ބޭނުންވާ ގޮތް ނުވިޔަސް އިރާނު ހަނގުރާމަ ހުއްޓާލަން އެމެރިކާ ރައްޔިތުން ބޭނުންވޭ!

25 Nov 2026 | 13:28
ބޭނުންވާ ގޮތް ނުވިޔަސް އިރާނު ހަނގުރާމަ ހުއްޓާލަން އެމެރިކާ ރައްޔިތުން ބޭނުންވޭ!

އެމެރިކާ އާއި އިސްތިއުމާރީ އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ، ޝަރުތުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ވީ އެންމެ އަވަހަކަށް ނިންމައިލުމަށް އެމެރިކާގެ ވޯޓުލާ ރައްޔިތުންގެ 55 އިންސައްތަ ތާއީދުކުރާކަން ޔުނިވާސިޓީ އޮފް މެރީލެންޑާއި އިޕްސޮސް ގުޅިގެން ހެދި ސާވޭއަކުން ހާމަވެއްޖެއެވެ.

އަންގާރަ ދުވަހު ނެރުނު ކްރިޓިކަލް އިޝޫޒް ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 80 އިންސައްތަ އަދި މިނިވަން ވޯޓަރުންގެ 59 އިންސައްތަ ބޭނުންވަނީ އެ ހަނގުރާމަ ހުއްޓާލަންށެވެ. ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ދެކެނީ 25 ޕަސެންޓު މީހުންނެވެ.

Advertisement

ސާވޭގައި ބައިވެރިވި 1,022 މީހުންނަށް ތިން ގޮތެއް ހުށަހެޅުމުން، ހަނގުރާމަ މިހާރު ގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށް ތާއީދުކުރީ 21 ޕަސެންޓު މީހުންނެވެ. ހަމަލާތައް ވަރުގަދަ ކުރުމަށް ބޭނުންވީ 18 ޕަސެންޓެވެ.

ޓްރަމްޕުގެ ސަރުކާރު ހުއްޓުވުމަށް ޑިމޮކްރެޓުންގެ އަޣުލަބިއްޔަތެއް ތާއީދުކުރެއެވެ. ހަނގުރާމައިގެ ޚަރަދުތަކަށް ކޮންގްރެސް އިން ފައިސާ ހިފެހެއްޓުމަށް އެ ޕާޓީގެ 53 އިންސައްތަ މެންބަރުން އެއްބަސްވެއެވެ. ބަޖެޓް މަޝްވަރާތައް ތެރޭގައި ހަނގުރާމައިގެ ފައިސާ ކަނޑައިލުމަށް، ސަރުކާރު ހުއްޓުމުގެ ނުރައްކާ އޮތް ނަމަވެސް، 51 އިންސައްތަ ތާއީދުކުރެއެވެ.

ހަނގުރާމައިގެ ސަބަބުން އީރާނުގެ ނިއުކްލިއާ ޤާބިލުކަން ދަށްވި ކަމަށް ޤަބޫލުކުރަނީ ސާވޭގެ ބައިވެރިންގެ 28 އިންސައްތައެވެ. ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނު އަތުގައި އޮތް ކަމަށް 35 އިންސައްތަ ދެކޭ އިރު، އެމެރިކާ އަތުގައި ކޮންޓްރޯލް އޮތް ކަމަށް ބުނީ 12.7 ޕަސެންޓު މީހުންނެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ އެ ކަނޑުއޮޅި ހަނގުރާމައިގެ ކުރީކޮޅު އީރާނުން ވިޔަފާރި ބޯޓުފަހަރަށް ބަންދުކުރި އިރު، ޓްރަމްޕުގެ ސަރުކާރުން ވަނީ ކަނޑުގެ ޢަސްކަރީ ޙިޞާރެއް ހިންގާފައެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

ޕޯލް ހެދި ކެމެރޫން ޔުނިވާސިޓީގެ ޕްރޮފެސަރު އަދި ދިރާސާގެ އިސް ތަޙުޤީޤުކުރައްވާ ޝިބްލީ ތެލްހާމީ އަލް ޖަޒީރާއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ބުނީ ޝަރުތެއް ނެތި ހަނގުރާމަ ހުއްޓައިލުމަށް އޮތް ތާއީދުގެ މިންވަރު ހީކުރި ވަރަށް ވުރެ ބޮޑު ކަމަށެވެ. ޑިމޮކްރެޓިކް ޕާޓީގެ ގިނަ ލީޑަރުން މި މައްސަލައިގައި ރައްޔިތުންގެ ޝުޢޫރު ނުހަނު ބޮޑަށް ބަލައިނުގަންނަ ކަމަށާއި، ބަދަލު ނައިސިއްޔާ ރައްޔިތުންގެ ފަހަތުގައި ބާކީވާނެ ކަމަށް ވެސް ތެލްހާމީ ބުންޏެވެ.

ދާދި ފަހުން ބޭއްވި މިޑްޓާމް އިންތިޚާބުގައި ހަނގުރާމައާއި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޑިމޮކްރެޓުންނަށް ބޮޑު ކާމިޔާބީއެއް ލިބުނު އިރު، ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީ ވަނީ ކޮންގްރެސްގެ ދެ ބައިގެ ކޮންޓްރޯލް ގެއްލި، ފަހުގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ނާކާމިޔާބީތަކުގެ ތެރެއިން ނާކާމިޔާބީއަކާ ކުރިމަތިލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް