މުއާހަދާގައި ވަޒީރު ޚަލީލު ސޮއެކުރައްވަނީ -
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޚަލީލް،
މިއަދު ވަނީ ވިއެޓް ނާމްގެ ހަނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ފަރާތުން
ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްގައި ސޮއިކުރައްވާފައެވެ.
މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި
ބައްދަލުވުމުގައި، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީތަޤުރީރުކުރައްވާފައެވެ. މިނިސްޓަރގެ
ތަޤުރީރުގައި މި މުއާހަދާއަކީ ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު
އެއް ތަނބުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ
ޑރ. ޚަލީލް ވަނީ، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިޤްތިސާދުގެ %15 ބިނާވެގެން
ވަނީ ޑިޖިޓަލް އިޤްތިޞާދެއް ހެދުމަށް ސަރުކާރުން
ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި "މޯލްޑިވްސް 2.0" އަކީ ދެފުށް ފެންނަ އަދި
ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމްއެއްކަން ފާހަގަކުރައްވާފައެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޓެކްނިކަލް
ޤާބިލުކަން ހަނިވުމުގެ ސަބަބުން ސައިބަރ ރިސްކްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ
ދިވެހިރާއްޖޭގެ ޢަޒުމުތައް ހަނިކުރާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މުއާހަދާގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން ވަނީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި،
ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައެޅުމަށާއި، ތަޙްޤީޤުކުރުމާއި
ދަޢުވާކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު އެއްބާރުލުން ވަރުގަދަކުރަން
ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި މުއާހަދާގެ ސަބަބުން ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތަކާއި މަޢުލޫމާތު
ބަދަލުކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ.
އ.ދ. ގެ ޢާންމު މަޖިލީހުން 2024 ޑިސެމްބަރު 24 ގައި
ފާސްކޮށްފައިވާ، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްއަކީ
ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި
ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް
އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.) މެދުވެރިކޮށް ހެކި ހިއްސާ ކުރުމާއި ހުނަރު ތަރައްގީ
ކުރުމަށް މަގުފަހިވާ މުއާހަދާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް