އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފައާ އިރުޝާދާއެކު ދިވެހިރާއްޖޭގެ ދީނީ ކަންކަން ރަނގަޅުކުރުން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރުކަމާއި ހަވާލުވުމަށްފަހު ޑރ. އަޙްމަދު ޒާހިރު ވަނީ ރޭގެ ވަގުތެއްގައި ދީނީ ޢިލްމުވެރިންނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ޢިލްމްވެރިންގެ ހިޔާލުފާޅު ކުރައްވާފައިވެއެވެ.
"އިސްލާމިކް މިނިސްޓްރީ ވާނީ އަބަދުވެސް ޢިލްމުވެރިންނާއި އެކު. ޢިލްމު ވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައި މިނިސްޓްރީގެ އެހީތެރިކަން ލިބާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމަށްފަހު ބައެއް އިލްމުވެރިން ވަނީ ސޯސަލްމީޑިއާގައި އައު އިސްލާމިކް މިނިސްޓަރަށް ތައުރީފުކޮށް ހިޔާލު ފާޅުކުރައްވާފައެވެ. މިގޮތުން މަޝްހޫރު ދީނީ އިލްމުވެރިއާ އަދި އެމްއެންޔޫގެ ލޯފެކަލްޓީގެ މަޝްހޫރު ލެކްޗަރަރ ފައްޔާޒް އަލިމަނިކް ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓަރަކީ ހިތްތިރި ބޭފުޅެއްކަން ބައްދަލުވުމަށްފަހު ހާމަވެފައިވާކަމަށެވެ.
https://twitter.com/FayyazAliManik/status/1066421394345472000
އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީގެ ޕާމަންނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖެގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ ޢިލްމުވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް