އަހަރެންގެ ރައްޓެހިން އަބަދުވެސް ބުނެއެވެ. އަހަރެން މަގުމަތިން ދާއިރު ހާދަ ފިރިހެނުން ބަލައެވެ. ބައެއް ފަހަރު ތުމުން ފުމެހަދައެވެ. އަނެއްބައި ފަހަރު ލާނެއް ގޮތަކަށް ހީލައެވެ. ބައެއްފަހަރު ގޮވަން ނުޖެހޭ އެއްޗެހި ގޮވައެވެ. ތިޔަ ސުވާލު އުފެދުމުގެ ކުރިން ބުނަމެވެ. އަހަންނަކީ ގަޔަށް ދޫ ހެދުންލައި ބުރުގާ އަޅާފައި ހުންނަ ކުއްޖެކެވެ. އެހެނަސް ހަގީގަތަކީ އަހަރެން ގަޔަށް ބާރު ހެދުން ލުމަކީވެސް އަހަންނަށް 'ދިމާ' ކުރަން ޖެހޭ ސަބަބެއް ވެސް ނޫނެވެ. އެއީ އަހަރެން ގަބޫލުކުރާ ގޮތެވެ.
ރައްޓެހިން ބުނާ ގޮތުން އަހަރެން ކާމިޔާބީއެވެ. ޒުވާނުންގެ ހިތްތައް ކަތިލަނީއެވެ. އޭ ޒުވާން ފިރިހެނާއެވެ. ތިބާ އަހަންނާއި ދިމާއަށް ތި ކިޔާ އެއްޗެއްހި އަހަރެން ފަދަ އެހެން ކުއްޖެއް ފެނުނަސް ކިޔާނެއެވެ. އެހެންކަމުން އަހަރެން ޝައުގެއް ތިބާއަކަށް ނެތެވެ. އާއްމު އެއްޗެއްސަށް ވުރެ އަހަރެން ޝައުގުވެރިވަނީ ޚާއްސަ އެއްޗިއްސަށެވެ.
ތިބާގެ މުންސަދިކަމާއި ޖާހާ ޝާނާ ޝައުކަތު ދައްކައިގެން އަހަރެންގެ ހިތް ރުއްސޭނެ ކަމަށް ހީކުރަނީ ހެއްޔެވެ. ނޫނެކެވެ. ނަފްސްގެ އަގާއި ކަރާމަތް އަހަންނަށް މާބޮޑެވެ. އިޝްގީ ލައްޒަތާއި ވަގުތީ އަރާމަށްވުރެ މިހިތް އެދެނީ ދާއިމީ އުފަލާއި އަރާމަށެވެ. ތިބާގެ މުންސަނދިކަން ގެއްލުމުން ހަޔާތުގެ ބައިވެރިޔާ ދުރަންދާން އެދޭނޭ ހެއްޔެވެ. އެހެންވީމާ، ވަގުތީ އެއްޗެއް ދައްކައިގެން އެކަން ހާސިލްކުރުމުގެ މާނައެއް ނެތެވެ. އަބަދު ތިބާއާއި އެކުގައިވާ ތިބާގެ ލޯތްބާއި އަޅާލުމާއި އިޚްލާސްތެރިކަން މާ މުހިއްމެވެ. މި ނޫންކަމަކަށް އަހަރެންގެ ޝައުގެއް ނެތެވެ.
އަހަރެންގެ މި ޒުވާން ހަށިގަނޑުން ދޮންކަމާއި ރީތި ނޫން ކަމެއް ނުފެންނަ ޒުވާން ފިރެހެނާއަށް ބުނަމެވެ. މި ޒުވާން ބުރުސޫރަ އާއި މި ދޮންކަމާއި ޗާލު ކަމަކީ ވަގުތީ ކަމެކެވެ. އެހެންކަމުން ތިބާ ތި ބުނަނީ ތިބާގެ ހިތުގައި އަހަންނަށްޓަކައި ވެސް ތި އުފެދުނީ ވަގުތީ ޝައުގެއް ހެއްޔެވެ. އެހެން ކަމަށްވާނަމަ ތިބާ އަށް އަހަރެންގެ ޝައުގެއް ނެތެވެ.
އޭ ޒުވާނާއެވެ. އަޚުލާގާއި ހިތްހިޔޮކަމާއި ރީތި އެންމެހާ ސިފަތަކަށް ލޯބި ކުރާށެވެ. އެއީ ދާއިމީ ކަމެކެވެ. އޭގެ ފައިދާ އަބަދުވެސް ކުރާނެ ކަމެކެވެ. އޭ ޒުވާނާއެވެ. މި ހިތް އެދި ގޮވަނީ އީމާންތެރިކަމާއި ލޯތްބާއި އަޅާލުމުން ފުރިގެންވާ ހިތަކަށެވެ. އެތައް ކުދީންނަށް ހިތް ނުބަހާނޭ ވަފާތެރި މީހަކަށެވެ. މި ދުނިޔޭގެ އިތުރުން އާޚިރަތުގައި ވެސް އެކީގައިވާނޭ ދެ ދުނިޔޭގެ ބައިވެރިޔަކަށެވެ. ތިބާއަކީ އެފަދަ މީހެއް ނޫންނަމަ އަހަރެންގެ ޝައުގެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް