އެމްޑީއެންއަކީ ނައްތާލަންޖެހޭ ބައެއް ނޫން، އެއީ ފުނޑާލަންޖެހޭ ބައެއް: ރައީސް ޔާމީން

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ނައްތާލަން ޖެހޭ ބައެއް ނޫން ކަމަށާއި އެއީ ފުނޑާލަން ޖެހިފައިވާ ބައެއް ކަމަށް ކުރީގެ ރ...

25 Oct 2019 | 08:50

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ނައްތާލަން ޖެހޭ ބައެއް ނޫން ކަމަށާއި އެއީ ފުނޑާލަން ޖެހިފައިވާ ބައެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމް-ޕީއެންސީ އޮފީސް ކުރިމަތީގައި މިރޭ އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެފަދަ ޖަމިއްޔާއަކަށް ދިވެހި ފަސްގަނޑުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމްޑީއެންއަކީ "ލާދީނީ ބައިގަނޑެއް ކަމަށާއި، އެ ދިފާއު ކުރާނީ ވެސް ލާދީނީ ބައިގަނޑެއް" ކަމަށެވެ.

"މި މީހުންނަކީ ނެތި ދާންޖެހޭ ބައެއް ނޫން. އެމްޑީއެން ނައްތާލަންވީކީ ނޫން. އެމްޑީއެން ފުނޑާލަންވީ. މީއީ ޖާގަ ލިބެންޖެހޭ ބައެއް ނޫން. އެއް އިރެއްގެ ކުށްކޮށްފައި، ތިމަންނަ މިހުރީ ކުށުން ބަރީއަވެފައޭ ބުނުމަކުން އެ ކުށުން އޭނާ ސަލާމަތެއް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ދަރިވަރުންގެ ހިތްތަކަށް ލާދީނީ ފިކުރު ވެއްދުމައްޓަކައި ތައުލީމީ މުގައްރަރު ބަދަލުކުރަން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މުގައްރަރަށް ގެންނަ ބަދަލު ބެލުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ފަރާތްތަކާއި އެކުގައި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ލާދީނީ ފިކުރުގެ މުގައްރަރަކަށް ޖާގަ ނުދެއްވާނެ ކަމަށާއި އެކަމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތުއްތު ދަރިންގެ މުގައްރަރު ތަކުން މި ލާދީނީ ފިކުރަށް ޖާގަ ނުދެއްވާ. އަޅުގަމެން މަދަރުސާތައް ބޮއިކޮޓުކުރަން ވެއްޖެނަމަ، މަދަރުސާތައްވެސް ބޮއިކޮޓްކުރަން ތައްޔާރުވާން ވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީއެންއަކީ ލާދިނީ ވިސްނުގައި އެ ފިކުރުގައި ތިބި ބައެއް ކަމަށެވެ. އަދި މިއަދު ސަރުކާރުގެ އިސް މަގާމުތަކަށް އެމްޑީއެންގެ މީހުން އައްޔަން ކުރަމުން ގެންދަނީ އެ ފިކުރު ދަމަހައްޓަން ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި ކުރަންޖެހޭ އިތުރު އެއްވެސް ތަހުގީގެއް ނެތް ކަމަށެވެ. އެ ރިޕޯޓުގައި ހުރިހާ އެއްޗެއް ހާމައަށް ފެންނަން އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެ ޖަމިއްޔާގައި އުޅުނު މީހުންނާއި އެ ޖަމިއްޔާ އުފެއްދުމުގައި އުޅުނު މީހުން ދައުލަތުގެ އިސް މަގާމުތަކުގައި ކަމަށެވެ. އެފަދަ ބަޔަކު އެ މަގާމުތަކުގައި ތިއްބަވައިގެން ހިންގޭނީ ކޮން ތަހުގީގެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް