މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އޭނާގެ ގައިރު ހާޒިރުގައި މިރޭ ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއިއެކު މާމިގިލީ ދާއިރާގެ ގޮނޑި ގާސިމަށް ގެއްލިއްޖެ އެވެ.
ގާސިމް އަށް މިރޭ ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ގާސިމްގެ މައްޗަށް އިއްވާފައިވަނީ މިރޭގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ގާސިމަށް އަންގައި ހާޒިރު ނުވެއްޖެނަމަ ގައިރު ހާޒިރުގައި ހުކުމް ކުރާނެ ކަން ކޯޓުން ގާސިމަށް އެންގުމަށްފަހުގަ އެވެ.
ކޯޓުން މި އެންގުން އަންގައި، އެންގުމާއި އެއްގޮތަށް ގާސިމް ކޯޓަށް ހާޒިރުވެފައިނުވާއިރު ގާސިމް އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އެވެ. ގާސިމް އެޑްމިޓް ކޮށްފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި، ޝަރީއަތުގެ އަޑުއެހުން ކުރިއަށްދަނިކޮށް، އަނބުރައިގަނެގެން ވެއްޓުމުންނެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފް ކުރެއްވި ހުކުމުގައި ވަނީ ގާސިމްގެ ގައިގައި ހުރި ބައްޔެއް ދެނެގަތުމަށް ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހެދުމަށް އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދީފައިވާކަން އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެން ކަމުން އެ ހުކުމަކީ ބޭސް ފަރުވާއަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ގާސިމްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުުގައި ބުނެފައި ވަނީ، ގާސިމްއަށް ބޭނުންވާ ފަރުވާ އެ ހޮސްޕިޓަލުން ދެވެން ނެތުމުން ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ފޮނުވައި ދިނުމަށެވެ. އަދި ފަރުވާދިނުން ލަސްކޮށްފިނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް