ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީގެ ތާއީދު ނެތް ކަމަށް އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި އެޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ލިބިފައި ނުވިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޝަރީފް ހުށަހެޅުއްވި މި އިސްލާހާއި ދޭތެރޭ އެމްޑީޕީގެޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވެފައި އެވެ. އަދި މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެމެންބަރުންނާޢި ބައްދަލު ކުރައްވާ އިސްލާހު އަނބުރާ ގެންނަވަން އެދިވަޑައިގެންފައި އެވެ.
ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ "އަތްޕުޅަށް ހެޔޮވަރަށް ސުޕްރީމް ކޯޓު ކޮށައި މަށާލުމަށް" ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އިސްލާހު ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ އެ އިސްލާހު ހުށަހަޅަނީ އެއީ އެމްޑީޕީންވެސް ތައީދު ކުރާ ކަމަކަށްވާތީ ކަމަށެވެ.
މިއަދު އެމްޑީޕީން މިކަމަށް ތާއީދު ނުކުރިނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އެ ޕާޓިން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ މެންބަރުންގެ އަދަދު ގިނަކަމަށް ބުނެ އަދަދު މަދުކުރަން ޖެހޭ ކަމަށް ގޮވާލާފައި އެވެ. އަދި މި މޭރުމުން ރައީސް ނަޝީދާއި އެޕާޓީގެ އިސްވެރިން އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަވާފައި ވެއެވެ.
އެހެން ނަމަވެސް މިހާރު މިކަމަށް ތާއީދު ނުކުރަނީ ކީއްވެކަމެއް ނޭނގެ އެވެ. ޝަރީފް ހުށަހެޅުއްވި އިސްލާހަށް އެޕާޓީގެޕީޖީ ގްރޫޕުގެ ބައެއް މެންބަރުން ތާއީދު ކުރައްވައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް