ވާހަކަ: މަންޒިލް ތިޔޭ – ސާޅީސް އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ކިހިނެއް މިވަނީ ރާނީ؟ ލޫކް އެއީ ރާނީގެ ބޯއިފްރެންޑެއް ނޫންތަ؟ ދުއާ އާ ކައިވެނި ކުރަނީ ކީއްވެ؟  " ރަޔަން ސުވާލު ކުރިއެވެ. " ތަޤުދީރަކީ މިކަހަލަ އެއްޗެއް ރަޔަން.. އެންމެ ހީނުކުރާ...

22 Oct 2022 | 17:28

ކުރީގެ އަދަދާއި ގުޅޭ...

ކިހިނެއް މިވަނީ ރާނީ؟ ލޫކް އެއީ ރާނީގެ ބޯއިފްރެންޑެއް ނޫންތަ؟ ދުއާ އާ ކައިވެނި ކުރަނީ ކީއްވެ؟  " ރަޔަން ސުވާލު ކުރިއެވެ.

" ތަޤުދީރަކީ މިކަހަލަ އެއްޗެއް ރަޔަން.. އެންމެ ހީނުކުރާ ގޮތަށް ކަންތައްތައް ވާނީ.. އިތުރަށް އެވާހަކަތައް ދެއްކުމުން ވާނެ ފައިދާއެއް ނޫނީ އަންނާނެ ބަދަލެއް ނެތް.. އެހެންވީމާ އެންމެ ރަނގަޅުވާނީ އެވާހަކަތައް ނުދެއްކުން.. " މިހެން ބުނެ މަޑުނުކޮށް ރާނީ ގޮސް ކާރަށް އެރިއެވެ.

***********************

އަމާންގެ ފޯނެއް ހާޖަރަށް ލިބުނީ ކާރުގައި އިންދައެވެ. އަމާން ގެއަށް ދިޔައިރު ނެތުމުން ކޮންތާކަށް ދިޔައީތޯ އެހިއެވެ.

" މިދަނީ.. ދާއިރު ވަރަށް ބޮޑު ސަޕްރައިޒެއްވެސް އެބަ ގެންދަން.. " ދުއާގެ އަތުގައި ހިފާލައިގެން އިނދެ ހާޖަރު ބުންޏެވެ. ފޯނު ބާއްވަމުން ދުއާ އަށް ބަލައިލަމުން ހާޖަރު ހިނިތުންވެލިއެވެ. އެގުޅީ ދުއާގެ ދޮންބައްޕަ ކަމުގައި ބުނެލިއެވެ.

" އަހަރެން ފެނުނީމަ އުފާވާނެތަ؟ މިހެން މިބުނީ......... " ދުއާ ބުނަން އުޅުނެވެ.

" ބައްޕަ ވަރަށް ރަނގަޅުވާނެ.. ވަރަށް ހިތްހެޔޮވާނެ.. ބައްޕަ ދެކެނީ ދުއާވެސް ތީ ދަރިއެއްގެ ގޮތުގައި.. " ކުރީ ސީޓުގައި އިން ރަޔަން ވާހަކަ ދެއްކިއެވެ.

" ބައްޕަ ވަރަށް އުފާވާނެ ދުއާ އާ ބައްދަލުވީމަ.. އެއީ ޔަގީން ކަމެއް.. " ރާނީ ވެސް ބުންޏެވެ.

" ދެން ކޮންބައެއްތަ އަހަރެންގެ އާއިލާގައި ތިބެނީ.. އެނގޭ އެގޭ ބައެއް މީހުން އަހަރެންދެކެ އެހާ ހިތްހަމަނުޖެހޭ ކަން. އެކަމަކު ލޯބިވާ ބައެއްވެސް އެބަ ތިއްބެއް ނު ދޯ.. " ދުއާ ބުނެލިއެވެ.

" ބޭކާރު މީހުންނާ މެދު ނުވިސްނާ ދަރިފުޅާ.. ހަމަގައިމުންވެސް މަންމައާއި ދޮންބައްޕަ އަދި ރާނީ އާއި ރަޔަންވެސް ދަރިފުޅުދެކެ ވަރަށް ލޯބިވޭ.. " ދުއާގެ އަތަށް ފިތައިލަމުން ހާޖަރު ބުންޏެވެ.

" އަހަރެމެންގެ ދެބެއިންގެ ދެދަރި ކުދިންތައްވެސް ތިބީ ދުއާ އާ ބައްދަލު ކުރަން ކެތްމަދުވެފައި.. އެމީހުން ދުއާ ބާކީ ނުކޮށްލާނެކަން ޔަގީން.. " ހާޖަރު އަނެއްފަރާތުން ބޯދިއްކޮށްލަމުން ރާނީ ބުންޏެވެ.

***************

ދުއާ ހީކުރި ވަރަށްވުރެ ވެސް ބޮޑަށް ދުއާ ފެނުމުން އަމާން ހުރީ އުފަލުންނެވެ. އަމިއްލަ ދަރިއެއްފަދައިން ދުއާ ކައިރިކޮށްލައިގެން ހުރި ވާހަކަ ދެއްކިއިރު ދުއާގެ ހިތްވަނީ އަމާންއަށްޓަކައި ޝުކުރުން ފުރިފައެވެ. އުމުރު ދުވަހު އުފަން ބައްޕަގެ ފަރާތުން އިހުސާސް ނުވި ލޯބި އެމަދު ސިކުންތު ކޮޅުގެ ތެރޭގައި އަމާންގެ ފަރާތުން އޭނާއަށް އިހުސާސްވެއްޖެއެވެ.

ސާރާ އެކޮޓަރިއަށް އައީ ހާޖަރު ގުޅާފައި ބުނުމުންނެވެ. މީގެ އެތައް އަހަރެއް ކުރިން ހާޖަރާ ދުރުވެފައި ހުރި ދަރިފުޅު ދައްކާލުމުން ސާރާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އޭރު ހާޖަރުގެ އަތްމަތީގައި އޮތް ހަމަހުގެ ކުއްޖާ މިހާރު ފުރާ ފުރިހަމަ އަންހެނަކަށް ވެފައި ހުރިތަން ފެނުމުން ސާރާގެ ލޮލުން ކަރުނަ ނީރާލިއެވެ. ސާރާ ދުއާ ގައިގާ ބައްދައިލިއިރު ސާރާއަށްވެސް ލިބިފައިވާ އުފާވެރިކަން އިންތިހާއެވެ.

ޔާނިޝްއާއި އަނޫޝާ އަދި ރަފާ ގޮވައިގެން އައީ ރަޔަންއެވެ. ފަހަރަކު މީހެއް ދުއާ އަށް ތައާރަފް ވަމުން ދިޔައެވެ. އެހުރިހާ އެންމެންނަށް ދުއާ ޖަވާބު ދެމުން ދިޔައީ ހިތްހެޔޮކަމާއެކީގައެވެ. މަންޒަރު ބަލަން ހެވިފައި ތަންކޮޅެއް ދުރުގައި ރާނީ ހުއްޓެވެ. ދުއާއަށް އޭނާގެ ހައްޤު ހޯދައިދެވުނީތީ އުފާކުރާ ހާލުގައެވެ.

" އަހަރެން އޭރުވެސް ހިތަށް އެރިޔޭ ދުއާ އޭ ބުނުމުން ރާނީ މަސައްކަތް ކުރާ ހޮސްޕިޓަލުގަ އުޅޭ ދުއާ ބާއޭ.. ދުއާ އަށް އެނގޭތަ؟ ރާނީ ކުރިންވެސް ވަރަށް ގިނައިން ދައްކާނެ ދުއާގެ ވާހަކަ.. އަބަދުވެސް ބުނޭ ދުއާ ދެކެވެނީ ވަރަށް ގާތް ކުއްޖެއްގެ ގޮތުގައޭ.. ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލަ.. ދުއާ މިވީ ރާނީ ހީކުރި ވަރަށްވުރެވެސް ގާތް ކުއްޖަކަށް.. " ރަފާ ބުނެލިއެވެ. ދުއާ ރާނީއަށް ބަލައިލިއެވެ. އެދެމެދުގައި ބައްދަލުކޮށްލެވުނީ ލޯބިން ފުރިގެންވާ ބެލުމެކެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ދުއާއަށް ސާރާ ދައުވަތު ދިނެވެ. ދޭނެ ޖަވާބެއް ނޭނގި ދުއާ ބަލައިލީ ހާޖަރަށެވެ.

" މާފުކުރޭ ސާރާ!! އެހެން ދުވަހަކުން ދޯ.. މިރޭ މިއުޅެނީ ދުއާ ގޮވައިގެން ފެމިލީ ޑިނަރ އަކަށް ދާން.. " ހާޖަރު އަވަސް އަވަހަށް ބުނެލިއެވެ. ފިތުނަވެރި ލޯތައް ދުއާއަށް އަމާޒުވާކަށް އޭނާ ނޭދެއެވެ. އޭނާގެ ޣައިރު ހާޒިރުގައި ނީޒާ އާއި ބަދޫރާ އަދި ހާރޫން ފެންނަ ހިސާބަށް އަމުދުން ފޮނުވާކަށް ބޭނުމެއް ނުވެއެވެ. ކުރިންވެސް ދުއާ އޭނާއާ ދުރުކުރަން މިހާރު ރޭވުންތައް ރާވާނެކަން ޔަގީނެވެ. މިހާރުވެސް ރާވާފައި ނެތްކަމެއްވެސް ނޭނގެއެވެ.

ދުއާ އައިސްގެން އުޅޭ ވާހަކަ ބަދޫރާއަށް އެންގީ ސާރާއެވެ. ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތުގައެވެ. ބަދޫރާގެ މޫނުމަތިން މާބޮޑު އަސަރުތަކެއް ނުފެނެއެވެ. އެކަމާ ގުޅުވައިގެން އެއްވެސް އެއްޗެއްވެސް ނުބުނެއެވެ. މަޑުމައިތިރިކަމާއެކު ކާން އިނީއެވެ. ހާރޫންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލިއެވެ. ނަމަވެސް ދެވަނަ ހިނދުގައި އެހިނިތުންވުން ފަނޑުވެލައިފިއެވެ. ހާޖަރުހެން ދުއާވެސް އޭނާއަށް މާފުނުކޮށްފާނެހެން ހީވަނީއެވެ. މާފުދޭންވީ ސަބަބެއްވެސް ވަކި ކޮބައި ހެއްޔެވެ؟ އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ދުއާ އަށް އޭނާގެ ހަޔާތުގައި ގެއްލިގެން ދިޔައީ ނުހަނު މުހިންމު ދުވަސްތަކެކެވެ. މައެއްގެ އަޅާލުމާއި އޯގާތެރިކަމާއި ތަރުބިއްޔަތުން މަޙްރޫމުވީ އޭނާގެ އެއްވެސް ކުށެއް ނެތިއެވެ.

************

ކެއުން ނިންމާލުމަށްފަހު ރެސްޓޯރެންޓުން ނިކުތީ އެންމެން އެކީގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ވަކިން ހާއްސަކޮށް ދުއާ އާއި ރާނީއެވެ. ދެކުދިން ވާހަކަތަކަށް ހުއްޓުމެއް ނާދެއެވެ. ރަޔަންވެސް އެހާމެ އަނގަ ގަދައެވެ. އެއްދުވަހުން ދުއާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން އުޅޭ ކަހަލައެވެ.

" މަންމަ ބޭނުމެއްނޫން ދަރިފުޅު ފޮނުވާލާކަށް.. އެކަމަކު ދަރިފުޅު ނުދިޔައިއްޔާ ބައްޕަ ވަރަށް އެކަނިވާނެ.. ކިތަންމެ އިރެއްވިޔަސް ޒިލާލް ބަލައެއްނުލާނެ.. އޭނަ ބައްޕަ ދެކެ ލޯބި ނުވަނީއެއް ނޫން އެފަދަ ވިސްނުން އޭނަގެ ނުހުންނަނީ.. " ހާޖަރު ބުންޏެވެ.

" މަންމަ ތިބުނީ ރަނގަޅަށް.. ބައްޕަ ކާފައަށް އެހާ ބޮޑަށް އަޅައެއް ނުލާ.. އަހަރެންވެސް ބޭނުމެއްނޫން ދާކަށް.. އެކަމަކު ކާފައަށްޓަކާ ދާން އެބަޖެހޭ.. އެކަމަކު މިރޭ އެކަނި ދާކަށް ބޭނުމެއް ނޫން.. މަންމަގެ ހުއްދަ އޮތިއްޔާ ރާނީ ގޮވައިގެން ދާން ބޭނުމީ.. ރާނީ މިރޭ ނިދާނީ އަހަރެން ކައިރީ.. ދޯ..؟ " ރާނީއަށް ބަލައިލަމުން ދުއާ ދޯ ދިނެވެ. ރާނީ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

ހާޖަރުގެ ދެމަފިރިންނާއި ކުދިންގެ ހަޔާތަށް އައި އުފާވެރި ދުވަސްތަކުގެ ތެރެއަށް އިތުރުވެގެން ދިޔަ ދުވަހެއް ކަމުގައި އެދުވަސް ހިމެނިގެން ދިޔައެވެ. ވަގުތުޖެހުމާއެކު ބަދަލުނުވާނޭ ހަމަ އެއްކަމެއްވެސް ނެތެވެ. މިއަދު ވަރަށް ރަނގަޅަށް އެކަން ހާމަވެގެން ހިނގައްޖެއެވެ. އެއީ ގުދުރަތުގެ ގާނޫނެވެ. ބޭނުންވިޔަސް ނުވިޔަސް އިންސާނުންނަށް ޖެހޭނީ އެ ގާނޫނަށް ބޯލަނބާށެވެ.

*************

ކޮފީތަށި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު ސޯފާގައި ދުންޔާ އިށީނެވެ. ކުރިމަތީގައި ހުރި ސޯފާގައި ދެކަކުލުގައި އަތް ވިދެލައިގެން ދެއަތް ޖޯޑުކޮށްލައިގެން ލޫކަން އިނެވެ. އޭނާގެ ނަޒަރުވަނީ ދެއަތަށް ހުއްޓިފައެވެ.

" ލޫކް!! މަންމަ ދުވަހަކުވެސް މިހެން ބުނާކަށް ބޭނުމެއް ނޫން.. އެކަމަކު މިވަގުތުގެ ހާލަތަށް ބަލާފައި ދެން އެންމެ ރަނގަޅުވާނީ ދަރިފުޅު ރާނީ މަތިން ހަނދާން ނައްތާލިއްޔާ.. " ދުންޔާ ބުންޏެވެ. ލޫކަން ވަކި އެއްޗެއް ނުބުންޏެވެ. ކުރިންވެސް އިން ހެން އިނީއެވެ. ލޫކަންގެ އިހިމޭންކަން ދުންޔާއަށް އުނދަގޫ ކުރުވިއެވެ.

" ބުނެބަލަ ކޮންމެވެސް އެއްޗެކޭ ލޫކް!! ހިތުގަ ތިވާ ޝަކުވާތައް ބޭރުކޮށްބަލަ!! " ދުންޔާ ބުންޏެވެ. އެހިނދު ލޫކަން ދުއާއަށް ބަލާލައިފިއެވެ. ދެލޮލުން ފެންނަމުންދިޔަ މޮޅިވެރިކަން ދުންޔާގެ ހިތް ރޮއްވައިލިއެވެ.

" މަންމާ! އަހަރެންނަކަށް ދެން ނުވާނެ.. މިއަށްވުރެ މާ ރަނގަޅުވާނެ އަމިއްލައަށް މަރުވިޔަސް..! " ލޫކަން ބުންޏެވެ.

" އަސްތަޣްފިރުﷲ!! ހެޔޮނުވާނެ ތިހެން ނުބުނޭ ދަރިފުޅާ!! ތިބުނެވުނީ ކިހާވަރެއްގެ އެއްޗެކަން އެނގޭތަ؟ ﷲ އެޅުއްވި ފުރާނައެއް އެފަރާތުން ގެންދަވާނީ.. އަމިއްލައަށް މަރުވުމަކީ ކުފުރުގެ މަރެއްކަން ދަރިފުޅަށް ނޭނގިއެއް ނޯންނާނެ.. ތިކަހަލަ އެއްޗެއް ބުނާއިރު މިމަންމަގެ ހިތަށް ކުރާނެ އަސަރު އަންދާޒާ ކޮށްބަލަ!! " ދުންޔާގެ ދެލޯ ފެންކަޅިވެ އަޑު ކުރެހުނެވެ. " އަހަރެންގެ މިދެލޮލަށް އެފަދަ މަންޒަރެއް ނުދައްކަވާށި "

" މަންމަ ބުނެބަލަ އަހަރެންނަށް ކެތްތެރިވެވޭނެ ގޮތެއް.. އަބަދުހެން ރާނީގެ ކުރިމަތީގައި ޅިޔަނެއްގެ ހައިސިއްޔަތުން އުޅުމަކީ އަހަރެންނަށް ފަސޭހަކަމެއް ނޫން.. އަނެއްކޮޅުން ރާނީގެ ހިތަށް ކިހާ އަސަރެއް ކުރާނެ.. އޭނަ ކިތަންމެ ހިތްވަރެއް ކުރިޔަސް އަހަރެންނަށް އެނގޭ އޭނަ އަހަރެންދެކެ ލޯބިވާވަރު.. " ލޫކަން ބުންޏެވެ.

" މަންމަ ރާނީ މަތިން ހަނދާން ނައްތާލާށޭ މިބުނީ އެންމެ ރަނގަޅުވާނީ އެގޮތް ކަމަށްވާތީ.. އެންމެންނަށްވެސް ރަނގަޅުވާނީ އެގޮތް... ރިޒާބެއަށް ވެސް ރާނީއަށް ވެސް ދުއާ އަށްވެސް.. "

" އަހަރެންނަށް ލިބޭ ހިތާމަ އެންމެ ރަނގަޅު ގޮތް ކަމުގައި ވާންވީ ކީއްވެ..؟ ރާނީވެސް މަންމަވެސް ވިސްނަބަލަ " ލޫކަންއަށް ޝަކުވާ ކޮށްލެވުނެވެ. ދުންޔާ ފުންނޭވައެއް ދޫކޮށްލިއެވެ. އިތުރަށް ލޫކަންއަށް ވިސްނައިދޭނެ ގޮތެއް އޭނާއަށް ނޭނގުނެވެ. ވިސްނައިދިނަސް އެވާނީ ބޭކާރުކަމަކަށް ވާނެތީ އިންތަނުން ތެދުވެގެން ދުންޔާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

*************

އެތައް އިރެއްވަންދެން އެނދުމަތީގައި ދުއާ އާއި ރާނީ ވާހަކަ ދައްކަން ތިއްބެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ކުޑައިރުގެ ވާހަކަތަކާއި ސްކޫލް ދައުރުގެ ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ. ލޫކަންގެ ވާހަކަތައް ކިޔައިދޭން ފެށި ހިސާބުން ރާނީ ހިތްދަތިވާން ފެށިއެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ކުރެވުނުހާ މަސައްކަތެއް ކުރަމުން ދިޔައެވެ.

" ވާހަކައެއް އަހާލަންތަ؟ " ރާނީ ބުންޏެވެ. ދުއާ ނިތް އަރުވައިލިއެވެ.

" ލޫކް ދެކެ ވަރަށް ލޯބިވޭތަ؟ " ރާނީ އަހައިލިއެވެ. ލިބޭ ޖަވާބަކުން ހިތަށް އިތުރު ތުރާ ލިބުން ނޫންކަމެއް ނުވާނެކަން އެނގޭއިރުވެސް އެހެން އަހާލަން ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ދުއާ ހިމޭންވިއެވެ. ލޫކްދެކެ އޭނާ ވަނީ ރާނީ އެހީކުރާ ކަހަލަ ލޯތްބެއް ނޫނޭ ބުނަން ބޭނުންވިއެވެ. ނަމަވެސް ރިޒާގެ ހާލަތާމެދު ވިސްނާލާފައި އެޖަވާބު ދޭން ފަސްޖެހުނެވެ. އާރަވްގެ ވާހަކަ ރާނީއާ ހިއްސާ ކޮށްފިނަމަ ލޫކްއާ ކައިވެނިކުރިޔަކަ ނުދޭނެއެވެ.

" އާނ!! ލޯބިވޭ.. " ދުއާ ބުނެލިއެވެ. ލިބޭނީ އެޖަވާބުކަން އެނގޭއިރުވެސް ދުއާގެ ދުލުން އެހެން ބުނި އަޑުއިވުމުން ރާނީގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. ދެލޯ ފެންކަޅިވާން އުޅޭހެން ހީވުމުން އޭނާ އިސްޖަހައިލިއެވެ.

" އޯވްހް.. ޖަގު ހުސްވެފަ ދޯ.. އެބަ އަންނަން އިނގޭ ރިފިލް ކޮށްލައިގެން.. " އެތަނުން ދިއުމަށް ބޭނުންވެފައި އިންވަރުން ދުއާ ބުންޏެވެ. އާރަވް ހަނދާންވުމުން ބޭއިޚްތިޔާރުގައި ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. ސިޑިން ފައިބައިގެން ބަދިގެއާ ހަމައަށް ދިޔައިރުވެސް ދުއާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވީ އާރަވްގެ ހަންދާންތަކުންނެވެ. ބަދިގެއަށް ވަން ވަގުތު ހިޔަންޏެއް ފެނުނުހެން ދުއާ ހުއްޓުނެވެ. ކުރިމަތިން ފެންނަމުން ދިޔަ ހިޔަނި ބޮޑުވާން ފެށުމުން އެމީހެއް ކައިރިއަށް އަންނަނީކަން ދުއާ އަށް އެނގުނެވެ. މިވަގުތު ކާކުބާއޭ ހިތަށް އެރުމާއެކު ދުއާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލިއެވެ. އެމީހެއް ދުއާގެ ފަހަތުގައި ހުއްޓުނުކަން ދުއާ އަށް އެނގުނީ އެމީހެއްގެ ނޭވާ ދުއާގެ ކަނދުރާއަށް އެޅެން ފެށުމުންނެވެ. އެހިނދު އެހިތުން ބިރުވެރިކަން މަޑުމަޑުން ފިލައިފިއެވެ.

" ރެވް!! " ދުއާ ގޮވާލައިފިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް ގެނެސް ނުދެވި ލަސްވިކަމަށްޓަކައި ލިޔުންތެރިޔާއާއި ދުވަސްގެ ނަމުގައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން. ވާހަކައިގެ އާ ބައެއް، އިންޝާﷲ 25 އޮކްޓޯބަރ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް