އެންފީލްޑްގައި އާސެނަލްއަށް ޖެހިޖެހިގެން 4 ބަލި

މިސްރުގެ ތަރި މުޙައްމަދު ސަލާހް ޖެހި 2 ލަނޑާއެކު 3-1 ގެ ނަތީޖާއިން އާސެނަލް ބަލިކޮށް ލިވަޕޫލްއިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ޕްރިމިއާ ލީގުގެ މި ސީޒަންގެ ފުރަތަމަ 3 މެޗުން ވެސް ލިވަޕޫލް މޮޅު...

25 Aug 2019 | 04:11

މިސްރުގެ ތަރި މުޙައްމަދު ސަލާހް ޖެހި 2 ލަނޑާއެކު 3-1 ގެ ނަތީޖާއިން އާސެނަލް ބަލިކޮށް ލިވަޕޫލްއިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ޕްރިމިއާ ލީގުގެ މި ސީޒަންގެ ފުރަތަމަ 3 މެޗުން ވެސް ލިވަޕޫލް މޮޅުވެފައިވާއިރު، އާސެނަލްއަށް އަނެއްކާ ވެސް މި ވަނީ އެންފީލްޑް ގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މިއީ ލިވަޕޫލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް އާސެނަލް ކުޅެ ޖެހިޖެހިގެން ބަލިވި 4 ވަނަ ފަހަރެވެ.

މި ސީޒަންގައި އާސެނަލްއިން ގިނަ ކުޅުންތެރިންތަކެއް ގަނެ، ޓީމަށް ބަދަލުތަކެއް ގެނައި ނަމަވެސް، ލިވަޕޫލްގެ ވަރުގަދަ ހައި ޕްރެސިން، އަދި އެޓޭކިންގް ގޭމްގެ ކުރިމަތީގައި އާސެނަލް ޖެހުނީ ކުޑަކަކޫ ޖަހާށެވެ. މުޅި މެޗުގައި ވެސް ލިވަޕޫލްއިން މޮޅަށް ކުޅުނުއިރު، އާސެނަލްއިން ކައުންޓަރ އެޓޭކްގައި ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިވި ނަމަވެސް، ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑަކީ ލިވަޕޫލްގެ މަޓިޕް ޖަހައިދިން ލަނޑެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް މެޗުގެ 41 ވަނަ މިނިޓުގައި އެލެކްޒެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން މަޓިޕް ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހައެވެ.

ދެ ވަނަ ހާފު ފެށިގޮތަށް ލިވަޕޫލްއިން ވަނީ ލީޑު ފުޅާކޮށްލާފައެވެ. 48 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލްއަށް ދެ ވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ސަލާހް އެވެ. މި ޕެނަލްޓީއަކީ ގޯލެއް ޖަހަން ލިބުނު ރަނުގެ ފުރުސަތެއްގައި ސަލާހްގެ ޖޯޒީގައި ޑޭވިޑް ލުއިޒް ހިފަހައްޓާ ސަލާހް ވައްޓާލުމުން ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ލަނޑު ޖެހިތާ މާކަ ގިނައިރުތަކެއް ނުވެ، މެޗުގެ 58 ވަނަ މިނިޓުގައި މުޙައްމަދު ސަލާހް ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މެޗުގައި އާސެނަލް އިން ޖެހި ހަމައެކަނި ލަނޑު 85 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓޮރެއިރާއެވެ.

ފުރަތަމަ 2 މެޗުން މޮޅުވުމަށްފަހު އާސެނަލްއަށް ލީގުގެ ފުރަތަމަ ބައްޔާ ކުރިމަތިވިއިރު، ލިވަޕޫލްއިން ވަނީ އެންފީލްޑްގައި އާސެނަލްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 7 މެޗުން ޖުމްލަ 25 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް