މެސީ ނެތި އިންޓަ ބަލިކޮށް ބާސާ ދެ ވަނަ ބުރާ ގާތަށް

ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން 2-0 ގެ ނަތީޖާއިން އިންޓަ މިލާން ބަލިކޮށް، ދެ ވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗު ބާސާއިން ފުރިހަމަ ކުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ...

25 Oct 2018 | 02:55

ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން 2-0 ގެ ނަތީޖާއިން އިންޓަ މިލާން ބަލިކޮށް، ދެ ވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗު ބާސާއިން ފުރިހަމަ ކުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މެސީ ނުލައެވެ.

މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ ބާސާއިން ރަނގަޅަށް ކުޅެމުން ދިޔައިރު، އިންޓައިން ކައުންޓަރ އެޓޭކްތަކުގައި ނުރައްކާކުރިއެވެ. ބާސެލޯނާއަށް ގޯލު ހުޅުވާލަ ދިނީ މެސީގެ ބަދަލުގައި ރޭގެ މެޗުން ފުރުސަތު ދިން ރަފީނާއެވެ. މިއީ ސުއަރޭޒް އޭރިޔާގެ ތެރެއަށް މަތިން ލި ހިތްގައިމު ޕާހަކުން ރަފީނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު، ފުރަތަމަ ހާފަށްވުރެ ރަނގަޅަށް އިންޓަ މިލާނުން ފެށި ނަމަވެސް އެ ޓީމަށް ބާސެލޯނާގެ ގޯލަށް ބޯޅައެއް ވައްދާލެވޭގޮތެއް ނުވިއެވެ. އަނެއްކޮޅުން 83 ވަނަ މިނިޓުގައި ޖޯޑީ އަލްބާ ޖަހައިދިން ލަނޑާއެކު ބާސާއިން 3 ޕޮއިންޓް ކަށަވަރު ކުރިއެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖޯޑީ އަލްބާ ވަނީ ލަނޑަކާއި 3 އެސިސްޓް ހަދާފައެވެ.

ބާސާއިން މި މޮޅާއެކު 9 ޕޮއިންޓް ހޯދާފައިވާއިރު، އިންޓައަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ރޭ މި ގްރޫޕްގައި ޓޮޓެންހަމް އާއި ޕީއެސްވީ ކުޅުނު މެޗު އެއްވަރުވެ ދެ ޓީމަށް ވެސް 1 ޕޮއިންޓް ލިބިފައިވުމާއެކު، ބާސާ ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެ ވަނަ ބުރު ކަށަވަރުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް