ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައްދަލުކޮށްފިއެވެ.
ބައްސާމާއި ދަގަނޑޭ ބައްދަލުކޮށްފައި މިވަނީ އެންމެ ފަހުން ނެގި ގައުމީ ސްކޮޑުގައި ވެސް ދަގަނޑޭ ހިމަނާފައިނުވުމުން އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށެވެ.
އެ ބައްދަލުވުމުގެ ފޮޓޯ ހިއްސާކުރަމުން ދަގަނޑޭ ބުނެފައިވަނީ ބައްސާމްއާއެކު ވަރަށް ރަނގަޅު ވާހަކަތަކެއް ދެކެވުނު ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ ގުޅޭގޮތުން ވަރަށް ރަނގަޅު އުންމީދީ ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
އަންނަ މަހު ރާއްޖެއިން ކުޅޭ ވޯލްޑް ކޮލިފިކޭޝަންގެ ދެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައި ނުވަނީ، ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށް އޭނާ ބުނެފައިވަނިކޮށެވެ.
ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް