ދަރިފުޅު ގަބޫލު ކުރާށެވެ. ދަރިފުޅުގެ މަންމަދެކެ ބައްޕަ އިންތިހާއަށް ލޯބިވެއެވެ. ދަރިފުޅުދެކެ އެއަށް ވުރެވެސް ލޯބިވެއެވެ. ދަރިފުޅާއި މަންމަ ދޫކޮށްލާފައި ދާކަށް ބައްޕަ ބޭނުމެއްނޫނެވެ. ނަމަވެސް މަޖުބޫރުވީމާ ޖެހޭނީ ދާށެވެ. ދަރިފުޅާއި ބައްޕަ ދުރުވީކީ ނޫނެވެ. ބައްޕަ ދަރިފުޅާއި ވަކިވީކީވެސް ނޫނެވެ. މަންމަ ބައްޕައާއި ވަކިވީއެވެ. ބައްޕައާއި ދަރިފުޅުމެންނާ ދުރުކުރުވީއެވެ. މިހެން ބުނާކަށް ބޭނުމެއް ނޫނެވެ. މަންމަ ގޯސްކޮށްފައި ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ހަގީގަތް ދަރިފުޅުމެންނަށްވެސް އެނގުން މުހިއްމެވެ.
ބައްޕައަކީ މާލޭގައި ގެދޮރު ހުރި މީހެއް ނޫނެވެ. އުޅެމުން ދިޔަކީ ކުދިން ބަހައްޓައިދޭ ގެއެއްގައެވެ. މަންމަވެސް މިފަދައެވެ. މާލޭ މީހަކާ އިނދެގެން އަރާމުގައި ދިރިއުޅުމަކީ މަންމަގެ ހުވަފެނެކެވެ. ނަމަވެސް މަންމަގެ މިފަދަ ހުވަފެނެއް އޮންނަ ކަމެއްވެސް ބައްޕައަށް ރޭކާވެސް ނުލައެވެ. ބައްޕައަކީ މާލޭ މީހެއް ނޫނަސްވެސް މުއްސަނދި އާއިލާއެއްގެ ހަމައެކަނި ދަރިއެވެ. މަންމައާ ރަހުމަތްތެރިވެ އުޅުމުގައި މި މަޢުލޫމާތުވެސް މަންމައަށް ވަނީ ލިބިފައެވެ. ވީމާ މަންމަ ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. ބައްޕަވެސް ބޭނުންވީ އެގޮތެވެ. މަންމަގެ އޯގާތެރި ކަމާއި މިޒާޖު ބައްޕައަށް ވަރަށް ކަމުދިޔައީތީއެވެ. ނަމަވެސް ދުވަހަކުވެސް އަނެކާގެ ހަގީގަތެއް ނޭންގޭނެއެވެ.
ކައިވެނިކޮށްގެން ބައްޕަ ބޭނުންވީ ރަށަށް ބަދަލުވާށެވެ. އޭރުން ބައްޕަގެ މުސްކުޅި މައިންބަފައިންނަށްވެސް އަޅައިލަން ފަސޭހަ ވާނެތީއެވެ. ނަމަވެސް މަންމަ ހުރީ މާލޭގެ ފަސްގަނޑަށް ރަނގަޅަށްވެސް މޫލާފައެވެ. ކުރިން އެއްބަސްވި ގޮތާ ޚިލާފަށް ރަށަށް އަންނަން އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ދިރިއުޅެން ކުއްޔަށް ހިފަން ޖެހުނީ ބޮޑު އެޕާރޓްމެންޓެކެވެ. މަންމަ ވަޒީފާއިން ކެނޑުނީ ދަރިފުޅަށް ބަނޑު ބޮޑުވީމައެވެ. ބައްޕައަށް ލިބޭ މުސާރައިން ގޭގެ ބޮޑު ކުލި ދައްކައިފައި ޚަރަދުތައްކޮށްފައި ރައްކާކުރާނެ އެއްވެސް ފައިސާއެއް ނޯވެއެވެ. މަންމަވެސް ޚަރަދު ކުރުމުގައި ބަލއިވެސް ނުލައެވެ.
ބައްޕައަށް އިތުރަށް ބުރަވީ ދަރިފުޅު އުފަންވި ދުވަސްވަރު ގޭގެ ކުލލި ބޮޑުކުރުމުންނެވެ. އެދުވަސްވަރު އެޕާރޓުމަންޓުތަކުގެ ކުލި ދިޔައި ކުއްލިޔަކަށް އުފުލިގެންނެވެ. ކުލިދައްކާފައި ދަރިފުޅާއި މަންމައަށް ބޭނުންވާ ތަކެތި ގަތުމަށް ބައްޕަގެ މުސާރައިން ނުވާތީ އިތުރު މަސައްކަތްތައް ކުރަން ފެށީމެވެ. މިހެން ދިމާވުމުން ބައްޕައަށް ގެއަށް އައިސް ދަރިފުޅާއި އެކީ ހޭދަކޮށްލަން ލިބޭ ވަގުތު މަދުވިއެވެ. ނަމަވެސް ފަހުން ރަނގަޅުވާނެކަމަށް ގަބޫލުކޮށްގެން ރެޔާ ދުވާލު ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި މަސައްކަތް ކުރީމެވެ.
ހިތާމަޔަކީ ފަހުން އެއްވެސް ކަމެއް ރަނގަޅު ނުވުމެވެ. ބައްޕައާއި ދަރިފުޅާއި ދެމެދުގައި ބީރައްޓެހި ކަމުގެ ފާރެއް ލެވުމެވެ. މަންމަ އިތުރަށް މިފާރު ވަރުގަދަ ކުރިކަމެވެ. ދަރިފުޅަށް އަޅައިނުލާ ބައްޕައެއްގެ ލަގަބު ބައްޕައަށް ލިބުމެވެ. އަނބިމީހާއަށް ވަގުތު ނުދޭ ފިރިޔެއްގެ ނަން ހަރުލުމެވެ. ނަމަވެސް ބައްޕަ މަސައްކަތް ކުރަނީ މި ދަރިފުޅާއި މަންމައަށްޓަކައި ނޫންހެއްޔެވެ؟ ދަރިފުޅަށް ކުރަން ޖެހޭ ޚަރަދަށް ވުރެ މަންމައަށް ކުރަން ޖެހޭ ޚަރަދު ބޮޑެވެ. ބައްޕަގެ އާދޭހަކަށް ރަށަކަށް ބަދަލެއް ނުވިއެވެ. ވަޒީފާއަކަށްވެސް ނުވަނެވެ. ކާފަމެން ފަރާތުން އެހީ ހޯދުމަށްވެސް ބައެއްފަހަރު ބައްޕަ ހިތަށް އެރިއެވެ. ނަމަވެސް ފަސްޖެހެވެއެވެ. މާމަ އާއި ކާފަ ބަލަން ބޭރު މީހަކު ބަހައްޓައިފައި ބައްޕަ އައިސް މިއުޅެނީ މާލޭގައެވެ. އެމީހުން ދެކިލަން ނުދެވޭތާވެސް ކިހާ ދުވަހެއް ވެއްޖެކަމެއްވެސް އޭރު ބުނަން ނޭންގެއެވެ.
މަންމައަކި ވަފާތެރި އަންބެއް ނޫންކަން އެނގުނު ފަހުންވެސް ދިރިއުޅުން ކުރިޔަށް ގެންދަން ބައްޕަ މަސައްކަތް ކުރީމެވެ. މަންމައަށް ނަސޭހަތް ދެވޭތޯ މަސައްކަތް ކުރީމެވެ. ދަރިފުޅަށްޓަކައެވެ. ބައްޕަ ބިރުގަތީ އޭރު ދަރިފުޅާ އޮތް ކުޑަ ކުޑަ ގާތްކަންވެސް ނެތި ހިނގައިދާނެތީއެވެ. ދަރިފުޅު ބައްޕައާއި ދުރަށް ގެންގޮސްދާނެތީއެވެ. ދަންވަރު ގެއަށް ނިދަން އައިސް ފިރުމައިލައި ބޮސްދެވޭ ހިސާބަށްވުރެ ދުރަށް ދަރިފުޅު ގެންގޮސްދާނެތީއެވެ. ތަގުދީރު ނިޔާކުރީ ބައްޕަ ބިރުން އުޅުނު ގޮތަށެވެ. މަންމަ ބޭނުންވީ ވަކިވާށެވެ. މަންމަ އަބަދުވެސް ބޭނުންވި ކަހަލަ މީހެއް ލިބުނީއެވެ. ބައްޕައާއިއެކު ހާލުގައި އުޅޭނީ ކާކުހެއްޔެވެ؟ ދަރިފުޅުވެސް ގެންދިޔައީއެވެ.
މިހާރު ފަނަރަ އަހަރުވީއެވެ. ބައްޕައޭ ކިޔައިގެން މަންމަ ދަރިފުޅަށް ކިޔައިދީފައިވަނީ ކީކޭކަމެއް ބައްޕައަކަށް ނޭންގެއެވެ. ނަމަވެސް ބައްޕަ އަބަދުވެސް ގުޅަމެވެ. މި ފަނަރަ އަހަރު ތެރޭގައި ބައްޕަ ނުގުޅާ ދުވަހެއް މަދުވާނެއެވެ. ނަމަވެސް އެންމެ ދުވަހަކުވެސް ދަރިފުޅާ ވާހަކަ ދައްކާކަށް މަންމަ ފުރުސަތެއް ނުދެއެވެ. ނުގުޅުމަށްވެސް ބުނެއެވެ. ނަމަވެސް ބައްޕަ އަބަދުވެސް ހިތްވަރުކޮށްފައި ގުޅަމެވެ. ޚަރަދުވެސް ކުރަމެވެ. ދަރިފުޅަށް ބޭނުންވާނޭ ހުރިހާއެއްޗެއް ގަނެވޭހާ ފައިސާ ބައްޕަ ފޮނުވަމެވެ. ނަމަވެސް އެ ފައިސާ ދަރިފުޅަށް ޚަރަދުވާކަމެއް ނުވަތަ ނުވާކަމެއް ބައްޕައަކަށް ނޭންގެއެވެ. ދަރިފުޅަށް ދައްކަން ބައްޕަގެ ފޮޓޯވެސް ފޮނުވަމެވެ. ނަމަވެސް މި ނިކަމެތި ބައްޕަ ހުންނަ ގޮތް ދަރިފުޅަށް އެނގޭނެ ކަމެއް ނުވަތަ ނޭންގޭނެ ކަމެއްވެސް ބައްޕައަކަށް ނޭންގެއެވެ.
ދަރިފުޅު އުޅޭތަން ދެތިން ފަހަރަކު ބައްޕަ ހޯދީމެވެ. ނަމަވެސް މަންމަ އެކަން މައްސަލައަކަށް ހަދައި ދަރިފުޅު ފެންނަ ހިސާބަށް ދިޔުންވެސް ކޯޓުން ބައްޕައަށް މަނާކުރިއެވެ. ބައްޕަ ކުރާނީ ކީއްހެއްޔެވެ؟ ބައްޕަ މި އިންތިޒާރު ކުރަނީ ދަރިފުޅު ބައްޕައަށް ފެނިލަން އަންނާނެ ދުވަހަކަށެވެ. ދަރިފުޅު ބައްޕާއޭ ކިޔައި ގޮވައިލާނޭ ދުވަހަކަށެވެ. ދަރިފުޅާއެވެ. މި ބައްޕައަކީ ގޯސް މީހެއް ނޫނެވެ. ބައްޕަ ދަރިފުޅު ދޫކޮށް ނުލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް