ވާހަކަ: ލޯބިވޭ އިންތިހާ – ސާދަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ''އެކަމަކު ސަކީނާ...... ސަކީނާއަށް ހަމަ ސާބަސް .......... ސަކީނާ އަބަދުވެސް ތިޔަ ވިސްނަނީ ކަމެއްގަ އޮންނަ އެންމެ ނުބައި ގޮތަށް ........ އެ ވެދާނެ ހަމަ ރައްޓެއްސަކަށްވެސް..........

25 Feb 2025 | 04:43

ކުރީގެ އަދަދާއި ގުޅޭ...

''އެކަމަކު ސަކީނާ...... ސަކީނާއަށް ހަމަ ސާބަސް .......... ސަކީނާ އަބަދުވެސް ތިޔަ ވިސްނަނީ ކަމެއްގަ އޮންނަ އެންމެ ނުބައި ގޮތަށް ........ އެ ވެދާނެ ހަމަ ރައްޓެއްސަކަށްވެސް..........'' މުސްތަފާ ހުރީ ހަމަޖެހިފައެވެ.

ސަކީނާ ވިސްނާލިއެވެ. އާނއެކެވެ. މުސްތަފާ އެބުނިހެންވެސް ވެދާނެއެވެ. މުސްތަފާ އެބުނިބުނުން ގަބޫލު ކުރުމަށްފަހު ސަކީނާ ހިތްހަމަ ޖައްސާލިއެވެ.

*******

ހަމްޒާ އަކީ ސަކީނާގެ ދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ހަމްޒާ ލިބުނީ، ފިރިހެން ދަރިއަކު ދެއްވާތޯ ކުރެވުނު އެތައް ދުޢާއަކަށްފަހުގައެވެ. ހަމްޒާ އަކީ ފިރިހެން ކުއްޖަކަށްވެފައި، އާއިލާގެ އެންމެ ހަގު ކުއްޖާކަމަށް ވުމުން، ހަމްޒާ ދެކެ އެ ދެމަފިރިންނަށް ލޯބިވެވެނީވެސް މާ ބޮޑަށެވެ. ހަމްޒާގެ ދޮއްޓަށް ތިބި ދެ އަންހެން ކުދިން ކައިވެނިކޮށް، ދެކުދިންވެސް އުޅެނީ ރާއްޖޭން ބޭރުގައެވެ. އެއްކުއްޖަކު މެލޭޝިޔާގައި ކިޔަވަމުންދާއިރު އަނެއްކުއްޖަކު ހުރީ އޮސްޓްރޭލިޔާގައެވެ. އެހެންކަމުން، މިހާރު އެ ބޮޑު ގޭގެ ދިރުމަކަށް ވެފައިވަނީ ހަމްޒާއެވެ.

އޭލެވެލް ނިންމުމަށްފަހު، ރާއްޖޭން ބޭރަށް ކިޔަވަންދާން ހަމްޒާވެސް އެދުނެވެ. އެހެންނަމަވެސް އެތައް ސަބަބު ތަކަކަށްޓަކައި، ސަކީނާ ހަމްޒާ ފޮނުވާކަށް ބޭނުމެއް ނުވިއެވެ. ޒަމާނުގެ އޮއިވަރުގައި ޖެހި ގޯސް މަގަކުން ހަމްޒާ ހިނގައިދާނެތީއެވެ. ދިރިއުޅުން ފަޅުވެ، ދެމަފިރިން އެކަނިވެރިކަން އިހްސާސް ކުރެވޭނެތީއެވެ. ހަމްޒާއާ މެދު އެދެމަފިރިން ދެކެމުން އަންނަ ހުވަފެން ހަޤީގަތަކަށް ހަދަން ކުރާ މަސައްކަތަށް ހުރަސް އެޅިދާނެތީއެވެ. ހަމްޒާއާ ވަކިން ސަކީނާއަށް އުޅެން އުނދަގޫވާނެތީވެސް މެއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދެއެވެ. ގޭތެރޭގެ ކަންކަން ހަމަ އާދައިގެ ގޮތަކަށް ކުރިއަށް ދިޔަ ނަމަވެސް، ފަހަކަށް އައިސް ހަމްޒާގެ އުޅުމަށް ބަދަލުތަކެއް އަންނަމުންދާކަމުގައި ސަކީނާއަށް ޤަބޫލު ކުރެވުނެވެ. ކައިބޮއި އުޅުމަށް އައި ބަދަލުތަކާއި އޭނާގެ އުޅުމަށް އައި ބަދަލުތަކެވެ. ގިނައިން މީހުނާ ވާހަކައްކާ ހީ ސަމާސަކޮށް، ރައްޓެހިންނާއެކު ބޭރަށް ގޮސް މަޖާކޮށް އުޅުނު އުޅުން ބަދަވަމުން ދިޔަގޮތެވެ. މިފަކަށް އައިސް ގިނަވަގުތު އޭނާ ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. ވިޔަފާރީގައި ބައިވެރިވެ އުޅުންވެސް ކުރިއަށްވުރެ މަދުވެއްޖެއެވެ. މިފަދަ އެތައް ކަމަކާ ސަކީނާ ވިސްނާ ވިސްނާ ވަރުބަލިވެއްޖެއެވެ.

ސަކީނާގެ ސިކުނޑި ހާސްވަމުންދިޔައީ،  ހަމްޒާއަށް އަންނަ ބަދަލުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއްކަން ނޭނގޭތީއެވެ. މިހާރުގެ ގިނަ ޒުވާނުން ފަދައިން، ހަމްޒާވެސް ގޯސްމަގެއް އިޚްތިޔާރު ކުރީ ނޫންބާވައޭ ބައެއްފަހަރު ސަކީނާގެ ހިތަށް އަރައެވެ. މިފަދަ ކޮންމެ ވަގުތެއްގައި އޭނާގެ ހިތަށް ބިރުވެރިކަމެއްގެ އިހްސާސް ކުރެވި އިތުރަށް ކަންބޮޑުވާގޮތް ވެއެވެ. މިފަދަ ކޮންމެ ފަހަރަކު އެފަދަ ގޮތަކަށް ކަންތައް ނުވުން އެދި ހިތާހިތުން ދުޢާ ކުރެވެއެވެ. ހަމްޒާއާ ދޭތެރޭ ސަކީނާ އިންތިހާއަށް ކަންބޮޑުވެއެވެ. އެހެނަސް މިވާހަކަތައް މާ ގިނައިން މުސްތަފާ ގާތު ސަކީނާއެއް ނުދައްކައެވެ. މާ ގިނައިން އެ ވާހަކަ ދައްކައިފިއްޔާ މުސްތަފާ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ.

ހެނދުނުގެ ވަގުތެވެ. މުސްތަފާވެސް ގޭގައި ހުރި ދުވަހެކެވެ. ގޭގައި ގެންގުޅޭ މީހުން، ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އަދާކުރުމުގައި އަވަދިނެތި އުޅެމުންދެއެވެ. ގޭތެރޭގެ މަސައްކަތުގެ ދެމީހަކު ގެންގުޅުނަމަވެސް، ސަކީނާ އަކީ މަސައްކަތް ނުކޮށް އިންނަ މީހެއް ނޫނެވެ. އެމީހުންނަށް މަސައްކަތް ކުރަންވީގޮތް ބުނެދީ، އަދި ބައެއް މަސައްކަތުގައި ސަކީނާވެސް ބައިވެރިވެ އެމީހުންނެކޭ އެއްވަރަށް މަސައްކަތް ކުރެއެވެ.

ހެނދުނުގެ ނާސްތާ ކާމޭޒުމައްޗަށް އަރުވާ ނިންމާލީ ސަކީނާގެ ސީދާ ބެލުމުގެ ދަށުންނެވެ. މުސްތަފާ އާއި ހަމްޒާ ގޭގައިތިބި ދުވަހަކަށްވާތީ، ނާސްތާ ތައްޔާރުކޮށްފައިވަނީ އެ ދެބަފައިންނަށް އެންމެ ކަމުދާގޮތަށެވެ. ކުޅިމަހާ ރޮއްޓެވެ. ހިކިމިރުހުގެ ކުޅި މަސްހުނީގެ އިތުރުން މުގުރިހައެވެ.

''އައްދެ......... ހާދަ ވަސްގަނޑު ރަނގަޅޭ............'' ސިޑިން ފައިބައިގެން ތިރިއަށް އައި މުސްތަފާ ނޭވާ އެތެރަށް ދަމާލަމުން ބުނެލިއެވެ.

''އާނ..... ދުވާ ވަހާއެއްވަރަށް ރަހަވެސް މީރުވާނެ ........... މުސްތަފާޔަށް އެންމެ މީރު ގޮތަށް މިހިރީ ކުޅިމަސް ހަދާފަ......... އަވަހަށް އާދޭ........ އިށީނދޭ.......'' ސަކީނާ މުސްތަފާ އިށީންނަން މޭޒުގެ އެއްކޮޅުގައި ހުރި ގޮނޑި ދަމާލަދިނެވެ. އެއީ އޭނާއަށް ހާއްސަ ގޮނޑިއެވެ. އެ ގޮނޑީގައި އެހެން މީހަކު ނީށީންދެއެވެ. އެކަމުގެ ފަހަތުގައި ވަކި ސަބަބެއް ނެތަސް، ފެށުނީއްސުރެވެސް އެކަން ހިނގަމުން އަންނަގޮތް ކަމުން އެކަން ''ހާއްސަ'' ކަމެއްގެ ގޮތުގައި އޮތީއެވެ.

''ކޮބާ ހަމްޒާ..........'' މުސްތަފާ ގޮނޑީގައި އިށިންނަމުން ސުވާލުކޮއްލިއެވެ.

''އަދި ނުތެދުވަނީހެން ހީވަނީ.......'' ސަކީނާ ޖަވާބުދިނީ އެއްވެސް ޖޯޝެއްނެތް ފިނި އަޑަކުންނެވެ. މަޑުމައިތިރިކަމާއެކުގައެވެ.

''ހަމްޒާ އެގޮތަށް ދުވާލު ދެބައިކުޅަ އެއްބައި ދަންދެން ނިދަން ނުބާއްވާށޭ ސަކީނާގާތު ބުނެވުނު އަދަދެއްވެސް ނޭނގޭ......... އަހަރެމެން ބޭނުންވާފަދައިން، ވިޔަފާރީގައި ހިންދަމާލެވޭ ވަރު މީހަކަށް ނުވެވޭނެ ހަމްޒާ އެގޮތަށް ނިދަން ބާއްވައިގެނެއް......... ނިކަން އަހަރެން ބަލާބަލަ.......... ރަށުން ބޭރުގަ ހުއްޓަސް ފަތިސް ނަމާދަށް ތެދުވަމޭ.......... ސަކީނާ ގޮވަން ޖެހުނުތަ އެންމެ ރެއަކުވެސް..........'' މުސްތަފާ ވާހަކަދެއްކީ ޔަގީން ކަމާއެކުގައެވެ. އެއީ ތެދެކެވެ. މުސްތަފާ އަކީ ފަތިހު ފަތިސް ނަމާދު ޖަމާއަތުގައި ކުރާމީހެކެވެ. ސަކީނާއަށްވެސް ގިނަ ފަހަރު ގޮވަނީ މުސްތަފާއެވެ. ފައިސާ އާ ތަނަވަސްކަން ހުރުމަކުން ކަންނެތް ކަމާއެކު ނިދަން އޮންނަން ޖެހޭނެ ކަމަކަށް މުސްތަފާ ގަބޫލެއް ނުކުރެއެވެ.

''ދޭބަލަ ހަމްޒާއަށް ގޮވަން........ މިހާރު އެއޮތް ނުވައެއް ޖަހަނީ........... '' މުސްތަފާ ޖޫސްތަށިން ކޯވަރެއް ބޯލަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

ބަސްއަހާ ކުޑަކުއްޖަކުފަދައިން ސަކީނާ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ހަމްޒާގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލިއެވެ. ދެފަހަރަކަށް ގޮވާވެސް ލައިފިއެވެ. ހަމްޒާގެ ހަބަރެއް ނުވިއެވެ. ދޮރުގެ އަތްގަނޑުގައި ހިފާ ސަކީނާ އަނބުރާލިއެވެ. ދޮރުހުރީ އެތެރެއިން ތަޅުނުލާކަމުން، އަތްގަނޑު އަނބުރާލުމާއެކު ދޮރު ހުޅުވުނެވެ. ހުޅުވުނު ދޮރު އިތުރަށް ހުޅުވާލުމަށްފަހު ސަކީނާ ކޮޓަރިތެރަށް ބޯކޮއްޕާލިއެވެ.

''މިވަރު ނުކޮށް މިސޮރަށް ފިނިވާކަމަކަށްވެސް ނުވޭ..........'' އޭސީގެ ފިނިފިނި ވައި ސަކީނާގެ މޫނުގައި ބީހިލުމާއެކު ހިތާހިތުން ބުނެވުނެވެ.

ކޮޓަރިތެރެ އަނދިރިކޮށް އޮތުމުން، ހަމްޒާ އަދިވެސް އޮތީ ނިދާފައިކަން ސަކީނާއަށް ޔަޤީންވިއެވެ. ކޮޓަރިއަށް ވަދެގެން ދިޔަ ސަކީނާ ހުއްޓުނީ ހަމްޒާގެ އެނދުކައރީގައެވެ. އޭރު ހަމްޒާ ނުހަނު އަރާމުގައި ނިދާލާފާއޮތެވެ. އިންތިހާއަށް ފިނިކޮށްފައިވާ ކޮޓަރީގެ ފިނިކަމާހެދިހެން ހީވެއެވެ. ހަމްޒާ އޮތީ މޫނު ނޫން ތަނެއް ނުފެންނަވަރަށް ރަޖާގަނޑު ތެރެއަށް ކުރުގެޅިގެންނެވެ. ހަމްޒާގެ މޫނަށް ބަލަން ހުރިއިރު ސަކީނާގެ ހިތް އޮތީ މައިވަންތަ ކަމުގެ ކުލުނާއި ލޯބިން ފުރިފައެވެ.

ސަކީނާ އެހެން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ހަމްޒާ ނިދާލާފައި އޮތްލެއް ރީތިކަމުން، އެދަފަ އަރާމު ނިދިން ހޭލައްވާލާކަށް ސަކީނާގެ ޒަމީރު ނުރުހުނީއެވެ. އެހެނަސް މުސްތަފާ އިންނާނީ ހަމްޒާގެ އިންތިޒާރުގައި ކަން ސަކީނާއަށް އެނގޭތީ،  އޭނާ ބޭނުންވީ ހިތާ ދެކޮޅަށްވެސް އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާ ހޭލައްވާށެވެ.

ހަމްޒާއަށް ގޮވަން ސަކީނާ އަނގަ ހުޅުވާލި ވަގުތު ބާލީސް ކައިރީގައި އޮތް ހަމްޒާގެ ފޯނު ދިއްލުނެވެ. ކޮންމެވެސް މީހަކު ގުޅަނީއެވެ. އަނދިރިކަމުގެ ތެރެއިން ދިއްލިފައިވާ ފޯނުގެ ސްކްރީނަށް ސަކީނާއަށް ބަލާލެވުނެވެ.

''ނޫރާ.........'' ނުހަނު ސާފުކޮށް ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަން ސަކީނާއަށް ކިޔާލެވުނެވެ. އެއްފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރަކު އެނަން ސަކީނާއަށް ކިޔާލެވިއްޖެއެވެ. އެހެންނަމަވެސް އަނގައިން އޭނާގެ އަޑު ބޭރެއް ނުވެއެވެ. ހަމައެކަނި ހަރަކާތް ކުރީ އޭނާގެ ތުންފަތެވެ.

ވައިބްރޭޓް ވަމުންދިޔަ ފޯނު ސަކީނާ ނަގައިފިއެވެ.  ސްކްރީނަށް ބަލަހައްޓައިގެ ހުރިއިރު އޭނާ ވިސްނަމުން ދިޔައީ ސްކްރީނަށް އަރާފައި އޮތް ނަމާ ދޭތެރޭގައެވެ. އޭރު ސަކީނާގެ ނިތްކުރިއަށް ދެތިން ރޫ އަރުވާލާފައިހުއްޓެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ހަނދާންކުރަން މަސައްކަތް ކުރަނީހެނެވެ. އާނއެކެވެ. ސަކީނާ ވިސްނާލީ އޭނާގެ އާއިލާގައި އެނަން ކިޔާ ކުއްޖަކު ހުރިތޯއެވެ. އޭނާގެ ސިކުނޑިއަށް ބާރުލާފައި ވިސްނާލީ، ނޫރާއަކީ މީގެ ކުރިން އަޑުއަހާފައިވާ ނަމެއްތޯއެވެ.

ސަކީނާ ވިސްނަން ހުއްޓާ ފޯނަށް އައިކޯލު ކެނޑުނެވެ. ފޯނުގެ ސްކްރީނުގައި މިސްވި ކޯލުތަކާއި ދެތިން މެސެޖާއި އަދިވެސް ކިތަންމެ ނޯޓިފިކޭޝަނެއްހުއްޓެވެ. އެހެނަސް އެއިން އެއްވެސް އެއްޗަކަށް ސަކީނާގެ ސަމާލުކަމެއް ނުހުއްޓުނެވެ.  އޭނާގެ ބޮޑުވެފައިވާ ދެލޯ އަމާޒުވެފައި ވަނީ ފޯނުގެ ސްކްރީނުން ފެންނަން ހުރި ފޮޓޯއަށެވެ. ފޯނުގެ ލޮކް ސްކްރީނަށް ހަމްޒާ ލާފައިވާ ނޫރާގެ ފޮޓޯއަށެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 27 ފެބްރުއަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް