ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް ސ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ހުންނަ އައްނޫރު ސެންޓަރަށް ދިރާގުން އެއް ލައްކަ ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފި އެވެ.
މި ތަކެތި އައްނޫރު ސެންޓަރާ ހަވާލުކޮށްފައިވަނީ މިއަދު އެ ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ދިރާގު ފަރާތުން މި ތަކެތި ހަދިޔާ ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.
ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެސެންޓަރުގައި ކިޔަވަދިނުމަށް ބޭނުންވާ މުހިއްމް އަގުހުރި ވަސީލަތްތަކެކެވެ. އޭގެ ތެރޭގައި، ސެރެބްރަލް ޕަލްސީ ޗެއާ، ވޯކިންގް އެއިޑް، ކޮމްޕިއުޓަރު ސިސްޓަމް، ތެރަޕީ ބޯލްސް، ފްލޯ މެޓް އަދި ވާހަކަ ފޮތާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕެޝަލް ނީޑްސް ކީބޯޑު ފަދަ ތަކެތި ހިމެނޭ ކަމަށް ދިރާގުން ހާމަކުރެ އެވެ.
ދިރާގުން ހާމަކުރާ ގޮތުގައި ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވާއިރު މިކަމަކީ މި ޒިންމާގެ ދަށުން ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ހަދިޔާކުރެވުނު ތަކެއްޗަކީ އެ ސެންޓަރު ހިންގުމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަސީލަތްތަކެއް ކަމަށާއި، އެ ތަކެއްޗަކީ ކުދިންނަށް ކިޔަވައިދިނުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެއްކަމުގައި ދިރާގުން ބުނެއެވެ.
ޝަރަފުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކްލާސް ފަށާފައި ވަނީ 2007 ވަނަ އަހަރު އެވެ. މިހާރު އެ ކުލާހުގައި 30 ދަރިވަރުންނަށް ހިދުމަތް ދެމުން ދެ އެވެ. މި ސެންޓަރުގައި ދާއިމީ ހަތަރު ޓީޗަރުންނާއި ވަގުތީ ހަތަރު ޓީޗަރުންގެ އިތުރުން ކޯޑިނޭޓަރަކު ހަރަކާތްތެރިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް