ކޮޕާ އެމެރިކާ 2015: ބްރެޒިލްއާއި ކޮލޮމްބިއާ އެއް ގުރޫޕެއްގައި

ކޮޕާ އެމެރިކާ 2015 ގެ ގުރުއަތު ނެގިއިރު ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި ބައްދަލުކުރި ބްރެޒިލްއާއި ކޮލޮމްބިއާ އެއް ގުރޫޕެއްގައި ހިމެނިއްޖެއެވެ. ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި މި ދެޓީމު ބައްދަލު ކުރި މެޗ...

25 Nov 2014 | 07:37

ކޮޕާ އެމެރިކާ 2015 ގެ ގުރުއަތު ނެގިއިރު ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި ބައްދަލުކުރި ބްރެޒިލްއާއި ކޮލޮމްބިއާ އެއް ގުރޫޕެއްގައި ހިމެނިއްޖެއެވެ.

ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި މި ދެޓީމު ބައްދަލު ކުރި މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު މޮޅުވެފައި ވަނީ ބްރެޒިލްއެވެ. ބްރެޒިލްއާއި ކޮލޮމްބިއާގެ އިތުރުން ގްރޫޕް ސީގައި ހިމެނެނީ ޕެރޫ އާއި ވެނެޒުއޭލާއެވެ.

ވޯލްޑްކަޕް ފައިނަލްގައި ކުޅުނު އާޖެންޓީނާ ހިމެނޭ ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭ ވަނީ ހިމެނިފައެވެ. މިދެޓީމުގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ޖަމައިކާއާއި 2011 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި އަނެއްކޮޅުން ވާދަކުރި ޕެރެގުއޭއެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ޗިލީގެ އިތުރުން މެކްސިކޯ، އިކުއެޑޯ އަދި ބޮލީވިއާއެވެ.

ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި ކޮލޮމްބިއާއި ދެކޮޅަށް ކުޅުނު މެޗު ބްރެޒިލްއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެޒިލްގެ ތަރި ނޭމާއަށް އިންޖަރީގެ ސަބަބުން ވަނީ ނުކުޅެވިފައެވެ.

ކޮޕާ އެމެރިކާ މިފަހަރުގެ މުބާރާތުގައި ފާހަގަވެގެން ދާނެ އަނެއް ކަމަކީ އެންމެ ފަހުން ކުޅުނު މުބާރާތުގެ މޮޅު ކުޅުންތެރިޔާ ލުއިސް ސުއަރޭޒްއަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުމެވެ.

12 ޓީމު ވާދަ ކުރާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫންމަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް