ހިރިމަރޫގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގުރުއާން މުބާރާތެއްގެ ތެރެއިން - ފޮޓޯ: ކައުންސިލް
ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުޞަތު، ހިރިމަރަދޫ ބެލެހެއްޓުމާ ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ހުޅުވައިލައިފިއެވެ. ނަން ނޯޓުކުރުމުގެ މުއްދަތަކީ 30 ދުވަހެވެ.
ހަނިމާދޫ ކައުންސިލުން ބުނީ ހޯރަފުށީ ކައުންސިލްގެ ޢާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ދައުވަތު ދީފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުން އެ ނިންމުން ނިންމީ ކުރީގެ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް މިދިޔަ މާޗް 27 ވަނަ ދުވަހުއެވެ. އެ ނިންމުމުގައި ވަނީ ހިރިމަރަދޫ މީހުންނަށް ހޯރަފުށިން ގޯތި ދިނުމަށެވެ.
ނަން ނޯޓުކުރަން ބޭނުންވާ މީހުންނަށް ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެއެވެ. އޭގެ އިތުރުން ކައުންސިލްގެ މެއިލް ނުވަތަ ފޯނު ނަންބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
ހޯރަފުށީގެ އާ ކައުންސިލުން ބުނީ ގޯތި ދޭން ނިންމީ ކުރީ ދައުރުގެ ކައުންސިލުން ކަމަށާއި އާ ކައުންސިލުން އެކަމާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ބަދަލުވާން ބޭނުންވާ މީހުންގެ ޢަދަދަށް ބަލައި އެއްބާރުލުން ދޭނެ ކަމަށެވެ.
ހިރިމަރަދޫއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އާބާދީ ކުޑަވުމުން ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި މިދިޔަ މެއި 17 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިރިމަރަދޫ އަކީ މީހުން ދިރިނޫޅޭ ރަށެއް ގޮތުގައި ކަނޑައަޅުއްވައި ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް