ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ފ. ބިލެއްދޫ ލާނިންގ ސެންޓަރާއި ގުޅިގެން ބިލެއްދޫ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިކަމަށްޓަކައި މި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެރޭ ބިލެއްދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު އާއި ފ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަބްދުﷲ ވަޖީޙްއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބިލެއްދޫ ސްކޫލުގެ 72 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރެއިން އެޑްވާންސް ލެވަލްގައި 12 ދަރިވަރަކު ފާސްވެފައިވާއިރު ބޭސިކް ލެވަލްގައި 27 ދަރިވަރުން ފާސްވެފައިވެއެވެ. އަދި އިންޓަރ މީޑިއެޓް ލެވަލްގައި 16 ކުއްޖަކު ފާސްވެފައިވާއިރު ކޮންފައިންޑް ލެވަލްގައި 12 ކުއްޖަކު ފާސްވެފައިވެއެވެ.
ބިލެއްދޫ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމުގެ ތެރެއިން ވަނީ ބިލެއްދޫ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށް ފަސްޓް އެއިޑް ކުލާސްތަކެއް ނަގައިދީފައި ވާކަމަށާއި އެގޮތުން މި ކުލާސްތަކުގައި ކުދިންނަށް ދިމާވާ އެކިއެކި ކަންކަމުގައި ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ކުއްލިއަކަށް ދިމާވާ ކަންކަމުގައި ދޭނެ ފަރުވާތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ބިލެއްދޫ ލާނިންގ ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ބިލެއްދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް