އެއްމާބަނޑު ކުއްޖަކާއި އެކުވެފައި އޮތުމުގެ ސަބަބުން ބަލާބެލުމަށް ހަށިގަނޑުގައި 6 ފައި ހުންނަގޮތަށް ޕާކިސްތާނުގައި ކުއްޖަކު އުފަންވެއްޖެއެވެ.
އުމަރު ފާރޫގު ނަމަކަށް ކިޔާ މި ކުއްޖާ އުފަންވުމުން މައިންބަފައިންނަށް ސިހުމެއް ލިބުނު ނަމަވެސް ޑޮކްޓަރުން ވަނީ އުފަންވި އިރު ކުއްޖާ މިގޮތަށް އޮތީ ކީއްވެކަން ތަފްސީލު ކޮށްދީފައެވެ. ޑޮކްޓަރުން ބުނާގޮތުގައި މިގޮތަށް ދިމާވެފައި ވަނީ އުމަރުގެ ހަށިގަނޑާއި ގުޅިގެން ބަނޑުތެރޭގައި އުފެދެމުން ދިޔަ އެއްމާބަނޑު ކުއްޖާ ވަކިވަރަކަށް އުފެދުމަށްފަހު ހުއްޓިފައި ވާތީއެވެ.
ދެ ހަށިގަނޑު އެއްވެގެން އުފެދިފައި ވާގޮތުން އުމަރުގެ އަސްލު ފައިތައް ވަކިކުރަން ޑޮކްޓަރުންނަށްވެސް ވަނީ ދަތިވެފައެވެ. ނަމަވެސް އުނދަގޫ އޮޕަރޭޝަނަކަށްފަހު އިތުރު ފައިތަކާއި ގުނަވަންތައް އުމަރުގެ ހަށިގަނޑުން ވަނީ ވަކި ކޮށްފައެވެ.
އޮޕަރޭޝަނުގައި ބައިވެރިވި ޑޮކްޓަރެއް ކަމުގައިވާ ޖަމާލް ރައްޒާ ބުނެފައިވަނީ މިގޮތަށް ކުއްޖަކު އުފަންވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި މިކަހަލަ ކަމެއް ދިމާވާނީ މިލިޔަނަކުން އެއްފަހަރު ކަމަށެވެ.
އޮޕަރޭޝަންގެ ހުރިހާ ހަރަދުތަކެއް ދައްކާފައިވަނީ ސަރުކާރާއި އެހީތެރި އަމިއްލަ ފަރާތްތަކުންނެވެ.
އޮޕަރޭޝަން ކާމިޔާބު ވުމުގެ ސަބަބުން މައިންބަފައިން އުފާކޮށްފައި ވާއިރު އުމަރުގެ ހާލު ދަނީ ރަނގަޅު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް