އޮމަދޫގެ އިޙްތިޞާޞްގައިވާ ދެ ފަޅުރަށުން ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހޯއްދެވުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް

ތ. އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވ...

25 Sep 2025 | 09:44
ރައީސް ތ. އޮމަދޫގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ތ. އޮމަދޫގައި - ފޮޓޯ: ރައީސް އޮފީސް

ތ. އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި

ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ

ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން

ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު އޮމަދޫ

ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި

އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީނުކުރެވޭކަން ފާހަގަކުރައްވައި އެމަނިކުފާނު

ވަނީ މިހާރުވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ

ފުރުޞަތު އޮތްކަން ހާމަކުރައްވާފައެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ

ދަށުން އެރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް

ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ

ބައްލަވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން

އޮމަދޫގެ އިޚްތިޞާޞްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް

ފެނޭތޯ ބައްލަވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ

ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަކަން ފާހަގަކުރައްވައި، އެކަން ލަސްވާ ސަބަބު

އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު މަސައްކަތް ހަވާލުކޮށްފައިވާ

ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން

ވިޔަސް، ސަރުކާރުން އެމަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން

ސްކޫލްގެ މަސައްކަތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެކަމަށާއި،

ޞިއްޙީ މަރުކަޒަށް މިއަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ

ދެއްވިއެވެ. އަދި އަންނައަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އައު މިސްކިތެއް އަޅުއްވައި،

ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު

ކުޅެވޭގޮތަށް ދަނޑު ތަރައްޤީކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ

އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް