ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އާދިއްތަ ދުވަހަކީ އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހަށް ނުވި ކަމުގައިވީ ނަމަވެސް އާދިއްތަ ދުވަހު ޖަލްސާއެއް ބާއްވަން ނިންމީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދާތީ މެންބަރުންގެ ޝަކުވާތަކެއް ލިބެމުންދާތީ ކަމަށާއި، ވީހާވެސް އަވަހަށް ޖަލްސާއެއް ބޭއްވުމުގެ ބޭނުމުގައި ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ލަފާފުޅާއެކު ކަމަށާއި މަޖިލީހުގެ ރައީސްއާ މަޝްވަރާކޮށް މިޖަލްސާގެ އެޖެންޑާ ހަމަޖެހި، ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު ވިދާޅުވީ މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ މައްސަލަތަކެއް ވާކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރާއި، އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލާއި، އަބުރުގެ ގާނޫނު އުވާލުމުގެ ބިލް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް