ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

25 Nov 2026 | 14:05
ފަނޑިޔާރު އަލީ ސަމީރު --

ފަނޑިޔާރު އަލީ ސަމީރު --

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ. ސަމީރުގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

Advertisement

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަމީރު ޢައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމުން، އެ ލަފައާ އެއްގޮތަށް ރައީސް ނަން ފޮނުއްވީއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަން ދިރާސާކޮށް، ރުހުން ދިނުމަށް ތާއީދުކޮށްފައިވެއެވެ.

ސުޕްރީމްކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެވެ.

އެ މަގާމަށް ހުޅުވައިލުމުން ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމެވެ.

ސަމީރު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އަދާކުރައްވައިފައެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްޤާޒީކަން ވެސް ކުރެއްވިއެވެ. ހައި ކޯޓުން ވަކިވެވަޑައިގެންނެވި ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވައި، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ލޯ ފާމެއްގައެވެ.

ސަމީރު ބެޗެލާސް ޑިގްރީ ޙާޞިލުކުރެއްވީ މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިންނެވެ. މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ. ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔާ ކުރެއްވުމުން ސަމީރު އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް