ފިރިހެނުންގެ ހަށިގަނޑު ދުޅަހެޔޮވުމަކީ ދަރިފަނީގެ ސިއްޙަތު ރަނގަޅުވުން ކަމަށް ނުބެލުމަށް ތަޖުރިބާކާރުން ބުނޭ --
ޖިސްމާނީ ގޮތުން ފިޓް އަދި ޖިންސީ ގޮތުން ހެޔޮ ހާލުގައި ހުރި ފިރިހެނެއްގެ ވެސް ދަރިފަނީގެ ޢަދަދު މަދުވެފައި ނުވަތަ ފެންވަރު ދަށްވެފައި ހުރެދާނެ ކަމަށް ފާޓިލިޓީ ތަޖުރިބާކާރުން ބުނެފި އެވެ.
ގިނަ ފިރިހެނުން ޤަބޫލުކުރާ ގޮތުގައި ހެލިފެލިވެ އުޅުމާއި، ރަނގަޅު ދިރިއުޅުމުގެ އާދަތައް ގެންގުޅުމާއި، ޖިންސީ ބައްޔެއް ނެތުމަކީ ދަރިން ލިބުމުގެ ޤާބިލުކަން ވެސް ފުރިހަމައަށް ހުރުމެވެ. ނަމަވެސް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މި ކަންކަމަކީ ދަރިފަނީގެ ސިއްޙަތު ދައްކައިދޭ ކަންކަމެއް ނޫނެވެ.
ބޭރުން ފެންނައިރު ހެޔޮ ހާލުގައި ހުރެ، ޖިންސީ ބާރާ މެދު އެއްވެސް ޝަކުވާއެއް ނެތް ފިރިހެނެއްގެ ދަރިފަނީގެ ޢަދަދު މަދުވެފައި، ހެލިފެލިވުން ދަށްވެ، ބައްޓަމަށް ވެސް އާދަޔާ ޚިލާފު ބަދަލުތައް އައިސްފައި ހުރެދާނެއެވެ. ދަރިމައިނުވެގެން ދެމަފިރިން ހޯދާ ސަބަބުތަކުގެ ތެރެއިން ފިރިހެން މީހާ ފަރާތުގެ މައްސަލަތަކަކީ ވަރަށް މުހިންމު ނަމަވެސް ގިނަ ފަހަރު ނަޒަރު ހުއްޓޭ ކަމަކަށް ނުވެއެވެ.
އިންޑިއާގެ މުމްބާއީގެ ނޮވާ އައިވީއެފް ފާޓިލިޓީގެ ކްލިނިކަލް ޑައިރެކްޓަރު އަދި ފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ސުލްބާ އަރޯރާ ވިދާޅުވީ ދަރިފަނި އުފެދުމާއި ފެންވަރަށް ބުރޫ އަރުވާ ތަފާތު ސަބަބުތައް ހުންނަ ކަމަށެވެ.
އޭގެ ތެރޭގައި ހޯމޯން ހަމަ ނުޖެހުމާއި، ޖެނެޓިކް ހާލަތްތަކާއި، ނާރުތައް ދުޅަވުމާއި އާއި، އިންފެކްޝަންތަކާއި، ފަލަވުމާއި، ކޮންޓްރޯލް ނުވެ ހުންނަ ހަކުރު ބައްޔާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ތިމާވެށީގެ ވިހަ މާއްދާތައް ހިމެނެއެވެ. އޭގެ އިތުރުން، ހަށިގަނޑު ރަނގަޅު ކުރުމަށް ބޭނުންކުރާ ބައެއް ބޭހާއި އެނަބޮލިކް ސްޓެރޮއިޑް ވެސް ދަރިފަނި އުފެދުމަށް ހުރަސް އެޅެއެވެ. ބައެއް ފިރިހެނުންގެ ގައިން ސީދާ ސަބަބު ދެނެގަންނަން އެންމެ ފުރަތަމަ ދަތިވެދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޑރ. އަރޯރާ އިތުރަށް ވިދާޅުވީ އާންމުކޮށް ފިރިހެނުންނަށް ދިމާވާ އެންމެ ބޮޑު ކުށް ހީ އަކީ، ޖިސްމާނީ ގޮތުން ހެޔޮ ހާލުގައި ހުރި ނުވަތަ ޖިންސީ ގޮތުން ހަރަކާތްތެރި ފިރިހެނެއްގެ ދަރިމައިވުމުގެ މައްސަލައެއް ނުހުންނާނެ ކަމަށް ޤަބޫލުކުރުމެވެ. އޭނާ ވިދާޅުވީ ވައިރިލިޓީ އާއި ފާޓިލިޓީ އަކީ މުޅިން ތަފާތު ދެ ކަމެކެވެ. ޖިންސީ ބާރަކީ ޖިންސީ ހިންގުންތެރިކަމުގެ ވަކި ކަމެއް ދައްކައިދޭ ކަމެކެވެ.
ދަރިމައިވުން ބިނާ ވަނީ ސިއްޙަތު ރަނގަޅު ދަރިފަނި އުފެދޭ މިންވަރާއި، ހެލިފެލިވުމާއި، ބިހެއް ފާޓިލައިޒް ކުރުމުގެ ޤާބިލުކަމުގެ މައްޗަށެވެ. ދަރިފަނީގެ ޢަދަދު މަދުކަން ފާޓިލިޓީ ޓެސްޓުތަކުން އެނގޭ ގިނަ ފިރިހެނުންގެ ކުރީގެ ޞިއްޙީ މައްސަލައެއް ނޯވެ އެވެ. އެހެންކަމުން ބޭރުން ފެންނަ ހަށިގަނޑާއި، މަސްގަނޑުގެ ބާރާއި، ޖިންސީ ބާރަށް ބަލައިގެން ދަރިމައިވުމުގެ ޤާބިލުކަން ވަޒަންކޮށްގެން ނުވާނެ ކަމަށެވެ.
ފިރިހެނުންގެ ދަރިމައިވުމުގެ ސިއްޙަތު ބެލުމަށް ޢާންމުކޮށް އެންމެ ފުރަތަމަ ހަދަނީ ސީމެން އެނަލިސިސް ނުވަތަ ދަރިފަނީގެ ތަޙުލީލެކެވެ. މި ޓެސްޓުން ދަރިފަނީގެ ޖުމްލަ ޢަދަދާއި، ހެލިފެލިވުމާއި، ބައްޓަން ވަޒަންކޮށްދެއެވެ.
ނަތީޖާއަށް ބެލުމަށްފަހު ހޯމޯން ޓެސްޓާއި، ޖިސްމާނީ ޗެކަޕާއި، ސްކޭނާއި، ބައެއް ޙާލަތްތަކުގައި ޖެނެޓިކް ތަޙުލީލު ވެސް ހެދުމަށް ޑޮކްޓަރު ލަފާ ދީފާނެއެވެ. ޓެސްޓުން އާދަޔާ ޚިލާފު ނަތީޖާއެއް ފެނުމަކީ ދާއިމީ ގޮތެއްގައި ދަރިމައި ނުވެވޭނެ ކަމުގެ ހެއްކެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ؛ ގިނަ ޙާލަތްތަކަކީ ފަރުވާ ކުރެވެން ހުންނަ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް