ސައުދީގައި ދިން ބަޑީގެ ހަމަލާއަކާއި ގުޅިގެން އައިއެސްގެ 4 ހަނގުރާމަވެރިޔަކު ހައްޔަރުކޮށްފި

ސައުދީއަރަބިއާގެ އިރުމަތީ ސަހަރެއް ކަމަށްވާ އަލްއަހްސާގައި މިމަހު ކުރީކޮޅު ދިން ނުރައްކާތެރި ބަޑީގެ ހަމަލާއާއި ގުޅިގެން، އައިއެސްގެ 4 ހަނގުރާމަވެރިޔަކު ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ހާރިޖީ ވުޒާރ...

25 Nov 2014 | 01:33

ސައުދީއަރަބިއާގެ އިރުމަތީ ސަހަރެއް ކަމަށްވާ އަލްއަހްސާގައި މިމަހު ކުރީކޮޅު ދިން ނުރައްކާތެރި ބަޑީގެ ހަމަލާއާއި ގުޅިގެން، އައިއެސްގެ 4 ހަނގުރާމަވެރިޔަކު ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން އިއްޔެ ހާމަކޮށްފި އެވެ.

އެގައުމުގެ ހާރިޖީ ވުޒާރާއިން ބުނީ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަބްދުﷲ އާލް ސަރްހާން، ޚާލިދު އަލް އީނާޒީ، މަރްވާން އަލް ޒަފަރު އަދި ތާރިގް އަލް މައިމޫނު ކިޔާ މީހެއް ކަމަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ މީގެ ކުރިންވެސް އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން ކަމަށާއި އަލްއަހްސާގެ ސީއީން ތިބި ތަނަކަށް ހަމަލާދޭން އެމީހުންނަށް އޯޑަރު ކުރީ އެގައުމުން ބޭރުން ކަމަށް ތަހުގީގަށް އެނގިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ހާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ސައުދީން އައިއެސްއާ ގުޅުންހުރި ޖުމްލަ 77 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި އެމީހުންގެ އަތުން އައިއެސްއާ އެމީހުން ގުޅުންބާއްވާކަމުގެ ހެކި ފެނިފައިވާކަމަށާއި މިމީހުން އަތުލައިގެންފައިވަނީ އެކި ފަހަރުމަތިން ޓެރަރިޒަމްއާ ދެކޮޅަށް އެގައުމުން ކުރިއަށް ގެންގޮސްފައިވާ އެކި އޮޕަރޭޝަން ތަކުގައި ކަމަށްވެސް އެގައުމުގެ ހާރިޖީ ވުޒާރާއިން ބުނެއެވެ.

އަލްއަހްސާގައި ޝީއީން ދިރިއުޅޭ ސަރަހައްދަކަށް މިމަހު ކުރީކޮޅު ދިން ބަޑީގެ ހަމަލާއެއްގައި ޖުމްލަ 11 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި އާންމުންގެ 7 މީހަކާއި ސިފައިންގެ ދެމީހަކުވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް