ކަޒިއާ ލިޒް މެޖޯ
އިންޑިއާގެ ޖައިޕޫރުގައި ބޭއްވި ފައިނަލުގައި 52 ބައިވެރިންނާއި ވާދަކޮށް މިސް ޔުނިވާސް އިންޑިއާ 2026 ގެ ތާޖު ކެރެލާއަށް ނިސްބަތްވާ 19 އަހަރުގެ ޤާނޫނީ ދަރިވަރު އަދި މޮޑެލް ކަޒިއާ ލިޒް މެޖޯ ހާސިލުކޮށްފިއެވެ.
މި ކާމިޔާބީއާ އެކު މެޖޯ ވެގެންދިޔައީ މިސް ޔުނިވާސް އިންޑިއާގެ ތާޖު ހާސިލުކުރި ފުރަތަމަ ކެރެލާ ބައިވެރިޔާއަށެވެ.
ކެރެލާއަށް ނިސްބަތްވި ނަމަވެސް ކަޒިއާ އުފަންވެ، ކުޑައިރުންސުރެ ތައުލީމް ހާސިލްކޮށް، ދިރިއުޅުން ބިނާކޮށްފައިވަނީ ޔޫއޭއީގެ އަބޫ ދާބީގައެވެ. އެމިރޭޓްސް ނެޝަނަލް ސްކޫލާއި ސެއިންޓް ޖޯސެފްސް ސްކޫލާއި އަބޫ ދާބީ އިންޑިއަން ސްކޫލުގައި ތަޢުލީމު ހާސިލުކުރި މެޖޯ މިހާރު ކިޔަވަމުންދަނީ ޤާނޫނީ ދާއިރާއިން އިންޑިއާގައި އެވެ.
ކިޔެވުމާއި މޮޑެލިންގެ އިތުރުން ކަޒިއާއަކީ ތަފާތު ހުނަރުތަކެއް ލިބިފައިވާ ޒުވާނެކެވެ. 12 އަހަރު ވަންދެން ކްލެސިކަލް ނެށުމުގެ ތަމްރީނު ހަދައި ޑްރަމާއި ވައޮލިނާއި ލަވަކިޔުމުގެ ހުނަރު ވެސް ހޯދައިފައިވެއެވެ. އޭގެ އިތުރުން އޭނާ ވަނީ ޝައިލޮކް ނަމަކަށް ކިޔާ މެލެޔާލަމް ފިލްމެއްގައި ވެސް އެކްޓުކޮށްފައެވެ.
53 ބައިވެރިން ވާދަކުރި ފައިނަލުގައި ފުރަތަމަ ރަނަރަޕަކަށް ހޮވުނީ ޓަމިލް ނާޑޫގެ ވައިޝްނަވީ ގައްނެޝް އެވެ. ގުޖުރާތުގެ އަނުޝްރީ ސަތަވްލެކާ ދެވަނަ ރަނަރަޕަކަށް ހޮވި މިސް އިންޓަނެޝަނަލް އިންޑިއާ 2026 ގެ ލަޤަބު ވެސް ހާސިލުކުރިއެވެ.
ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން ފަނޑިޔާރުންގެ ޕެނެލް ލީޑުކުރިއިރު ކުރީގެ މިސް ޔުނިވާސް އިންޑިއާގެ ވެރީން ކަމުގައިވާ އޫރްވަޝީ ރައުޓެލާ އާއި ސެލީނާ ޖެއިޓްލީ ވެސް ފަނޑިޔާރުންގެ ތެރޭގައި ހިމެނުނެވެ.
މިއަހަރު ބާއްވާ 75 ވަނަ މިސް ޔުނިވާސް މުބާރާތް އޮންނާނީ އަންނަ ނޮވެމްބަރު މަހު ޕުއެޓޯ ރީކޯގައި އެވެ. މި މުބާރާތުގައި އިންޑިއާ ތަމްސީލް ކުރާނީ ކަޒިއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް