އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުން ދީފި - ތަޅުދަނޑި ސިޓީ ކައުންސިލުގައި

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދީފައިވާ ކަމަށް ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ވު...

25 Jun 2026 | 13:20
އުސްގެކޮޅުގެ އެތެރޭގައި ގްރެފިޓީ ކުރަހައި ތަޅަށްވެސް ގެއްލުންދޭން މަސައްކަތް ކޮށްފައި - ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

އުސްގެކޮޅުގެ އެތެރޭގައި ގްރެފިޓީ ކުރަހައި ތަޅަށްވެސް ގެއްލުންދޭން މަސައްކަތް ކޮށްފައި - ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދީފައިވާ ކަމަށް ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ މި ކަން ސަމާލުކަމަށް އައުމާ އެކު ފުލުހުންނާ ގުޅިގެން ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (2019/12) ގެ ދަށުން ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ފާހަގަކުރި ގޮތުގައި އުސްގެކޮޅު ހިމެނޭ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން އުސްގެކޮޅުގެ ތަޅުދަނޑިއާއި ބެލެހެއްޓުން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން އެ ތަން ހަވާލުކޮށްފައެއް ނުވެއެވެ. ޤާނޫނާއި ޤަވާއިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުން ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

އުސްގެކޮޅަކީ 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) ބިނާކުރެއްވި 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ޢިމާރާތެކެވެ. އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ ކަމަށްވާ މި ޢިމާރާތުގައި މީގެ 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ވެސް ހުޅުވިއެވެ. ވުޒާރާއިން ބުނީ މިފަދަ ތާރީޚީ ތަންތަނަށް ދެވޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ލިބުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް