ފޮޓޯ: ޕޮލިސް
ރާއްޖެއަށް ލަގެޖެއްގައި އެތެރެކުރި 6.75 ކިލޯގެ މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ގެންގޮސްދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ތިން ބަންގްލަދޭޝް މީހެއްގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.
މި މައްސަލާގައި ޖުމްލަ ހަތަރު ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި ގެންގުޅެ ބޭނުންކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތެވެ.
ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ އެމްޑީ ޖިހާދު ބިން އަރީފާއި 41 އަހަރުގެ އެމްޑީ މިޒަންނޫރު ރަހްމާނާއި 30 އަހަރުގެ މިރްޒާ އަލް އަމީން އަދި 21 އަހަރުގެ އެމްޑީ އަރްމާން އަލީއެވެ. މީގެ ތެރެއިން މިޒަންނޫރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު، ބާކީ ތިން މީހުންގެ ބަންދަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް، އިއްޔެ ތިންވަނަ ފަހަރަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އެ ތިން މީހުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ތުހުމަތުކުރެވޭ ތިން މީހުން ދިފާއުގައި ބުނެފައި ވަނީ 200 ރުފިޔާ ދޭނެ ކަމަށް މީހަކު ބުނެގެން އެ ފޮށިގަނޑު ބަލައި ދިޔައީ ކަމަށެވެ. އެ މީހުންނަށް ދައުލަތުން ހަމަޖައްސާފައިވާ ދިފާއީ ވަކީލު ފާހަގަކޮށްފައިވާ ގޮތުގައި ތުހުމަތުކުރެވޭ ބިދޭސީންނާ އެ މީހުންގެ ދިވެހި ސްޕޮންސަރުންނާ ގުޅުމެއް ނެތެވެ.
އަދި އެމީޙުންނާއި މައްސަލައާއި ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް މުއްދަތު ޖެހި މީހުންގެ ތެރެއިން މިރްޒާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
ތުހުމަތުކުރެވޭ މީހުންގެ މި ވާހަކައާ ގުޅިގެން، ހާދިސާގެ ސީސީޓީވީ ފުޓޭޖް ހޯދައި، ފައިސާ ދިން ކަމަށް ބުނާ ފަރާތް ތަޙުޤީޤުގެ ތެރެއިން ހޯދައި ކަށަވަރުކުރުމަށް ގާޒީ ފުލުހުންނަށް އަންގަވާފައިވެއެވެ. ތިން މީހުން ވެސް ޑިޕޯޓުކޮށްދިނުމަށް އެދިފައިވާ އިރު، އެއިން އެއްވެސް މީހެއްގެ ވިސާގެ މުއްދަތު ހަމަވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް