އެމްޑީޕީ ގެ ފަރާތުން މަޖިލީހަށް ވާދަކުރާ ދާއިރާތައް އިއުލާން ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ، އެމްޑީޕީއިން ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޕާޓީއިން ބުނެފި އެވެ. ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އި...

25 Nov 2018 | 06:07

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ، އެމްޑީޕީއިން ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ބުނެފައިވަނީ އެމްޑީޕީއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި އެކުލަވާލި ޓައިމްލައިންގަ އެެވެ.

އެމްޑީޕީ ގެ ގައުމީ މަޖިލީހުން ނެރުން ބަޔާނުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަ ކުރާ ދާއިރާ ތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާނު ކުރާނޭ ކަމަށާއި، އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ހުޅުވާލާނެ އެވެ. ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާއިރު ކުރިމަތިލާ ދާއިރާގެ 200 މީހުންގެ ތާއިދު ސޮއި ހުށަހަޅަންޖެހެ އެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ 18 ގައި އެމްޑީޕީ ޕްރައިމެރީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަހަރު ޑިސެމްބަރި މަހު އެޕާޓިގެ ވޯޓާސް ލިސްޓް އާންމުކުރުމާއި ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވަލާނެ ކަމަށް އެޕާޓޯން ވަނީ ހާމަކޮށްފައެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީއިން ބޭއްވި ގައުމީ މަޖިލީހުގައި އަންނަ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށް ވެސް ކުރިމަތިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. ސަތޭކައަށްވުރެ ގިނަ މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުގެ އެންމެ މެންބަރެއް ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ތާއިދުކުރައްވާފަ އެވެ. ނަމަވެސް ގައުމީ މަޖިލީހުން އަދި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްޤައްޔޫމާ ދެމެދު ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަން ކުރާނެ ގޮތް ބުނެފައިނުވާ ކަމަށްވެ އެވެ. ނަމަވެސް އެ އިންތިހާބުތަކުގައި ވެސް އެކުގައި މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތާމެދު މަޝްވަރާތައް ކޮށްފައިވެ އެވެ. ޕާޓީތަކުން ހިޔާލުތައް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.

މީގެކުރިން ރައީސް ނަޝީދު ވެސް ވަނީ ކޯލިޝަންގެ މެދުގައި އެކަމަށް ގޮތްތަކެއް ނުނިމި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އަދާލަތު ޕާޓީއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި މީޑިއާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޮނޑިތައް ބަހާނެ ގޮތާމެދު ވީއެންމެ އަވަހަކަށް ކޮމެޓީގައި މަޝްވަރާކޮށް ގޮތްތައް ނިންމަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ހުންނެވީ އެ ދުވަހުން އެ ދުވަހަށް ވެސް އެކަމުގައި ގޮތް ނިންމަވަން ތައްޔާރަށެވެ.

އޭގެފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗް މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް