ރަނގަޅު މޭކަޕް ސާމާނަކީ އަގުހެޔޮކޮށް ލިބޭނެ އެއްޗެއް ނޫނެވެ. ވީމާ ވީހާވެސް ގިނަ ދުވަހަކު އެ ސާމާނުގެ ބޭނުން ކުރަން މަސައްކަތް ކުރެވެއެވެ. ރީތިވާ ސާމަނުގައި ލިޔެފައިވާ ދުވަސްހަމަވާ ތާރީޚު ހަމަ ނުވަނީސްވެސް އޭގެ ދުވަސް ހަމަވާނެކަން އެނގޭ ހެއްޔެވެ؟
1.ފޭސް މާސްކު
ފޭސްމާސްކު ހުންނަ ފުޅި ނުވަތަ "ކޮންޓެއިނަރ" ރަނގަޅަށް ވައިނުވަންނަހެން ބާރުކޮށް މަތިޖަހާފައި ހުންނަނަމަ 18 މަސްވަންދެން ބޭނުން ކުރެވޭނެއެވެ. ނަމަވެސް މީގެ ކުރިންވެސް ފުޅި ތެރޭގައި ހުރެ އެ ހިކިވެ، ހަލާއްކުވާ ގޮތް ވާނަމަ އެ ބޭނުން ކުރުން ހުއްޓައިލަންވީއެވެ.
2.މަސްކަރާ އަދި ލިކުއިޑް އައިލައިނަރ
މިދެ ބާވަތްވެސް ބޭނުން ކުރުން އެންމެ ރަނގަޅީ ގިނަވެގެން 3 މަހުގެ މުއްދަތަކަށެވެ. މީގެ ކުރިންވެސް ހިކިވެ ނުވަތަ އާދަޔާ ޚިލާފު ވަހެއް ދުވަން ފަށައިފިނަމަ ވަގުތުން އެ ބޭނުން ކުރުން ހުއްޓައިލާށެވެ.
މަސްކަރާ ހިކިއްޖެނަމަ އެއަށް ފެންއަޅައި ނުހަދާށެވެ. އަދި އެއްވެސް ހާލެއްގައި ތިމާގެ މަސްކަރާ ނުވަތަ އައިލައިނަރ އެހެން މީހަކަށް ބޭނުން ކުރުމަށް ނުދޭށެވެ. ލޮލުގެ ބަލިތަކަކީ ނުލާހިކު ފަސޭހައިން ފެތުރޭ ބަލިތަކެކެވެ.
3.ބުމަ ފަންސޫރު/ ލިޕް ލައިނަރ ފަންސޫރު
މިފަދަ ފަންސޫރުގެ ބާވަތްތައް 2 އަހަރުގެ މުއްދަތަކަށް ބޭނުން ކުރެވޭނެއެވެ. ނަމަވެސް އަބަދުވެސް ތުނޑުޖަހައި އަދި ބޭނުން ނުކުރާ ވަގުތު ތަކުގައި ރަނގަޅަށް މަތިޖަހައިފައި ބަހައްޓަން ހަނދާން ކުރާށެވެ.
4.ލިޕްސްޓިކް
މީގައި ފެނާއި މޮއިސްޗުރައިޒިންގ ބާވަތްތައް ހިމެނުނަސްވެސް 2 އަހަރު ވަންދެން ބޭނުން ކުރެވޭނެއެވެ. ނަމަވެސް މިވެސް ބޭނުން ނުކުރާނަމަ ރަނގަޅަށް މަތިޖަހާފައި ބަހައްޓާށެވެ. އަދި އަބަދުވެސް ބޭނުންކޮށް ނިމިފައި ޓިޝޫއަކުން ފަރުވާތެރިކަމާއި އެކު ލިޕްސްޓިކް ފުހެލާށެވެ.
5.ނިޔަފަތި ސާފުކޮށް ރީތިކުރުމަށް ބޭނުން ކުރާ ސާމާނު
ނިޔަފައްޗަކީ ހީވެސް ނުކުރާހާ ގިނަ ޖަރާސީމު އެއްވާ ހާއްޔެކެވެ. ވީމާ ނިޔަފަތި ސާފުކުރުމަށް ބޭނުން ކުރާ ނިޔަފަތި ކަނޑާދަތި، ފައިލްސް އަދި މީނުން އެއްޗެހިވެސް ނިޔަފަތި ކެނޑުމަށްފަހު ސާފުކުރަން ހަނދާން ބަހައްޓާށެވެ. ނިޔަފަތީގައި ޖައްސާ ކުލަ ހިކި ނުވަތަ ވަހަށް ބަދަލު އަންނަނަމަ އެބޭނުން ކުރުން ހުއްޓާއިލާށެވެ. އާއްމުގޮތެއްގައި ނިޔަފައްޗަށް ބޭނުން ކުރާ ސާމާނު ބޭނުން ކުރުން އެންމެ ރަނގަޅު މުއްދަތަކި ދެއަހަރެވެ.
ރީތިވާ ސާމާނުގެ ދުވަސްހަމަވުން މިގޮތަށް އޮންނަނަމަ ކީއްކުރަން ލިޔާ ދުވަސްހަމަވާ ތާރީހެއް ދެއްތޯއެވެ؟ އެއީ އޭތި ބޭނުން ނުކޮށް ހުންނަނަމަ ދުވަސް ހަމަވާނެ ތާރީޚެވެ. ބޭނުންކުރާނަމަ އެތާރިޚުގެ ކުރިންވެސް އޭގެ ދުވަސް ހަމަވާނެއެވެ. ހަމަ އެއާއިއެކު ހަނދާން ބަހައްޓަންވީ ބޭނުންކުރަމުން ދާ މުއްދަތުގައި އޭގެ ދުވަސްހަމާވަނެކަމަށް ބުނެފައިވާ ތާރިޚު އަތުވެއްޖެނަމަ އެއެއްޗެއް ބޭނުން ކުރުން ވަގުތުން ހުއްޓައިލަން ވާނެކަމެވެ.
ގިނަ ރީތިވާ ސާމާނުގައި އެއްއެއްޗެއް ހުޅުވުމަށްފަހު ބޭނުން ކުރެވޭނެ ތާރީޚު އެނގޭފަދަ ނިޝާނެއް ހުރެއެވެ. އެޔަށް ކިޔަނީ ޕީއޭއޯ ސިމްބަލް އެވެ. މިސާލަކަށް ތިރީގައިވާ ނިޝާނުގައި އެ ބުނެދެނީ އެ ރީތިވާ އެއްޗެއް ކެނޑުމަށްފަހު ބޭނުން ކުރެވޭނީ ހަ މަސްދުވަސް ވަންދެން ކަމެވެ. ވީމާ ރީތިވާ ސާމާނު ބޭނުން ކުރާއިރު މި ނިޝާނަށް ސަމާލުވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް