުގައި މިހާރު ތިއްބަވާ 11 ފަނޑިޔާރުންގެ ޢަދަދު ހަތަރެއް އިތުރުކޮށް 15 އަށް މަތިކުރުމަށް ހިމަނުއްވާފައިވެއެވެ.
ލިޔެކިއުން ހުށަހެޅުމުގެ މުއްދަތަށް ވެސް ބިލުން ބަދަލު ގެނެއެވެ. މިހާރު ޢަމަލުކުރާ ޤާނޫނުގެ ދަށުން މާލޭގެ ކޯޓުތަކަށް ގިނަވެގެން ހަތް ދުވަސް، ރަށްރަށުގެ ކޯޓުތަކަށް 30 ދުވަސް ލިބޭއިރު، އިސްލާހު ފާސްވެއްޖެ ނަމަ ދަށު މަރުޙަލާގެ ހުރިހާ ކޯޓަކުން ވެސް 14 ދުވަހުގެ ތެރޭގައި ހައިކޯޓަށް ލިޔެކިއުން ފޮނުވަންޖެހޭނެއެވެ. އެހެންކަމުން މާލޭގެ ކޯޓުތަކަށް ލިބޭ މުއްދަތު ދެ ގުނަވާއިރު، ރަށްރަށުގެ ކޯޓުތަކުގެ މުއްދަތު ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެއެވެ.
ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ސީދާ އިސްތިސްނާކޮށްފައިވާ ހާލަތުތައް ފިޔަވައި، ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުން ލާޒިމުކުރުމުގެ މާއްދާއެއް ވެސް ބިލުގައި ހިމެނެއެވެ.
މި ހުރިހާ އިސްލާހުތަކެއް ގެންނަ މައިގަނޑު ބޭނުމެއް ކަމުގައި ބިލުގައި ބަޔާންކޮށްފައި އޮތީ ކޯޓުތައް އެކުލެވިގެންވާ ގޮތާއި އިޚްތިޞާޞާއި އިސް މަޤާމުތައް ހަމަޖެހިފައިވާ ގޮތް ހަރުދަނާކުރުމެވެ. މި ބިލު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް