އެމްޖޭއޭއިން ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރެއް ފަށައިފި

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރުގެ ނަމުގައި  ސެމިނާރެއް ފަށައިފިއެވެ. ދިވެހި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީ (އެމްޖޭއޭ) އިން މައުލޫމާތުދޭގޮތުގަ...

25 Nov 2018 | 06:21

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރުގެ ނަމުގައި  ސެމިނާރެއް ފަށައިފިއެވެ.

ދިވެހި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީ (އެމްޖޭއޭ) އިން މައުލޫމާތުދޭގޮތުގައި މި ސެމިނާރަކީ ހއ. ، ހދ. ، ށ. އަދި ނ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މި ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާރެކެވެ.

މި ސެމިނާރުގެ މަޤުސަދަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް މުވައްޒަފުންނާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުންނަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ބެހޭ މަޢުލޫމާތު ހިއްޞާކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގައި އިޖުރާއީގޮތުން  ދިމާވާ ދަތިތަކާއި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމުގައި އެމްޖޭއޭއިން ބުނެއެވެ.

"ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު ކުރިއަށްދާނީ 2018 ނޮވެންބަރު 24 އިން ނޮވެންބަރު 28 ގެ ނިޔަލަށެވެ. މި ސެމިނާރުގެ ސެޝަންތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީ ނޮދަރން އޮފީސް ކޮމްޕްލެކްސްގެ ސެމިނާރ ރޫމްގައެވެ. މި ސެމިނާރުގައި ހއ. ، ހދ. ، ށ. އަދި ނ. އަތޮޅުގެ ކަމާބެހޭ ދާއިރާތަކުން 36 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. " އެމްޖޭއޭއިން ބުނެފައިވެއެވެ.

އެ އެކަޑަމީން މައުލޫމާތުދެއްވާގޮތުގައި ސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވާނީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު، ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެވެ. މީގެ އިތުރުން މި ހަތަރު އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ލީގަލް މުވައްޒަފުންނާއި، މި ހަތަރު އަތޮޅުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޤާނޫނުލް ޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރެއް 18 ނޮވެންބަރުން 22 ނޮވެންބަރު 2018 އަށް ހދ. ކުޅުދުއްފުށީގައި ވަނީ ކުރިއަށް ގެންދެވިފައިވާކަމުގައިވެސް އެމްޖޭއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް