މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ 12 މެމްބަރުންނަށް އެކަނި އަމާޒުކޮށްގެން ހެދި ގާނޫނެއް ކަމަށާއި އެ ގާނޫނު އިސްލާހުކޮށްގެން ނުވަތަ ބާތިލު ކުރުމަށްފަހު އާ ގާނޫނެއް ގެނެސްގެން ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނު އޮންނަންޖެހޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
"މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ 12 މެމްބަރުންނަށް އެކަނި އަމާޒުކޮށްގެން ހެދި ގާނޫނެއް، އެއީ ހަމަޔާ އުސޫލެއް ނޫން" އަމީތު ވިދާޅުވެފައިވެއެވެ.
އަމީތު ވިދާޅުވެފައިވަނީ މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އިސްލާހު ކޮށްގެން ނަމަވެސް، ބާތިލުކޮށް އާ ގާނޫނު ގެނެސްގެން ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށެވެ.
އަމީތު މިހެން ވިދާޅުވެފައިވާއިރު މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ. އުވާލަން ހުށަހެޅީ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދެވެ.
އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާއިރު ތިބޭ ޕާޓީން ވަކި ވެއްޖެ ނަމަ ނުވަތަ ޕާޓީން އެ މެމްބަރަކު ވަކި ކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ފަރުމާކޮށް ފާސްކޮށްފައިވާ ބިލެއްގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް