ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ ރިތޭޝް ދޭޝްމުކް އާއި ޖެނީލިއާ ޑިސޫޒާއަށް ދަރިއަކު ލިބިއްޖެ އެވެ.
މީޑިއާއާއި ތަންކޮޅެއް ދުރުގައި އުޅޭ މި ދެ ތަރިންގެ ހަޔާތަށް އިތުރު މެންބަރަކު އައިކަންވެސް ހާމަކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ދަރިއަކު ލިބުނު ކަން ހާމަ ކުރުމަށް މިއަދު ރިތޭޝް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލިބުނީ ފިރިހެން ކުއްޖެއްކަމަށެވެ.
ޖެނީލިއާ ބަނޑުބޮޑުކަން ހާމަކުރީވެސް ބަލިވެ އިންތާ ތިން މަސް ފަހުންނެވެ. އެއީވެސް މީހުންގެ ތެރެއިން ޖެނީލިއާ ނުފެންނާތީ މީހުން ރިތޭޝްއާއި ސުވާލު ކުރަން ފެށުމުންނެވެ.
މި ދެ ތަރިން ލޯބީގެގޮތުން ގުޅިފައިވަނީ 2003 ވަނަ އަހަރު ރިލީޒް ކުރި މި ދެމީހުންގެ ފުރަތަމަ ފިލްމް "ތުޖޭ މޭރީ ކަސަމް" ފިލްމު ނެގުމުގެ ތެރޭގައި އެވެ. ނަމަވެސް ދެ ތަރިން އެކުގައި އާންމުކޮށް ނޫޅޭއިރު ދެމީހުން ކައިވެނި ކުރަން އުޅޭކަން އެނގުނީ ދެފަރާތު އާއިލާއިން ދެ މީހުންގެ ކައިވެންޏާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައިސް ތައްޔާރީތައް ވާން ފެށުމުންނެވެ.
މި ދެތަރިން އެކުގައި ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމްތަކުގެ ތެރޭގައި ދެމީހުންގެ ފުރަތަމަ ފިލްމް " ތުޖޭ މޭރީ ކަޒަމް" އާއި "ތޭރޭ ނާލް ލަވް ހޯގަޔާ" ހިމެނެ އެވެ.
މި ދެތަރިން ކައިވެނި ކޮށްފައިވަނީ 04 ފެބްރުއަރީ 2012 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް