ވާހަކަ: މަންޒިލް ތިޔޭ – ސާޅީސް ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... މިވަގުތު ކާކުބާއޭ ހިތަށް އެރުމާއެކު ދުއާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލިއެވެ. އެމީހެއް ދުއާގެ ފަހަތުގައި ހުއްޓުނުކަން ދުއާ އަށް އެނގުނީ އެމީހެއްގެ ނޭވާ ދުއާގެ ކަނދުރާއ...

25 Oct 2022 | 16:27

ކުރީގެ އަދަދާއި ގުޅޭ...

މިވަގުތު ކާކުބާއޭ ހިތަށް އެރުމާއެކު ދުއާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލިއެވެ. އެމީހެއް ދުއާގެ ފަހަތުގައި ހުއްޓުނުކަން ދުއާ އަށް އެނގުނީ އެމީހެއްގެ ނޭވާ ދުއާގެ ކަނދުރާއަށް އެޅެން ފެށުމުންނެވެ. އެހިނދު އެހިތުން ބިރުވެރިކަން މަޑުމަޑުން ފިލައިފިއެވެ.

" ރެވް!! " ދުއާ ގޮވާލައިފިއެވެ.

" ދުއާ!! " ދުއާގެ ހިތް އެދުނު ފަދައިން އެއިވުނީ އާރަވްގެ އަޑެވެ. ހިނިތުންވެލާފައިވެސް އެހިނިތުންވުން ފަނޑުވީ ލޫކްއާ ކައިވެނި ކުރެވެން އުޅޭކަން ހިތަށް އަރާފައެވެ. ހިނދުކޮޅަކަށް އެކަން ހަނދާން ނެތުނީއެވެ. އާރަވްއާ ވީކޮޅަށް ދުއާ އެނބުރެން އުޅުނު ހިނދު އާރަވް ފަހަތުން ދުއާ ގައިގާ ބައްދާލައިފިއެވެ. ސިހިގެން ދިއުމާއެކު ދުއާ އާރަވްގެ އަތުގައި ހިފަހައްޓައިލިއެވެ. އާރަވްގެ ނަމުން ގޮވައިލެވުނީ ބޭއިޚްތިޔާރުގައެވެ.

" ނުނިދޭ!! ދުއާގެ ހަނދާންތައް އުނދަގޫކުރާވަރުން.. ދުއާ އެހެން މީހެއްގެ ހައްޤަކަށް ވާން އުޅޭތީ ބިރުގަންނަނީ.. ހިތްދަތިވެ ރޮވެނީ.. ހިތާއި ސިކުނޑީގެ ހަމަޖެހުން ގެއްލިއްޖެ.. އެންމެ ލޯބިވާ މީހާ އަހަރެންނަށް ގެއްލެނީކަން އެނގި ހުރެ މިހިތަށް ހަމަޖެހުމެއް ލިބޭނީވެސް ކިހިނެއް..؟ އަހަރެން މުޅިން ގޮތް ހުސްވެފައިވާ މީހަކު ފަދަ.. މަންޒިލެއް ނެތި ރާސްތާގައި ދާންވީ ދިމާލެއް ނޭނގިފައި ހުރެވޭ ކަހަލަ.. ދުއާ އަހަރެންނަށް ލިބޭކަށް ނެތް.. އެކަމަކު އަހަރެން ދުއާ އާ ދުރުވާކަށް ބޭނުމެއް ނޫން.. ހިތާމައިގައި އަބަދު ރޯކަށް ބޭނުމެއް ނޫން... އެކަމަކު ހިތްވަރެއްވެސް ނުކުރެވޭ.. ހިޔެއް ނުވޭ ދުވަހަކުވެސް އަހަރެންނަށް މޫވް އޮން ކުރެވޭނެ ހެނެއް.. " އާރަވްގެ އަޑުގައި ރިހުމެއް ވިއެވެ. ދުއާގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތް އަހާއެކު ދެލޯ މަރައިލެވުނެވެ. އެހިނދު އެސްފިޔަތަކުގެ ތެރެއިން ފޭދިގެން އައި ކަރުނަ ތިއްކެއް ކޯތާފަތް ހުރަސްކޮށް ތިރިއަށް ފޭބިއެވެ. އާރަވްގެ ދެއަތް ދުރުކޮށްލުމަށްފަހު ދުއާ އާރަވްއާ ދިމާލަށް އެނބުރުނެވެ. ކަރުނުން ތެމިފައިވީ އާރަވްގެއ ދެލޯ ދުއާއަށް ފެނުނު ހިނދު ދުއާގެ ހިތް ފިތުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. މަޑުމަޑުން އަތް އުފުލާލުމަށްފަހު ވަރަށް ލޯބިން އާރަވްގެ ދެލޯ ފޮހެލަދިނެވެ. އަމިއްލަ ލޯ ފޮހެލުމަށްފަހު އާރަވްގެ އަތުގައި ހިފައިގެން ހިނގައިގަތީ ގެސްޓް ކޮޓަރިއާ ދިމާލަށެވެ.

ކޮޓަރީގެ ދޮރު ލެއްޕުމެއް ނެތި އާރަވް ގޮވައިގެން ގޮސް ކޮޓަރީގެ މެދެއްހާ ހިސާބަށް ހުއްޓުނެވެ. އެއަށްފަހު އާރަވްއާ ދެތިން ފިޔަވަޅު ދުރަށް ޖެހުނެވެ.

" ރެވް!! އަހަރެން ބޭނުމެއް ނޫން އެއްވެސް ހާލެއްގައި ރެވް ދެރަކުރާކަށް.. އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ ފަހަރެއްގައިވެސް ރެވް ދެރަކޮށްލުމުގެ ނިޔަތުގައި ދައްކަން އުޅޭ ވާހަކައެއް ނޫން.. ރެވް ދެރަވެ ރޯތަން ބެލުމަކީ އަހަރެންނަށް ކުޅަދާނަ ކަމެއް ނޫން.. އެހެންވިޔަސް މިއަދު އަހަރެންނަށް މިއަދު މިވާހަކަ ދެއްކުން މަޖުބޫރު.." ދުއާ ބުންޏެވެ. އާރަވް އިސްޖަހާލިއެވެ.

" ރެވް!! ކޮންމެ ގޮތެއް ވިޔަސް މިހާރު އަހަރެންމީ ލޫކްގެ ވާން އުޅޭ އަނބިމީހާ.. އަހަރެންނަށް އެކަން ބަދަލުކުރެވޭކަށް ނެތް.. މިގޮތަށް ބައްދަލުކޮށް އުޅުމަކީ ރަނގަޅު ކަމެއް ނޫން.. ކައިވެނި ކުރެވެން އުޅޭއިރު ވާން އުޅޭ ފިރިމީހާގެ ފަސްފަހަތުގައި މިފަދަ ގޮތަކަށް ބައްދަލުކުރަން އަހަރެންނަށް ލިބިފައިވާ ތަރުބިއްޔަތު ތަނެއް ނުދޭ.. އެހެންވީމަ ރަނގަޅުވާނީ ދެން މީގެ ފަހުން މިކަހަލަ ގޮތަކަށް ބައްދަލު ނުކުރުން.. އަހަރެން ހީކުރަން މިދައްކާ ވާހަކަ ރެވް އަންޑަސްޓޭންޑް ވާނެ ކަމަށް.. " ދުއާ ބުންޏެވެ. އާރަވް ވިސްނަން ހުރުމަށްފަހު ބޯޖަހައިލިއެވެ.

" މީ އަހަރެންވެސް ބޭނުންވާގޮތެއް ނޫން ދުއާ!! މިގެއާ ހިސާބަށްވެސް މިއާދެވުނީ ދުއާ ބައްދަލުކުރުމަށް އެދި އަހަރެންގެ ހިތް ތެޅިފޮޅޭ ވަރުން.. ވަރަށް ބޮޑަށް މައާފަށް އެދެން..!! " އާރަވް ބުންޏެވެ.

" ރެވް މާފަށް އެދޭކަށް ނުޖެހޭނެ..!! ރެވް އާ ދިމާވީމަ ވަރަށް ބޮޑު ވާހަކައެއްވެސް ހިއްސާކޮށްލަން ބޭނުން.."  ހިތާމައިގެ އަސަރު ފޮރުވާލުމަށްފަހު ދުއާ ބުންޏެވެ.

" ދުއާ ދައްކާ ކޮންމެ ވާހަކައެއްވެސް އެއްވެސް ފޫހިކަމެއް ނެތި އަހަރެން އަޑުއަހާނަން.. " އާރަވް ބުންޏެވެ. ހާޖަރާ ދިމާވި ވާހަކައިން ފެށިގެން ރާނީ އެއީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެނގުނު ހިސާބަށް ދުއާ އާރަވް އަށް ކިޔައިދިނެވެ. އެހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ދެމީހުންގެ ތުންފަތްމަތީގައިވެސް ހިނިތުންވުމެއްވިއެވެ. ދުއާއަށް ލިބިފައިވާ އުފާވެރިކަން ފެނި އާރަވް އުފާނުވުމަކީ ނުވާނެ ކަމެކެވެ.

" ރާނީއެއީ ދުއާގެ ކޮއްކޮއޭ ބުނީމަ ވަރަށް ބޮޑަށް ހައިރާންވެއްޖެ.. ތިހެން ބުނީމާ ދުއާ އާއި ރާނީ ކުޑަކޮށް ވައްތަރުވެސް ވެއްޖެ ކަންނޭނގެ.. " އާރަވް އެހެން ބުނެލި ގޮތުން ދުއާ އަށް ހެވުނެވެ. " ދުއާގެ މަންމައާއި ދުއާ ބައްދަލުވީތީ އަހަރެން ހިތުގެ އެންމެ ފުންމިނުން އުފާކުރަން.. ކުރިއަށް އޮތްތަނުގައިވެސް އަހަރެންގެ ދުއާއަކީ އަބަދުވެސް ދުއާ އުފަލުގައި ލެހެއްޓެވުން...... ދުއާ!! މިރޭ މިތަނަށް އާދެވުނީތީ އަދިވެސް އެއްފަހަރު މައާފަށް އެދެން.. ދެން އިރާދަކުރެއްވިއްޔާ މިފަދަ ކަމެއް ތަކުރާރު ނުކުރެވޭތޯ މަސައްކަތް ކުރާނަން.. ހީކޮށްލާ މީ މިގޮތަށް އަހަރެން ދުއާ އާ ބައްދަލުކުރާ ފަހު ފަހަރު ކަމަށް.. އެކަމަކު އެއްކަމެއް އަބަދުވެސް ހަނދާން ކުރާތި!!! އަހަރެން އަބަދުވެސް ދުއާއަށް އިންތިޒާރު ކުރާނަން.. "

ދުއާ ބޯޖަހައިލިއެވެ. އާރަވް ނިކުންނަން ދެން ބަލަހައްޓާއިގެން ހުރުމަށްފަހު އެނބުރި ބަދިގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

***************

" ޤަބޫލެއްވެސް ނުކުރެވޭ.. ރާނީ އަކީ ދުއާގެ ކޮއްކޮ.." ކެންޓީންގެ މޭޒެއް ކައިރީގައި އިން ތާރާ ވާހަކަ ދެއްކީ ކުރިމަތީގައި ތިބި ރާނީއާއި ދުއާ އާއެވެ. އިރުކޮޅެއް ކުރިން އިވިގެން އެދިޔަ ހަޤީޤަތް ތާރާ އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅޭ ކަހަލައެވެ.

"ދުއާއަށް ކޮއްކޮއެއް ލިބުނީމަ ދެން އަހަރެން ބާކީއެއް ނުވާނެބާ.. " ތާރާ ބުނެލިއެވެ. އެހިނދު ދުއާ ތާރާގެ އަތުގައި ޖަހާލައިފިއެވެ.

" ޔޫ އާރ މައި ސިސްޓަރ ފްރޮމް އަނަދަރ މަދަރ.. ޔޫ ކާންޓް ބީ ރިޕްލޭސްޑް.. " ދުއާ ބުނެލިއެވެ.

" ޑޮކްޓަރ ރާނީ!! " ތަންކޮޅެއް ދުރުން އިވުނު އަޑާއެކު ތިން މީހުންނަށް އެއްފަހަރާ އެދިމާލަށް ބަލައިލެވުނެވެ. މަސައްކަތު މީހެއް އައިސް ރާނީއަށް ދިއްކޮށްލީ ސިޓީއެކެވެ. ހައިރާންވެ އިނދެ އޭގައި ހިފުމުން އެމީހާ އެނބުރި ދާން ހިނގައިގަތެވެ. ރާނީގެ ނަން ޖަހާފައި އެސިޓީ ކަނޑާލުމަށްފަހު އެތެރޭގައި އޮތް ލިޔުން ނަގާ ރާނީ ކިޔަން ފެށިއެވެ. ރާނީގެ ދެލޯ ފުރިގެން އައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެމަންޒަރު ފެނުމުން ކިހިނެއްވީ ތޯ ދުއާ އާއި ތާރާ ސުވާލުކުރަން ފެށިއެވެ. ނުރޯން މަސައްކަތް ކުރަމުން ކަމެއް ނުވާކަމަށް ބުނެ ރާނީ ސިޓީ އޭނާގެ ދަބަހަށް ލާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ދުއާ ކުއްލި ހަރަކާތަކާއެކު ރާނީ އަތުން ސިޓީ ޖަހައިގެންފިއެވެ.

" ޓާމިނޭޝަން ލެޓަރ.. ސީރިއަސްލީ.. " ސިޓީ ކިޔައިނިމުނުއިރު ދުއާ ރުޅި އައިސްގެން ފަޅައިގެން ދާން އުޅޭ ކަހަލައެވެ. ޒިލާލް ރާނީ ވަޒީފާއިން ވަކިކޮށްލީ ރާނީއަކީ އޭނާގެ ދަރިއެއްކަން އެނގުނީމާ ހެއްޔެވެ؟

" އިޓްސް އޯކޭ ދުއާ ކާމް ޑައުން.. އަހަރެންނަށް އެހެން ހޮސްޕިޓަލަކުންވެސް ވަޒީފާ ލިބިދާނެ.. އެކަމާ އަހަރެން ދެރައެއް ނުވޭ.. ދެރަވީ އަހަރެންގެ ބައްޕަ އަހަރެންނަށް އެހާ ނަފްރަތުކުރާތީ.. " ރާނީ ބުންޏެވެ.

" މިވީހާ ދުވަހު ކާމް ޑައުންވެގެން ހުރެވިއްޖެ.. ދެން ނުވާނެ.. ހިނގާ އަހަރެންނާއެކު.. " ދުއާ ރާނީގެ އަތުގައި ހިފައިގެން ކެންޓީނުން ނިކުންނަން ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ތެދުވެގެން ތާރާވެސް ދިޔައެވެ.

*************

ޒިލާލްގެ ކޮޓަރިއަށް ދުއާ ވަދެގަތީ ހުއްދަ ހޯދުމެއްވެސް ނެތިއެވެ. ދުއާ އާ އެކުވަން ރާނީ ފެނުމުން ޒިލާލްގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ.

" ދުއާގެ މެނަރސް ކޮބާ؟ " ޒިލާލް އިންތަނުން ތެދުވަމުން ބުންޏެވެ. އެއާއެކު ދުއާ އޭނާގެ އަތުގައި އޮތް ސިޓީ ޒިލާލްގެ މޭޒުމައްޗަށް އެއްލާލިއެވެ.

" ރާނީ ވަޒީފާއިން އިންޒާރަކާ ނުލާ ތިކަނޑާލީ އޭނަގެ ކޮންކުށެއް އޮވެގެން.. އޭނަގެ ކުށަކަށްވީ ތި ރަހުމް ކުޑަ ބައްޕަގެ ދަރިއަކަށްވީމަތަ؟ " ދުއާ ޖެހިލުމެއް ނެތި ބުނެލިއެވެ.

" ދުއާ! " ޒިލާލްގެ އަޑު ބާރުވެގެން ދިޔަ ހިނދު ރާނީއަށް ސިހުމެއް ލިބުނެވެ. ނަމަވެސް ދުއާ ހުރި ފިޔަވަޅުމަތީގައި ސީދާ ޒިލާލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޒިލާލްގެ އެފަދަ ކަންތައްތަކަށް ދުއާ ހޭނުނުތާ ކިތަންމެ ދުވަހެކެވެ.

" ކިހިނެއްވީ ބައްޕާ؟ ޓްރުތް ހާޓްސް ދޯ!! ބައްޕައަކަށް ރާނީ ވަޒީފާއިން ވަތްކެއް ނުކުރެވޭނެ.. އަހަރެންނަށް ވާ ވަރަށް ރާނީއަށްވެސް ވާނެ.. އެހެން ނޫނަސް މިހާރު ކާފަ ހޭއަރައިފި.. މިކަހަލަ ނިންމުންތައް ބައްޕައަށް އެކަންޏަކު ނުނިންމޭނެ.. މުވައްޒަފުން ތިގޮތަށް ވަޒީފާއިން ވަކިކުރަންޏާ ބޯޑަށް ބައްޕަގެ ޝަކުވާ ހުށައަޅަން ޖެހިދާނެ.. " ދުއާ ބުނެލިއެވެ.

" އެނގޭތަ ކާކާ ކަން ތިވާހަކަ ދެކެވެނީ..؟ ތީތަ ދުއާ އަހަރެންނަށް ކުރާ އިޚްތިރާމަކީ.. ރާނީ އެއީ އަހަރެން މިދުނިޔެމަތިން އެންމެ ނަފްރަތު ކުރާ މީހާގެ ދަރި.. އޭނައަށް މިހޮސްޕިޓަލުން ވަޒީފާ ދީފައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން.. "

" ރާނީ އަކީ ބައްޕަގެވެސް ދަރިއެއް.. ކީއްވެތަ އެކަން ޤަބޫލުނުކުރަން ތިއުޅެނީ.. ހެޔޮނުވާނެ ބައްޕާ. ﷲ އަށް ބިރުވެތިވެބަލަ.. ތިގޮތް ދޫކޮށްލާނީ ކޮންއިރަކުން.. ތިހެން އުޅެން ހަދައިގެން ބައްޕަ ދުނިޔެއަށް އެކަނިވެދާނެ.. "

" ބޭކާރު ވާހަކަ ނުދައްކާ ހަމަމިހާރު މިތަނުން ނިކުމޭ.. އެހެންނޫނީ ދެން ގޮވާނީ ސެކިއުރިޓީއަށް.. "

" ބައްޕަ ބޭނުންކަމެއް ކުރޭ.. އެކަމަކު ރާނީ މިތަނުން ވަތްކެއް ނުކުރެވޭނެ.. " މިހެން ބުނުމަށްފަހު ދުއާ ރާނީގެ އަތުގައި ހިފައިގެން އެތަނުން ނިކުތެވެ.

" މަޑުކޮށްބަލަ ދުއާ.. " ލިފްޓާ ދިމާލަށް ދަމުން ރާނީ ބުންޏެވެ.

" އެންމެ ރަނގަޅުވާނީ އަހަރެން މިތަނުން ކެނޑުނިއްޔާ.. އަހަރެންނަށްވެސް ފަސޭހައެއް ނޫން އަހަރެންނަކީ ދަރިއެއް ކަމަށް ޤަބޫލުނުކުރާ މީހެއްގެ ދަށުން މަސައްކަތް ކުރާކަށް.. " ރާނީ ބުންޏެވެ.

" ޑޯންޓް ޓޯކް ރަބިޝް ރާނީ! މިތަނަކީ ކާފަގެ ތަނެއް.. މިތަނުން އަހަރެންނަށް ވާ ވަރަށް ރާނީއަށް ވެސް ވޭ.. ރާނީ މިތަނުން ކެނޑޭކަށް އަހަރެން ހުއްދައެއް ނުދޭނަން.. މީ އަހަރެންގެ ފަހުބަސް.. " މިހެން ބުނުމަށްފަހު ދުއާ ހަރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ލިފްޓަށް އެރިއެވެ. އެމަންޒަރު ބަލަން ހުރި ރާނީ ދެފަރާތަކަށް ބޯ ހޫރައިލިއެވެ.

*************

މަޣްރިބް ނަމާދުކޮށް ނިންމައިގެން މުސައްލަ މަތީގައި ފާރުގައި ލެގިލައިގެން ރަފާ އިނެވެ. އޭނާ އިންގޮތުން އެއިނީ ވަރަށް ބޮޑު ވިސްނުމެއްގައިކަން އެނގެއެވެ. އަތުގައި ތަސްބީހަ ފަތި އޮތްނަމަވެސް އޭނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވަނީ މުޅިން އެހެންކަމެކެވެ. އެހެން އިންދާ ސާރާ އެތަނަށް ވަދެގެން އައިއިރުވެސް ރަފާއަކަށް ނޭނގުނެވެ. ދެފަހަރަކު ގޮވައިލުމުންވެސް ރަފާގެ ފަރާތުން ޖަވާބެއް ނައުމުން ތިންވަނަ ފަހަރު ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

" ކިހިނެއްވެފަތަ ތިއިންނަނީ..؟ ކިހާ ވަރަކަށް ގޮވައިފިން.. " އެނދުގައި އިށީންނަމުން ސާރާ ބުންޏެވެ.

" ސޮރީ މަންމާ!! ކީކޭ ބުނީ.. " ހަށިގަނޑު ސީދާކޮށްލަމުން ރަފާ ބުންޏެވެ.

" އަތުގައި ތަސްބީހަ ބާއްވައިގެން ކޮން ދުނިޔެއަކަށް ގެއްލިފައި ތިއިންނަނީ..؟ ނަމާދުކޮށް ޤުރުއާން ކިޔަވާ ޒިކުރު ކުރާއިރު ކުރަންވާނީ ޙުޝޫއަތްތެރިކަމާއެކު.. ތިގޮތަށް އެހެން ހިޔާލަކަށް ގެއްލިފައި އިނދެގެން ކުރީމަ ކަމަކުނުދާނެ.. " ސާރާ ބުންޏެވެ.

" ޒިކުރު ކޮށް ނިންމާފަ މިއިންނަނީ.."  މުސައްލަ މަތީގައި ތަސްބީހަ ބާއްވާފައި ތެދުވަމުން ރަފާ ބުންޏެވެ. އެހިނދު ސާރާ ވަރަށް ރަނގަޅަށް ރަފާގެ މޫނަށް ބަލައިލިއެވެ. އަލަމާރިން ހަތިމު ނަގައިގެން އައިސް ރަފާ އެނދުގެ ހެޑްބޯޑުގައި ލެގިލުމަށްފަހު ހަތިމް ހުޅުވާލިއެވެ.

" ދަރިފުޅު ރަނގަޅުތަ؟ ދަރިފުޅަށް ކަމެއްވެފަ އިންނަހެން މަންމައަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެ.. ގޭތެރޭގެ މާހައުލު އޮތްގޮތުން އަހާނުލެވިފައި ހުރީ.. " ރަފާ ކައިރިއަށް ޖެހިލާ އޯގާތެރިކާއެކު ރަފާގެ ބޮލުގައި ފިރުމާލަމުން ސާރާ އެހިއެވެ. މަންމަގެ އޯގާތެރި ފިރުމުން އިހުސާސް ވުމާއެކު ރަފާގެ ދެލޯ ފުރިގެން އައެވެ. ހިތުގައިވާހާ ޝަކުވާއެއް މަންމަ ކުރިމަތީގައި ބަންޑުންކޮށްލަން ބޭނުންވިއެވެ. ހަތިމު އަލުން ލައްޕާލުމަށްފަހު ރަފާ ފުންނޭވައެއް ދޫކޮށްލިއެވެ.

" މަންމާ!! " ރަފާގެ އަޑު ކުރެހިގެން ދިޔައެވެ. " އަހަރެން ބޭނުން މީހަކާ އިންނަން.. "

" ކީކޭ؟؟ ޔާނިޝް އެއްބަސްވީތަ؟ " ސާރާ އެހިއެވެ. އެހިނދު ރަފާ ސާރާއަށް ބަލައިލިއެވެ. ސާރާ ބަލަބަލާ ހުއްޓާ ރަފާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. ރަފާގެ ގިސްލުމުގެ އަޑުއިވުމާއިއެކު ސާރާގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ.

" މަންމާ!! ޔާން އަހަރެން ދެކެ ލޯތްބެއް ނުވޭ.. އޭނަ ލޯބިވާ އެހެން ކުއްޖަކު ހުރޭ.. " ރަފާ ގިސްލަމުން ސާރާގެ ކޮނޑުގައި ބޯއަޅައިލިއެވެ.

" ޔާނިޝް އެހެން ބުނީތަ؟ " ސާރާ އެހިއެވެ.

" ހުމްމްމް.. ބުނި އަހަރެންނާ މެދު އެފަދަ ނަޒަރަކުން ނުދެކެމޭ.. މަންމާ!! މިހާރު އަހަރެން ބޭނުންވަނީ އަހަރެން ދެކެ ލޯބިވާ މީހަކާ އިންނަން.. އެކުއްޖާ އަހަރެން ކައިރީގައި އިންނަން އަހައިފި. އަހަރެންނާ އެއްކުލާހެއްގައި ކިޔަވާ ކުއްޖެއް އެއީ.. ރަނގަޅު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް.. " ރަފާ ކިޔައިދިނެވެ.

" ލޯބި ނާކާމިޔާބުވުމުން ތިހާ އަވަހަށް ނިންމުތައް ނުނިންމުން ރަނގަޅުވާނީ.. ތިކަމާ ރަފާ ވަރަށް ރަނގަޅަށް ވިސްނުމަށްފަހު މަންމައަށް ޖަވާބެއް ދީ.. އޭރުން ދަރިފުޅު ތިއެދޭ ގޮތަށް ހުރިހާ ކަމެއްވެސް ވާނީ.. ދެން ޔާނިޝްއާ މެދު އެހާ ބޮޑަށް ނުވިސްނާ.. " ރަފާގެ ބޮލުގައި ފިރުމަމުން ސާރާ ވާހަކަދެއްކިއެވެ.

***********

ދުންޔާއާއި ރާނީއާ އެކު ކައިވެނީގެ ވިޔަފާރި ކުރަން އުޅުމަށްފަހު ދުއާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސެން ގާތްވަނީއެވެ. ޕޯޓިކޯގައި ކާރު މަޑުކޮށްލުމާއެކު ދުއާ ފޭބިއެވެ. އެއަށްފަހު ޑިކީ ތެރޭގައި ހުރި ބާޒާރު ކުރި ކޮތަޅުތައް ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެހިނދު ގޭޓު ކައިރީގައި އިތުރު މީހަކު ހުރިހެން ހީވެ ދުއާ އެނބުރި ބަލައިލިއެވެ. ސެކިއުރިޓީ ގާޑު ފިޔަވާ އިތުރު މީހަކު ނެތުމުން ދުއާއަށް ހައިރާން ކަމެއް ލިބުނެވެ. އެތަނުގައި މީހަކު ހުރިހެން އޭނާއަށް ހީވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ދެންވެސް ހިނގައިގަންނަން އުޅެފައި ދުއާ ހުއްޓުނެވެ. އެނބުރި ބަލައިލި ހިނދު މީހަކު އެތަނުގައި ހުރި ބޯގަސްތަކާއި ނިވައިވެލިތަން ދުއާ އަށް ފެނުނެވެ. އެމީހާ ލައިގެން ހުރި ދިގު ހެދުމުގެ ކަންގަނޑު ފެނުމުން އެއީ އަންހެނެއް ކަން ޔަގީންވިއެވެ. ހަލުވި ކޮށް ހިނގާފައި ގޭޓާ ދިމާލަށް ދުއާ ދާން ފެށިއެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 27 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް